ނިއުޒިލޭންޑުގެ މީހެއްގެ ކަންފަތުން ކުރަތްޕެއް ނަގައިިފިއެވެ. އުމުރުން 40 އަހަރުގެ ޒެން ވެޑިން ނަމަކަށް ކިޔާ މި މީހާގެ ވާތު ކަންފަތުން ކުރަތްޕެއް ނަގާފައި ވަނީ އެ ކުރަފި އޭނާގެ ކަންފަތަށް ވަތްތާ ދުވަސްތަކެއް ފަހުންނެވެ.
އޭނާއާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެގައުމުގެ އޮކްލޭންޑުގައި ހުންނަ އާންމު ސްވިމިން ޕޫލަކަށް އޭނާ އެރުނެވެ. އަދި އޭގެ ފަހުން އެ ކަންފަތް ބައްވެފާ ހުންނަ ކަމަށާއި ބަރުވެފައި ހުންނަ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭގެ ފަހުގައި އެ ސަރަހައްދުގެ ކޮމިއުނިޓީ ހެލްތް ވޯކަރެއްގެ އަރިހުގައި އެވާހަކަ ދެންނެވުމުން ކަންފަތުގައި މަޑު ލާފައި ހުރިކަމަށްބުނެ ބޭސް ދިނެވެ. ނަމަވެސް އޭނާ އެ ބޭސް ކުރާތާ ތިންވަނަ އަށް ވީ ދުވަހުވެސް، ކަންފަތުގައި ހުރި އުނދަގޫތަކަށް ލުޔެއް ނުލިބުނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ޑަކްޓަރަށް ދިޔައީ އޭގެ ތިން ދުވަސްފަހުންނެވެ. ޑަކްޓަރަކަށް ގޮސް އޮޓޯސްކޯޕަކުން ކަންފަތް ބެލި އިރު ކަންފަތުގައި ދިރޭ އެއްޗެއް އިނެވެ. އެއާއި އެކު ޑަކްޓަރުން ވަނީ އެ އެއްޗެއް ނަގާފައެވެ. ރިޕޯޓުތައް ބުނާގޮތުގައި އެއީ ކުރަފީގެ ބާވަތެއް ކަމަށްވާ އަސުރަތްޕެކެވެ. އޭގައި ގާތްގަނޑަކަށް އިންޗިއެއްގެ ދިގުމިން ހުންނާނެއެވެ. ނުވަތަ އެއަށްވުރެ ދިގުވާނެއެވެ. ކުރަފި ނެގި އިރު ކުރަފި އޮތީ މަރުވެފައެވެ. އަދި އެސޮރުގެ ފިޔައިން ބައެއް ވަނީ ހަލާކުވެ ނެތިގޮސްފައެވެ.
ޒެން ބުނާގޮތުގައި އޭނާ އަކީ ކުރަފި ދެކެ އިންތިހާއަށް ބިރުގަންނަ މީހެއްކަމަށާއި ކިރިޔާވެސް ކަންފަތަށް ކުރަތްޕެއް ވަމުނުގެ ފުރުސަތު އޭނާއަށް އެނގިގެން ނުލިބޭނޭ ކަމަށެވެ. އަދި އެ ޕޫލަކީ ސާފުކޮށް ބަލަހައްޓާ ޕޫލެއް ކަމަށާއި އެތަނުންވެސް ކަންފަތަށް ކުރަތްޕެއް ވަދެދާނޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އޭނާ ބުނާގޮތުގައި ކަންފަތަށް ކުރަފި ވަދެފައިވާ ކަމަށް ބެލެވެނީ ނިދީގައެވެ.
