ނާސިސިޒަމް ނުވަތަ ނާސިސިސްޓިކް ބިހޭވިއަރ އަކީ އެކަމެއްގެ ސަބަބުން އެކަން ހުންނަ މީހުންގެ ވަށައިގެން ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑަށް ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އަނިޔާ ލިބިގެންދާ ކަމެކެވެ. ގިނަ އެބިއުސް ކޭސްތަކެއްގައިވެސް މިކަން ފާހަގަ ކުރެވިފައި ވެއެވެ. ވުމާއެކު މި އާޓިކަލް މި ހާއްސަ ކޮށްލަނީ މިކަމާއި ގުޅޭ މައުލޫމާތު ކޮޅެއް ހިއްސާކޮށްލުމަށެވެ.

ނާސިސިޒަމް އަކީ ކޮބާ؟

ނާސިސިޒަމް އަކީ ތިމާގެ ކިބުރުވެރިކަމާއި އަމިއްލަ އެދުން ހައްދުފަހަނައަޅައި ގޮސް ތިމާގެ ވަށައިގެން ދިރިއުޅޭމީހުންގެ ބޭނުންތަކާއި އިހްސާސްތަކާއި މެދު ވިސްނާލުމެއްނެތި އަމިއްލަ ނަފުސު ބޭނުންވާ ކަމެއް ހާސިލްކުރުމަށްޓަކައި ކޮންމެފަދަ ކަމެއް ކޮށްގެންވެސް އެކަމެއް ހާސިލްކުރަން ބޭނުން ވުމަށް ކިޔާނަމެކެވެ. ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ކޮންމެވެސް މިންވަރަކަށް މިކަން ހުންނައިރު މިކަމުގައި ހައްދުފަހަނައަޅައިގޮސް ނަފްސާނީ ބަލިމަޑުކަމަކަށް ނުވަތަ ޕަރސަނަލިޓީ ޑިސްއޯޑަރ އަކަށް ބަދަލު ވަނީ އެއްވެސް ވަރަކަށް އަނެކާގެ އިހުސާސްތަކަށް ކުޑަ މިންވަރަކަށްވެސް ވިސްނާލުން ނެތިގެންދާ ހިސާބުން ފެށިގެނެވެ. އަދި މިފަދަ މީހުންނަށް އެމީހެއްގެ އަމަލުތަކުގެ ސަބަބުން އަނެކާއަށް ކުރާނެ އަސަރު އެއްވެސް ވަރަކަށް ދެނެނުގަނެވޭނެއެވެ. އަދި އެމީހުންގެ އަމަލުތަކުގެ ސަބަބުން އަނެކާއަށް ދިމާވާ ކަމާއި މެދު ހިތާމަކޮށް ދެރައެއްވެސް ނުވާނެއެވެ.

ނަމަވެސް ހަނދާނުގަ ބެހެއްޓުން މުހިންމުކަމަކީ ކޮންމެ ނާސިސިސްޓަކީ އަދި ނާސިސިސްޓިކް ޕަސަނަލިޓީ ޑިސްއޯޑަރ ހުންނަ މީހެއް ނޫން ކަމެވެ. ނާސިސިސްޓިކް ޕަސަނަލިޓީ ޑިސްއޯޑަރގެ އޮތުގައި ބެލެވެނީ މަރުހަލާ ތަކަކަށް ފަހު އެންމެ ފަހު ނުވަތަ އެންމެ މަތީ މަރުހަލާ އާއި ހިސާބުންނެވެ. އަދި ނާސިސިޒަމް ހުންނަ އެހެން ފަރާތްތައް ހިމެނެނީ މި މަރުހަލާގެ ނުވަތަ ސްޕެކްޓްރަމްގެ ތަންކޮޅެއް ތިރީގައެވެ.

ނާސިސިޒަމް ހުންނަ މީހުން އާންމުގޮތެއްގައި ފާހަގަ ކުރެވިފައިވަނީ މީހުންނާއި މުއާމަލާތު ކުރުމުގައާއި އުޅޭ އުޅުމުގައި އަނެކާގެ ލޯތްބާއި އިތުބާރު ފަސޭހައިން ހޯދުމަށް ނުވަތަ އަނެކާގެ ހިތް އެމީހަކާއިމެދު ލަންބުވާލުމަށް މޮޅު ބައެއްގެ ގޮތުގައެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ ވަރަށް "ލޯބި" މީހެއްގެ ގޮތުގައެވެ. އެފަދަ މީހުން މީހަކާއި އެކުގައި ގުޅުމެއް ބަދަހި ކުރަން ފަށާއިރު އެއީ ރަހުމަތްތެރިކަމުގެ ގުޅުމެއް، ލޯބީގެ ގުޅުމެއް ނުވަތަ އާއިލީ ގުޅުމެއްނަމަވެސް އެމީހާގެ ނުރަނގަޅު ނުވަތަ "ނެގަޓިވް" ސިފަތައް އަނެކާއަކަށް ނުދައްކާނެއެވެ. ހާއްސަގޮތެއްގައި ލޯބީގެ ގުޅުން ތަކުގައެވެ. އާންމު ގޮތެއްގައި ނާސިސިޒަމް ހުންނަ މީހުން އެމީހަކާއި ގާތް ކުރާނީ ނުވަތަ އެކުގައި ރަހުމަތްތެރިންގެ ގޮތުގައިވެސް ބައިތިއްބާނީ އެމީހުންނަށް ތައުރީފުކޮށް އެމީހުން ހިތްހަމަޖެހޭ ވާހަކަ ދައްކާ މީހުންނެވެ. ނާސިސިސްޓިކް މީހުން ނަކީ ވަރަށް އީގޯ ހައި އަދި އަމިއްލަ އެދުން ބޮޑު ބަޔަކަށް ވާތީ އެމީހުން އަބަދުވެސް ތިބޭނީ އަނެކާގެ ތައުރިީފަށް އެދި އެދިއެވެ. އަދި ގިނަ ފަހަރަށް އެފަދަ މީހުން މީހުންނާއި ގުޅުން ބާއްވާނީވެސް އެމީހުންގެ އަމިއްލަ ނަފުސަށް އެކަމުން ފައިދާތަކެއް ލިބޭނެ ކަހަލަ މީހުންނާއި އެފަދަ ހާލަތް ތަކުގައެވެ.

ނާސިސިޒަމްގެ ވައްތަރުތައް

ނާސިސިސްޓިކް ބިހޭވިއަރގެ ދަށުން އަންނަ ދެވައްތަރެއް ހުރެއެވެ. މި ދެވައްތަރަކީވެސް ކުޑައިރުގައި ދިމާވާ ހާލަތްތަކަކާއި ގުޅިގެން ބޮޑުވެގެން އަންނައިރު އުފެދިގެން އަންނަ ސިފަތަކެކެވެ. އަދި މި ދެވައްތަރުގެ ސަބަބުން އެހެން މީހުންގެ މައްޗަށް އަމުރުކުރާ ނުވަތަ ކޮންޓްރޯލް ކުރާ ކުރުންތައް ނުވަތަ ކުރާގޮތް ތަފާތުވެގެންދެއެވެ.

ގްރޭންޑިއޯސް ނާސިސިޒަމް

ގްރޭންޑިއޯސް ނާސިސިޒަމް ހުންނަ މީހުން ގަބޫލު ކުރާނީ ނުވަތަ އެމީހުންގެ އަމަލުތަށް އާންމުގޮތެއްގައި ހުންނާނީ އެމީހާއަކީ އަނެކާޔަށްވުރެ މޮޅު މީހެއްގެގޮތުގައި ދެއްކުމަށެވެ. ގިނަ ފަހަރު މިގޮތަށް ދިމާވަނީ މިފަދަ މީހުންނަކީ ކުޑައިރު އެހެން މީހުންނަށްވުރެ މުއްސަނދި، މޮޅު ނުވަތަ އެހެން މީހުންނަށްވުރެ މާ މަތިވެރި މީހެއްގެ ގޮތުގައި އެމީހަކާއިމެދުގައި ކަންކަން ކުރެވި ނުވަތަ ވިސްނައިދެވިފައިވާތީއެވެ. މިފަދަ މީހުން އެމީހުންގެ މޮޅު ވާހަކަ އަމިއްލައިން ދައްކާ އަނެކާ ނިކަމެތިކޮށް މަލާމަތް ކުރާނެއެވެ.

ގްރޭންޑިއޯސް ނާސިސިޒްމް ހުންނަ މީހުންނަކީ ރުންކުރު، މީހުންގެ މައްޗަށް ވެރިވެގަނެ، ކަންކަމަށް ބާރާއި ނުފުޒު ފޯރުވައި އެމީހާގެ އަމިއްލަ ނަފުސުގެ ބޭނުންތައް ކުރިޔަށް ނެރޭ ބައެކެވެ. އަދި އެމީހުންނަކީ އަމިއްލަ ނަފުސަށް ވަރަށް އިތުބާރު ކުރާ އަނެކާއާއި މެދު ރަހުމު ނުކުރާ އަމިއްލަ އެދުން ބޮޑު ބައެކެވެ.

ވަލްނަރަބަލް ނާސިސިޒަމް

ވަލްނަރަބަލް ނާސިސިޒަމް އަކީ ކުޑައިރު އެމީހަކާއިމެދުގައި ވެވޭ އިހުމާލާއި ކުރެވޭ ގޯނާގެ ނަތީޖާއިން އެމީހާގެ އުޅުމަށް ނުވަތަ ވިސްނުމަށް އަންނަ ބަދަލުތަކުން އުފެދޭ ނާސިސިޒްމް އެކެވެ. ނާސިސިޒަމްގެ މިވައްތަރު ހުންނަ މީހުންނަކީ ވަރަށް ސެންސިޓިވް ނުވަތަ އެހެންމިހުން ބުނާ އެއްޗެހިން ނުވަތަ ކުރާ ކަމަކުން ފަސޭހައިން ދެރަވާ ނުވަތަ އަސަރު ކުރާ ބައެކެވެ.

މިފަދަ މީހުން ނާސިސިޒަމް ބޭނުން ކުރާނީ އޭނާ އަށް ވިސްނައިދީ އިހުސާސްކޮށްދީފައިވާ ނިކަމެތިކަމާއި އޭނާ އަކީ މީހެއްނޫންކަން ވިސްނިފައިވާ ވިސްނުމާއި އިހުސާސުން އަމިއްލަ ނަފުސު ސަލާމަތް ކުރުމަށެވެ. އެފަދަ މީހުންގެ ވިސްނުމާއި އަމަލުތައް ހުންނާނީ އެމީހާއަކީ އެހެންމީހުންގެ ކުރިމަތީގައި ނިކަމެތި ނުވަތަ އާރެއްބާރެއްނެތް މީހެއްގެ ގޮތުގައާއި އޭނާއަކީ އެހެންމީހުންނަށްވުރެ މާ މަތިވެރި މާ މޮޅު މީހެއްގެ ގޮތުގައި ދެކުމާއި މި ދެ ގޮތުގެ ދޭތެރޭގައެވެ. މިފަދަ މީހުންނަކީ އޭނާ އަކީ އެހެން މީހުނަށްވުރެ ހާއްސަ ނުވަތަ މުހިންމުމީހެއްގެ ގޮތުގައި އެމީހަކާއި މެދު އަމަލު ނުކުރާނަމަ ހިންހަމަނުޖެހި، ރުޅިއައިސް، ކަނބޮޑުވެ އަނެކާ ކޮންޓްރޯލްކޮށް މެނިފިއުލޭޓް ކުރާ ބައެކެވެ.

ނާސިސިޒަމްގެ ނިޝާންތައް

ނާސިސިޒަމް އަކީ އަދިވެސް އެކަމާއި ގުޅިގެން ރިސަރޗްތައް ހެދެމުންދާ ކަމެކެވެ. އަދި ގިނަ ފަހަރު ނާސިސިޒަމް ހުންނަ ފަރާތްތަކަކީ ފަރުވާ ހޯދުމަށްވެސް އިންކާރު ކުރާ ނުވަތަ އެފަދަ އެހީތެރިކަމަކަށް ނުވެސް އެދޭ ފަރާތް ތަކެވެ. އެހެން ނަމަވެސް އާންމުގޮތެެއްގައި ފާހަގަ ކުރިވިފައިވާ ބައެއް ކަހަލަ ނިޝާންތަކަށް ބަލައިލާނަމަވެ.

ތިމާ އަކީ އެހެންމީހުންނަށްވުރެ މޮޅު މީހެއްކަމުގައި އިހުސާސްވެފައި ހުރުން

އެމީހުންނަކީ އެހެންމީހުންނަށްވުރެ މޮޅު ނުވަތަ މާ މަތިވެރި މީހެއްކަމުގައި ދެކި އެމީހުންނަށް ކޮންމެކަމެއްގައިވެސް ވަކި ހާއްސަ ގޮތްތަކަކަށް އަމަލުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރެއެވެ. އަދި އެފަދަ މީހުން ގަބޫލް ކުރާނީ އެމީހުން ހަދާ ގަވާއިދުތަކަށާއި އެދޭ އެދުން ތަކަށް އެހެންމީހުން ދެކޮޅުވެރިކަމެއް ނެތި ތަބާވާން ޖެހޭނެ ކަމަށެވެ.

މެނިޕިއުލޭޓް ކުރުން

ނާސިސިޒަމްގެ އެންމެ ނުރައްކާތެރި އެއް ނިޝާނަކީ އެމީހާ ބޭނުންވާ ގޮތައް ކަންކަން ކުރުމަށް އަނެކާ މެނިޕިއުލޭޓްކޮށް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމެވެ. އެންމެ ފުރަތަމަ މިފަދަ މީހުން މަސައްކަތް ކުރާނި އަނެކާގެ ރުހުން ހޯދައި އެމީހަކު އޭނާގެ ބާރުގެ ދަށަށް ގެނައުމަށެވެ. އެއަށްފަހުގައި ދެން މަޑުމަޑުން އޭނާގެ ބޭނުންތައް ކުރިޔަށް ނެރެ ފުރިހަމަ ކޮންޓްރޯލް ނަގާ އޭނާ އެދޭ ގޮތައް ހުރިހައި ކަމެއް ކުރުމަށް ނަފަސާނީ ގޮތުން މަޖުބޫރު ކުރުވަން ފަށައެވެ.

މިފަދަ މީހުން އެމީހުންގެ ބާރުގެ ދަށުގައި ތިބޭ މީހުން އެހެންމީހުންނާއި އެކަހެރިކޮށްލުމަށް މަސައްކަތް ކުރެއެވެ. އެއީ އެހެން މީހުންގެ ފަރާތުން ރައްކާތެރިކަމެއް ނުވަތަ އެހިތެރިކަމެއް ލިބި އޭނާގެ މަގުސަދު ހާސިލް ނުވެދާނެ ކަމުގެ ބިރަށެވެ. އަދި މިފަދަ މީހުން އެމީހާގެ އަމިއްލަ ބޭނުމަށް ނުވަތަ ފައިދާއަށްޓަކައި އަނެކާގެ ބޭނުން ނަހަމަގޮތުގައިވެސް ހިފާ ފާނެއެވެ. އަދި ކޮންމެ ފަދަ ގެއްލުމެއް އަނެކާއަށް ދިނުމަށްވެސް ފަހަކަށް ނުޖެހޭނެއެވެ.

އަބަދުވެސް އޭނާއަށް ހުޝާމަދު ކުރަން ބޭނުންވުން.

މިފަދަ މީހުންގެ ފަރާތުން ދެން އެންމެބޮޑަށް ފާހަގަ ކުރެވޭ އެއް ސިފަ ނުވަތަ ނިޝާނަކީ އަބަދުވެސް އޭނާގެ ރަނގަޅު ވާހަކަ ނުވަތަ މޮޅު ވާހަަކަ އަނެކާގެ ފަރާތުން އެނގެން ނުވަތަ އަޑުއަހަން ބޭނުން ވުމުވެ. މިިފަދަ މީހުން އާންމުގޮތެއްގައި އެމީހުންނަށް ކިރިޔާ ކުޑަކަމެއް ހާސިލްވެފައި އޮތްނަމަވެސް އެކަން އަނެކާއަށް ދައްކާ ކިޔާ އެކަން ފާޅުކުރަން ބޭނުންވެއެވެ. އަދި މިފަދަ މީހުންނަށް އެމިހުން ކުރާކަންކަން ބަލައިގަނެ އެކަމުގެ މޮޅު ވާހަކަ ދައްކައިދިނުމަކީ އެމީހުން ވަރަށް އުފާވެ ހިތްހަމަޖެހޭނެ ކަމެކެވެ.

ހަމްދަރުދީ ނުވުން

މީހުންނާއި މެދު ހަމްދަރުދީ ނުވުމަކީވެސް ނާސިސިޒަމްގެ ނިޝާނެއް ނުވަތަ އަލާމަތެކެވެ. މީގެ މާނަ އަކީ އަނެކާގެ ބޭނުންތަކާއި އަނެކާގެ އިހުސާސަތަކަށް ސަމާލުކަން ނުދިނުމާއި ވިސްނާނުލުމެވެ. އަދި އެކަންކަމަށް އެއްވެސް ގަދަރެއްވެސް ނުކުރުމެވެ. އަދި މިފަދަ މީހުން އެމީހުން ކުރާ ގޯސް ކަމަކީ ގޯސް ކަމެއް ކަމަށް ގަބޫލެއްވެސް ނުކުރާނެއެވެ. އަދި އެއާ ހިލާފަށް އަބަދުވެސް އެމީހުން ދައްކަން މަސައްކަތް ކުރާނީ އަނެކާގެ ކުށެވެ.

ބޮޑާކަމާއި ކިބުރުވެރިކަން

ނާސިސިސްޓިކް ބިހޭވިއަރ ހުންނަ މިހުން ގަބޫލު ކުރަނީ އެމީހުންނަކީ އެހެން މީހުންނަށް ވުރެ މޮޅު ނުވަތަ ހާއްސަ ބައެއްގެ ގޮތުގައެވެ. އެހެން ކަމުން އެމީހުން ބޭނުންވާ ގޮތަށް އެމީހުންނާއި މެދުގައި އަމަލު ނުކުރާނަމަ އަނެކާއާއި މެދު އިހާނެތި ގޮތް ގޮތަށް އަމަލުކޮށް ބޭއަދަބީ ގޮތުން މުހާތަބުކޮށް އަނެކާއަށް އަނިޔާދީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ގޯނާކޮށް އަނިޔާކޮށް ހަދައެވެ. އަދި އެނާގެ ބާރުގެ ދަށުގައި ތިބޭ މީހުންނަށް އޭނާގެ ބާރު ދައްކައި އެމީހެއްގެ ނިކަމެތިކަން އިހުސާސްކޮށްދެއެވެ.

އަމަލު ކުރާނެ ގޮތް

  • ނާސިސިޒަމް އަކީ މާބޮޑު ފަރުވާއެއް މިކަމަށް ހޯދިފައިވާ ކަމެއްނޫން ނަމަވެސް ރަނގަޅު ގޮތުގައި ފަރުވާ ކުރެވިއްޖެނަމަ ނުވަތަ އެހީތެރިކަން ހޯދައިފިނަމަ ނާސިސިޒަމް ހުންނަ މީހަކަށް އެކަން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރެވިދާނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން އެމީހަކާއި އެމީހާއަައި އެކުގައި ދިރިއުޅޭ ފަރާތް ތަކަށްވެސް އެހީތެރިކަމަކަށް ވެގެންދާނެއެވެ. ގިނަފަހަރު ނާސިސިސްޓުންނަކީ އެމީހުންގެ ނަފުސަށް އޮންނަ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން މީހުންގެ ކުރިމަތީ އެމީހުންގެ އަގު ވެއްޓި ދެރަވެދާނެ ކަމުގެ ބިރަށް އެހީތެރިކަމެއް ހޯދުމަށް ބޭނުން ނުވާ މީހުންނެވެ. އަދި އެފަދަ މީހަކަށް އެހީހޯދުމަށް ދިއުމަށްޓަކައި ލޯބިވާ މީހެއްގެ އެހީތެރިކަމާއި ހިތްވަރު ލިބުމަކީ ވަރަށް މުހިންމުކަމެވެ.
  • ތިމާގެ ބައިވެރިޔާ އަކީ ނާސިސްޓިކް މީހެއް ކަމުގައިވާނަމަ އޭނާ ތިމާއާއި މެދުގައި ދެކޭގޮތް ނުވަތަ ކަންކުރަމުންދާ އުސޫލުތައް ބަދަލުކުރުމަށް އޭނާ ތިމާއާއި މެދުގައި އަމަލުކުރާގޮތަށް އޭނާއާއި މެދުގައި ކަންކޮށްފިނަމަ ވާނެގޮތް ނުވަތަ ކުރެވޭނެ އިހުސާސް ވިސްނައިދިނުމަށް މަސައްކަތް ކުރުމަކީ ބޭނުން ކުރެވިދާނެ އުކުޅެކެވެ.
  • ތިމާ އަމިއްލައަށް ތިމާގެ ނާސިސިޒަމް ހުރިކަމަށް އަމިއްލައިން ފާހަގަ ކުރެވިއްޖެނަމަ އަމިއްލަނަފުސަށް އޮތް ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށްލައި ހިތްތިރިކަމާއި އެކުގައި އަމިއްލަ ނަފުސު ދެނެގަތުމަށް މަސައްކަތް ކުރާށެވެ. އަދި އެހެން މީހުންނާއި ތިމާގެ ނަފުސު އަޅާކިޔުމާއި މީހުންގެ ރުހުމާއި މޮޅުބަސްތައް ހޯދުމަށް ކުރަމުންދާ މަސައްކަތާއި ދެއްކުންތެރިކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރާށެވެ. އަދި އިސްލާމް ދީނުގައި އަންގަވާފައިވާ ރިވެތި އުސޫލުތަކުގައި ހިފައި އެކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރާށެވެ.

މައުލޫމާތު : ވެބް އެމްޑީ