އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ވައްދާލި ލަނޑާއެކު 1-0 އިން ޗެލްސީ ބަލިކޮށް މެންޗެސްޓާ ސިޓީން ތާވަލްގެ ކުރީގައި 13 ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

މި ނަތީޖާއާއެކު ސިޓީ އެއްވަނައިގައި އޮތީ 22 މެޗުން ހޯދީ 56 ޕޮއިންޓާއެކު އެވެ. އޭގެ 13 ޕޮއިންޓް ފަހަތުން ދެވަނައިގައި ޗެލްސީ އޮތްއިރު، ތިންވަނައިގައި އޮތް ލިވަޕޫލަށް 20 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. ވެސްޓް ހޭމް ޔުނައިޓެޑަށް 21 މެޗުން ލިބުނު 37 ޕޮއިންޓާއެކު އޮތީ ހަތަރުވަނައިގައެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ޑިފެންޑަރު ޖޯން ސްޓޯންސް އާއި ޑި ބްރޭނާގެ އިތުރުން ޖެކް ގްރީލިޝް ފޮނުވާލި ހަމަލާތައް ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލަގާ ވަނީ ހުއްޓުވާފައެވެ.

ދެވަނަ ހާފުގައި ޗެލްސީން ކުޅުނު ރަނގަޅުކޮށް، އެ ޓީމުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރައެސް މަތަކުރިއިރު، ހަކީމް ޒިޔެޗް އާއި މާކޯސް އަލޮންސޯ ފޮނުވާލި ބޯޅަތައް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މި މެޗުގައި ސިޓީން ޖެހި ހަމައެކަނި ލަނޑު، 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑި ބްރޭނާ އެވެ. އެ ޓީމުގެ ޕޯޗުގީޒް ފުލްބެކް ޔާއޯ ކަންސޭލޯ ދިން ޕާހަކުން ޑި ބްރޭނާ މި ލަނޑުޖެހީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ހިތްގައިމު ޝޮޓަކުންނެވެ. މިއީ ޑި ބްރޭނާގެ ކެރިއަރުގައި ޗެލްސީ ކޮޅަށް ވައްދާލި ފަސްވަނަ ގޯލެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެވަޓަން އަތުން އަމިއްލަ ދަނޑުގައި 2-1 އިން ނޯވިޗް ސިޓީ މޮޅުވިއިރު ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސައުތެމްޓަން އަތުން ވުލްވްސްގެ ދަނޑުގައި އެ ޓީމު މޮޅުވީ 3-1 އިންނެވެ.