އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ރޭ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅެން އޮތް މެޗުގައި އާސެނަލް ޓީމުގައި ކޮވިޑް-19ގެ ކޭސްތަކާއި އަނިޔާގެ މައްސަލަތަކާއި އަދިވެސް އެހެނިހެން އުނދަގޫތައް ހުރުމުން އެ މެޗުގައި ކުޅޭ ވަރަށް ކުޅުންތެރިން ހަމަނުވެދާނެ ކަމުގެ ބިރު އޮތުމާއެކު އެ މެޗު ފަސްކޮށްދޭން އެ ކްލަބުން ރަސްމީކޮށް ހުށަހަޅައިފިއެވެ.
އާސެނަލުން ރަސްމީ ވެބްސައިޓްގައި ނެރުނު ބަޔާނެއްގައި ވަނީ، އެ ކްލަބްގެ ބައެއް ކުޅުންތެރިން މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ކަޕްގައި ކެމަރޫންގައި ތިބިއިރު، ޓީމުގެ ކޭމްޕްގައި ކޮވިޑްގެ ކޭސްތަކެއް އޮތުމުގެ އިތުރުން އަނިޔާގެ ގިނަ މައްސަލަތައް ކުރިމަތިވެފައިވުމާއެކު އެ މެޗު ފަސްކުރަން ހުށަހަޅަން ޖެހުނީ "އެ ނޫން އެއްވެސް ގޮތެއް" މި ހާލަތަށް ބަލާއިރު، ނެތުމުން ކަމަށެވެ.
މިފަހަރުގެ ސީޒަނުގައި މިހާތަނަށްއައިއިރު، ލީގުގެ 20 މެޗެއް ކޮވިޑާ ހެދި ފަސްކުރަން ޖެހިފައިވެއެވެ. އެގޮތުން، އެންމެ ފަހު މެޗަކަށް ފަސްކުރި މެޗަކީ މި ހަފްތާގައި ލެސްޓާ ސިޓީއާ ދެކޮޅަށް ބާންލީ ކުޅެން އޮތް މެޗެވެ.
ބައެއް މީޑިއާ ހަބަރުތައް ބުނާގޮތުން، އާސެނަލުން ކުރިއަށް އޮތް ޓޮޓެންހަމް މެޗަށް އެކުލަވާލި ސްކޮޑުގައި ހިމެނެނީ 12 ކުޅުންތެރިންނާއި 2 ގޯލްކީޕަރުން އެކަންޏެވެ.
އާސެނަލުން، ޓޮޓެންހަމާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ހުށަހެޅި ޕްރޮޕޯސަލާ ބެހޭގޮތުން ޕްރިމިއާ ލީގުން މިއަދު ގޮތެއް ނިންމާނެއެވެ.
ކޮވިޑާ ހެދި ޕްރިމިއާ ލީގުން މެޗު ކުޅެން އަމަލުކުރަން ނިންމާފައިވާ ގަވާއިދުގައި ބުނާގޮތުން 13 ކުޅުންތެރިންނާއި އެއް ކީޕަރު މެޗު ކުޅެވޭ ހާލަތުގައި ހުރެފިނަމަ މެޗު ކުޅެން ޖެހޭނެ އެވެ.
