އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-0 އިން ބްރެންޓްފޯޑް ބަލިކޮށް ލިވަޕޫލުން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް ދެވަނައިގައި އޮތީ ކުޅުނު 21 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ އަށް 22 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 22 މެޗުން 43 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑުން މިރޭ ކުޅުނު މެޗުގައި 3-2 އިން ލީޑްސް ޔުނައިޓެޑް އަތުން ބަލިވުމުން ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ އެހެން ޓީމުތަކާ ދެމެދު އޮތް ފަރަގު ބޮޑު ކުރަން ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. ވެސްޓް ހޭމަށް 22 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ.

އެންފީލްޑްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑްނަގައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ފޮނުވާލި ބޯޅަ ބްރެންޓްފޯޑްގެ ގޯލްކީޕަރު އަލްވާރޯ ފެނާންޑޭޒް މަތަކުރިއިރު، މި ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އެވެ. މިއީ ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ފަބީނިއޯ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑު، 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެލެކްސް އޮކްސްލޭޑް-ޗެމްބަލެއިން އެވެ. އެ ޓީމުގެ ސްކޮޓްލެންޑް ފުލްބެކް އެންޑީ ރޮބަޓްސަން ނެގި ހުރަހަކުން ޗެމްބަލެއިން މިލަނޑުޖެހީ ބޮލުންނެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ތިންވަނަ ލަނޑު، 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ އެވެ. މިއީ ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން މިނަމީނޯ ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި މިރޭ ކުޅުނު އަނެއް މެޗުގައި ވެސްޓް ހޭމްގެ ދަނޑުގައި 3-2 އިން ލީޑްސް އަތުން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ ހާފު ލީޑްސް އިން ނިންމާލީ 2-1 އިން ކުރީގައި އޮވެގެންނެވެ. މެޗުގެ ފެށިގެން 10 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ޖެކް ހެރިސަން އެވެ. އެކަމަކު، މެޗުގެ 34 ވަނަ މިނެޓުގައި ޖަރޮޑް ބޮވެން ވަނީ ވެސްޓް ހޭމަށް އެއްވަރުކޮށްދީފައެވެ. ނަމަވެސް، އޭގެ ތިން މިނެޓުފަހުން ހެރިސަން ވަނީ ލީޑްސް އަށް އަލުން ލީޑްނަގައިދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ވެސްޓް ހޭމުން ދެވަނަ ފަހަރަށް އެއްވަރުކުރީ ޕަބްލޯ ފޯނާލްސް ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 60 ވަނަ މިނެޓުގައި ހެރިސަން ވަނީ ހެޓްރިކް ފުރިހަމަކޮށް ލީޑްސް އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މެޗުގެ އިތުރުވަގުތުގައި ވެސްޓް ހޭމަށް އަލުން އެއްވަރުކޮށްދޭން ބޮވެން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.