ދީޕިކާ ޕަދުކޯންގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތަށް ތައްޔާރުވުމަށް، ސިފައަށް ބޮޑު ބަދަލެއް ގެނެސް އިތުރަށް ތާޒާވެލަން ސެލޫންއަށް ޒިޔާރަތްކުރި ވީޑިއޯއެއް ދީޕިކާގެ ފޭން ޕޭޖެގައި ވަނީ އާންމުކޮށްފައެވެ. ޝަކުން ބަތުރާ ޑިރެކްޓް ކުރާ ފިލްމުގެ މަސައްކަތަށް ދީޕިކާ ތައްޔާރުވި އިރު އެހެން ބައެއް ތަރިންވެސް ވަނީ އަނބުރާ މަސައްކަތަށް ނިކުންނަން ފަށާފައެވެ. 5 މަހަށް ދިގު ދެމިގެން ދިޔަ ލޮކްޑައުން އަށް ފަހު އަކްޝޭ ކުމާރުވެސް ވަނީ އޭނާގެ ބެލް ބޮޓަމްގެ މަސައްކަތް ފަށާފައެވެ.
ދީޕިކާގެ މި ފިލްމުގެ ޝޫޓިން އޮންނަނީ ގޯއާގައެވެ. އެހެންކަމުން ގޯއާއަށް ފުރުމުގެ ކުރިން ސެލޫންއަށް ގޮސް އިސްތަށިގަނޑަށް ފަރުވާ އެއް ނަގާ، ފިލްމުގައި އޭނާ ކުޅޭ ރޯލާއި ގުޅޭ ގޮތަކަށް ވަނީ އިސްތަށިގަނޑު ސްޓައިލް ކޮށްލާފައެވެ.
ދީޕިކާގެ މި ފިލްމުގައި އޭނާއާއި އެކު ދެން ފެނިގެންދާ ފަންނާނުންގެ ތެރޭގައި ސިއްދާތު ޗަތުރުވެދީ އަދި އަނަންޔާ ޕާންޑޭ ހިމެނެއެވެ. ދަރްމާ ޕްރަޑަކްޝަން އިން އުފައްދާ މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ވެލަންޓައިންސް ޑޭ ގައެވެ.
މީގެ އިތުރުންވެސް ފިރިމީހާ ރަންވީރު ސިންގް އާއި އެކު ފެނިގެންދާ ފިލްމުގެ "83" ގެ މަސައްކަތްވެސް އަލުން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. 1983 ވަނަ އަހަރުގެ ކްރިކެޓް ވޯރލްޑް ކަޕްގެ ކާމިޔާބީގެ މައްޗަށް ތައްޔާރު ކުރެވޭ ފިލްމު މިއަހަރު އޭޕްރިލްގައި އަޅުވަން މަސައްކަތް ކުރި ނަމަވެސް ލޮކްޑައުންގެ ސަބަބުން ފަސްކުރެވި، ދެން ރިލީޒް ކުރެވޭނެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.
ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 13 އަހަރު ފުރުން މި އަހަރު ފާހަގަ ކުރާ ދީޕިކާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، އޯމް ޝާންތީ އޯމް، ލަވް އާޖް ކަލް، ހައުސް ފުލް، ކޮކްޓެއިލް، ރޭސް ފަދަ ފިލްމުތައް ހިމެނެއެވެ. އެންމެ ފަހުން ދީޕިކާ ފެނިގެން ގޮސްފައިވަނީ މެގްނާ ގުލްޒާރުގެ "ޗަޕާކް" އިންނެވެ.
