އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބްރައިޓަން ހޯވް އެންޑް އެލްބިއަންއާ 1-1 އިން އެއްވަރުވެ، ޗެލްސީން ލީގުގެ ރޭހުގައި އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

މިއީ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅެއް ނުލިބި ނިންމާލަންޖެހުނު ހަވަނަ ފަހަރެވެ. އޭގެތެރެއިން އެއް މެޗުން ބަލިވިއިރު، ފަސް މެޗުން ވަނީ އެއްވަރުވެފައެވެ. މޮޅުވީ އެންމެ މެޗަކުންނެވެ.

ރޭގެ ނަތީޖާއާއެކު ޗެލްސީ އަށް ލީގުގެ ދެވަނަ އަށް އަރަން ލިބުނު ފުރުޞަތުވަނީ ގެއްލިފައެވެ. މިވަގުތު އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީ އަށް 22 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، އޭގެ 11 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ޗެލްސީ ތިންވަނައިގައި އޮތީ 23 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 22 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން އެ ޓީމުން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް ކުރީން ލީޑްނެގީ ޗެލްސީ އިންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ހަކީމް ޒިޔެޗް އެވެ. 

ދެވަނަ ހާފުގެ ކުޅުން ފެށިގެން 15 ވަރަކަށް މިނެޓުގެ ތެރޭގައި ބްރައިޓަން އަށް އެއްވަރުކޮށްދިނީ ކެޕްޓަން އެޑަމް ވެބްސްޓާ އެވެ. މިއީ އެ ޓީމުގެ އެލްކްސިސް މެކަލިސްޓާ ނެގި ކޯނަރަކުން ވެބްސްޓާ ބޮލުން ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، މެކަލިސްޓާ ފޮނުވާލި ހަމަލާއެއް ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފައެވެ.

އޭގެފަހުން، ބްރައިޓަން މޮޅުކޮށްދޭން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނީލް މޯޕޭ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ޗެލްސީގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބްރައިޓަންގެ ކީޕަރު ރޮބަޓް ސަންޗޭޒް އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ދެ މެޗުގައި ލެސްޓާ ސިޓީގެ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ނިކުންނައިރު، މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި ނިކުންނާނީ ބްރެންޓްފޯޑާ ދެކޮޅަށެވެ.