މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި ރޭ ކްލަބު ވެލެންސިއާ އިން 1-0 ގެ ނަތީޖާއަކުން މާޒިޔާ ބަލިކޮށް ލީގު ބުރުގެ އެއްވަނަ މަގާމް ހޯދިއިރު، ލަނޑުގެ ތަފާތުން ފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރީ މާޒިޔާ އެވެ.

މިއީ މި ފަހަރުގެ ސީޒަން ހުޅުވި ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަތުން 5-0 އިން ބަލިވުމުން ވެލެންސިއާ އިން އޭގެ ބަދަލުގައި ހޯދި ރަނގަޅު ބަދަލުހިފުމެކެވެ. 

ރޭގެ މެޗާއެކު ލީގު ބުރުގެ ހުރިހާ މެޗެއް ނިމުނުއިރު ވެލެންސިއާ އެއްވަނަ ހޯދީ 19 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މާޒިޔާ އާއި ތިންވަނަ އަށް ދިޔަ ކްލަބް ގްރީން ސްޓްރީޓްސް އަށް ލިބުނީ 15 ޕޮއިންޓެވެ. މާޒިޔާ އަށް ކުރިލިބުނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް 12 ޕޮއިންޓް ލިބުނުއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ފަސްވަނަ ލިބުނީ ކްލަބް އީގަލްސް އަށެވެ. ހަވަނައިގައި އޮތް ޓީސީ ސްޕޯޓްސް އަށް ހަ ޕޮއިންތް ލިބުނުއިރު، ހަތެއްގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ދަ ގްރާންޑޭ އެވެ.

ވެލެންސިއާ އަށް ރޭގެ މެޗަށް ނިކުތުމުގެ ކުރީން ފައިނަލްގެ ޖާގައެއް ކަށަވަރުވީ، އިއްޔެ ހަވީރު އީގަލްސް އަތުން 4-1 އިން ގްރީން ސްޓްރީޓްސް ބަލިވުމުންނެވެ. އެ ޓީމުން މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ވެލެންސިއާ ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވިއިރު، އަނެއް މެޗުން ވީ އެއްވަރެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ އެ ޓީމުގެ ސްޕެއިން ފޯވާޑް ބޯހަސް މާޓީން ދިން ބޯޅައަކުން ސެންޓޭ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ ކުޅުން ނިމެން 19 މިނެޓަށްވެފައިވަނިކޮށް ވެލެންސިއާގެ ލީޑް ފުޅާކޮށްދޭން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ހުސެއިން ހަނާން އަށް މާޒިޔާގެ ހައިޝަމް ހަސަން (ބިޑި) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ސެންޓޭ ފޮނުވާލުމުން މާޒިޔާގެ ކީޕަރު ކިރަން ކުމާރް ޝެމްޝޮން މަތަކުރިއެވެ.

އޭގެފަހުން، މެޗުގެ 76 ވަނަ މިނެޓުގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ޕެނަލްޓީއޭރިޔާ ބޭރުން ކުރި ފައުލަކަށް ރެފްރީ ވަނީ ވެލެންސިއާގެ ސްރީ ލަންކާ ޑިފެންޑަރު ޑަކްސަން ޕުސްލާސް އަށް ރަތް ކާޑު ދައްކާފައެވެ. އެކަމަކު، ވެލެންސިއާގެ ކުޅުންތެރިން އެޕީލްކުރުމުން ރެފްރީ ވަނީ ޑަކްސަން އަށް ދެއްކި ރަތް ކާޑު ކެންސަލްކުރުމަށްފަހު އެ ޓީމުގެ އަހުމަދު ސިޒާން އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މެޗުގެ ފަހު ބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ވެލެންސިއާ އިން ވަނީ މާޒިޔާ އަށް ގޯލެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި އަންނަ އާދިއްތަ ދުވަހު ހަވީރު ރ. އަލިފުށީ ޓާފް ދަނޑުގައި ވެލެންސިއާ ނިކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.