ފީފާ އިން ކޮންމެ އަހަރަކު ދެމުން އަންނަ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެސްޓް އެވޯޑް، މި ފަހަރުވެސް ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ހޯދައިފިއެވެ.

މިއީ މި އެވޯޑް، ލެވަންޑޯސްކީ ޖެހިޖެހިގެން ހޯދީ ދެވަނަ ފަހަރެވެ. މިފަހަރު ލެވަންޑޯސްކީގެ ފަހަތުން ދެން ވާދަކުރީ ދާދިފަހުން ހަތްވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް ހާސިލްކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ އިތުރުން ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު އެވެ. މިދިޔަ އަހަރުގެ އެވޯޑް ލެވަންޑޯސްކީ ހޯދީ މެސީ އާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލައިފައެވެ. 

މިފަހަރުގެ ފީފާ ބެސްޓް އެވޯޑް، ލެވަންޑޯސްކީ ހާސިލްކުރީ 48 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ އަށް ދިޔަ މެސީ އަށް 44 ޕޮއިންޓް ލިބުނުއިރު، ސަލާހަށް ލިބުނީ 39 ޕޮއިންޓެވެ.

ލެވަންޑޯސްކީ އަށް މިދިޔަ އަހަރުގެ ފީފާ ބެސްޓް އެވޯޑް ލިބުމުގެ މައިގަނޑު ސަބަބަކީ ކްލަބު ލެވެލްގައި ބަޔާންގައި ދައްކަމުން އަންނަ މޮޅު ކުޅުމެވެ. އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑާއެކު ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ނަމަވެސް އޭނާ ވަނީ ނިމިދިޔަ އަހަރުގައި ޖުމްލަ 69 ލަނޑުޖަހާފައެވެ. އޭގެތެރެއިން، ޖަރުމަނު ބުންޑެސްލީގާގައި ކުޅުނު 34 މެޗުގައި 43 ގޯލްޖަހައި, މީގެ 49 އަހަރު ކުރީން ކުރީގެ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރެކޯޑެއް މުގުރާލައިފައިވެއެވެ.

މި އަހަރުގެ ބެސްޓް އެވޯޑަށް ދެން އެންމެ ވާދަކުރި މެސީ ވަނީ ނިމިދިޔަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާގައި މޮޅު ކުޅުމެއް ދައްކައި އާޖެންޓީނާ އަށް އެ މުބާރާތް ކާމިޔާބުކޮށްދީފައެވެ. އެގޮތުން، އެ މުބާރާތުގެ ހުރިހާ އިންޑިވިޖުއަލް ޓްރޮފީއެއް ހާސިލްކުރީ ވެސް މެސީ އެވެ.

ލިވަޕޫލްގެ ފޯވާޑް ސަލާހު، މިވަގުތު ވަރަށް ރަނގަޅު ފޯމެއްގައި ހުރިއިރު މިސްރުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދިނުމުގެ ރެކޯޑް ވެސް އޭނާ ވަނީ މުގުރާލައިފައެވެ. 

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ފީފާ އިން ދޭ އެވޯޑް ހާސިލްކުރީ ދާދިފަހުން ބެލޮންޑިއޯ ފެމިނިން ޓްރޮފީ ހޯދި ބާސެލޯނާގެ ތަރި އަލެކްސިއާ ޕުޓޭޔާސް އެވެ. ފީފާގެ އެންމެ މޮޅު ކޯޗުގެ މަގާމު އަންހެން އަދި ފިރިހެނުންގެ ފުޓްބޯޅައިގައި ހޯދީ ވެސް ޗެލްސީގެ ކޯޗުންނެވެ. ޗެލްސީ އަށް އެންމެ ފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް ހޯދައިދިން ތޯމަސް ޓުޗެލް އަށް ފިރިހެން މޮޅު ކޯޗުގެ މަގާމު ލިބުނުއިރު، އަންހެން މޮޅު ކޯޗަކަށް ހޮވުނީ ޗެލްސީ އަންހެން ޓީމުގެ ކޯޗު އެމާ ހޭސް އެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ ޓްރޮފީ ހޯދީ ޗެލްސީގެ އެޑޮއާޑް މެންޑީ އެވެ. މެންޑީ އާއި އިޓަލީގެ ގޯލްކީޕަރި ޖިއަންލުއިޖީ ޑޮންނަރުންމާ އަށް ޕޮއިންޓް ލިބުނީ އެއްވަރަށެވެ. އެއީ 24 ޕޮއިންޓެވެ. އެކަމަކު، ކެޕްޓަނުންގެ ވޯޓު ގިނައިން ލިބުނީ މެންޑީ އަށް ކަމަށްވާތީ މޮޅު ކީޕަރުގެ އެވޯޑް މެންޑީ އަށް ދިނީ އެވެ.

ފީފާގެ ޑްރީމް ޓީމު، ފިފްޕްރޯ 11ގައި ހިމެނުނު ކުޅުންތެރިން. --ފޮޓޯ: ފިފްޕްރޯ

މިފަހަރުގެ ފީފާގެ ޑްރީމް ޓީމު، ފިފްޕްރޯ 11ގައި ގޯލުކީޕަރަކަށް ޑޮންނަރުންމާ ހިމެނުނުއިރު، ޑިފެންޑަރުންގެ ގޮތުގައި ތިބީ މެންޗެސްޓާ ސިޓީގެ ރުބެން ޑިއާޒް، ޔުވެންޓަސްގެ ލިއޮނާޑޯ ބޮނޫޗީ އަދި ރެއާލް މެޑްރިޑްގެ ޑޭވިޑް އަލަބާ، މިޑްފީލްޑަރުންނަށް ޗެލްސީގެ ޖޯޖީނިއޯ އާއި އެންގޯލޯ ކާންޓޭ އަދި ސިޓީގެ ކެވިން ޑިބްރޭނާގެ އިތުރުން ފޯވާޑުންނަށް މެސީ އާއި ރޮނާލްޑޯ އަދި ލެވަންޑޯސްކީގެ އިތުރުން ބޮރޫޝިއާ ޑޯޓްމަންޑްގެ ނޯވޭ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ.

ފީފާގެ އެންމެ މޮޅު ސަޕޯޓަރުންގެ އެވޯޑާއި ފެއާ ޕްލޭ އެވޯޑް ލިބުނީ ޑެންމާކް ޓީމާއި ޑެންމާކްގެ މެޑިކަލް ޓީމުގެ އިތުރުން ޑެންމާކްގެ ސަޕޯޓަރުންނާއި ފިންލެންޑްގެ ސަޕޯޓަރުންނަށެވެ. އެންމެ މޮޅު ގޯލަކަށް ދޭ ޕުސްކަސް އެވޯޑް ހާސިލްކުރީ ޓޮޓެންހަމް އަށް ކުރިން ކުޅުނު އާޖެންޓީނާގެ އެރިިކް ލަމޭލާ އެވެ. މި ގޯލަކީ ލަމޭލާ އާސެނަލް ކޮޅަށް ޖެހި ރަބޯނާ ކިކް ގޯލެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީގެން އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ ރެކޯޑް މިދިޔަ އަހަރު މުގުރާލި ރޮނާލްޑޯ އަށް ވަނީ ފީފާގެ ހާއްސަ އެވޯޑެއް ދީފަ އެވެ. 109 ގޯލު ޖަަހައިގެން އަލީ ދާއީ ހަދާފައިވާ ރެކޯޑް މުގުރާލައި ރޮނާލްޑޯ ވަނީ 115 ގޯލު ޖަހައިފައެވެ.