އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އިން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުންއަރައި 2-2 އިން އެއްވަރުކޮށްފިއެވެ.

މިއީ ޔުނައިޓެޑުން ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅެއް ނުލިބި ނިންމާލަންޖެހުނު ތިންވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ވުލްވްސް އަތުން އަމިއްލަ ދަނޑުގައި ބަލިވީ 1-0 އިންނެވެ.

ރޭގެ ނަތީޖާއާއެކު ޔުނައިޓެޑަށް ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކުރަމުންއަންނަ އުއްމީދުތަކަށް ވަނީ ހުރަސްއެޅިފައެވެ. ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 20 މެޗުން ލިބުނު 32 ޕޮއިންޓާއެކު އޮތީ ތާވަލްގެ ހަތްވަނައިގައެވެ. ހަވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް 18 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް 20 މެޗުން ލިބުނު 35 ޕޮއިންޓާއެކު އޮތީ ފަސްވަނައިގައެވެ. މިވަގުތު ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 21 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ.

ޔުނައިޓެޑުން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ނުކުޅެއެވެ. މި މެޗަށް ނިކުތް އެސްޓަން ވިލާ ޓީމުގައި ދާދިފަހުން އެ ޓީމާ ގުޅުނު އެވަޓަންގެ ފުލްބެކް ލޫކަސް ޑީނިއޭ ފުރަތަމަ އެގާރައިގައި ހިމެނުނުއިރު، ބާސެލޯނާ އިން ލޯން އުސޫލުން އެ ޓީމަށް ބަދަލުވި ފިލިއްޕޭ ކުޓީނިއޯ މެޗު ފެށީ ބެންޗުންނެވެ.

ވިލާ ޕާކްގައި ރޭ ކުޅުނު މެޗު ފެށިގެން ހަވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑްނަގައިދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. މި ހާފުގައި އެސްޓަން ވިލާގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ހުއްޓުވިއެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު ފްރެޑް ދިން ޕާހަކުން ލީޑް ފުޅާކޮށްދިނީ ވެސް ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަންކަން ކުރި ފެނާންޑޭސް އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ.

އެސްޓަން ވިލާ އިން މި މެޗުގައި ފުރަތަަމަ ލަނޑު، 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޭކޮބް ރަމްސީ އެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކުޓީނިއޯ އާއި އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ކާނީ ޗުކުމޭކާ ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުން ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް ކުޓީނިއޯ ވަނީ އެސްޓަން ވިލާ އަށް އެއްވަރުކޮށްދީފައެވެ. ކުޓީނިއޯ މި ލަނޑުޖެހީ ރަމްސީ ތަނަވަސްކުރި ފުރުޞަތަކުންނެވެ.