އިންސާނާއަަށް އަޑު އިވުމާ އަޑު އެހުމުގެ ގާބިލުކަން ލިބުމުގައި ފުރިހަމައަށް މަސައްކަތްކުރާ، ދުޅަހެޔޮ ކަންފަތެއް ބޭނުންވާނެއެވެ. މި ކަންފަތުގެ ދުޅަހެޔޮކަން ދެމި ހުރުމުގައި އިންސާނާ އޭނާގެ ކަންފަތުގެ ސާފްތާހިރުކަމާއި އަދި އެނޫންވެސް ގޮތްގޮތުން ކަންފަތައް ރައްކާތެރިވާން ޖެހޭނެއެވެ. މި ލިޔުމުގައި މި ބަލާލަނީ އާންމުކޮށް ކަންފަތަށް ދިމައިވާ އެއް މައްސަލަ ކަމުގައިވާ ކަންފަތް ބައްވުމަށެވެ. މި ހާލަތަކަށަ އިނގިރޭސި ބަހުން "އިއަރ ބަރޯޓަރައުމާ" ނުވަތަ "ބަރޯޓައިޓިސް މީޑިއާ" އޭ ކިޔައެވެ.
ކަންފަތް ބައްވުމަކީ ތިމާ އުޅޭ މާހައުލެއްގައި ހުންނަ ވައިގެ ޕުރެސަރާއި، ތިމާގެ ކަންފަތުގެ އެތެރޭގައި ހުންނަ ވައިގެ ޕުރެސަރު ނުބައްދަލުވުމުން، ކަންފަތުގެ ތޫރިއަށް ކުރާ ބާރެއްގެ ސަބަބުން އިހުސާސް ކުރެވޭ ކަމެކެވެ. ދިވެހި ރަދީފުގައި ކަންފަތް ބައްވުމޭ ބުނެވޭ ބަހުގެ މާނައަކީ ކަންފަތް ހިސާބަކަށް ބަންދުވުމެވެ. މިފަދައިން ބަންދުވުމޭ ބުނެވެނީ ތޫރިއަށް މި ކުރާ ބާރުގެ ސަބަބުން ބައެއް އަޑުއަޑާއި އެކު އެ ތޫރި ގުޑޭ ގުޑުން ނުވަތަ ވައިބްރޭޓްވާ ވުން މަދުވުމުން، އިވޭ އަޑުތައް މަދުވީމައެވެ. އާންމުގޮތެއްގައި ކަންފަތް ބައްވަނީ މަތިންދާ ބޯޓުގައި ދަތުރު ކުރުމުން ނުވަތަ މޫދުގެ ލޮނުގަނޑުގެ ތެރެއަށް ފީނުމުންނެވެ. މި ނޫން ހާލަތްތަކުގައިވެސް ކަންފަތް ބައްވެފައި ހުރުމަކީ ހަމަ ވެދާނޭ ކަމެކެވެ. އެގޮތުން ރޯގާޖެހި ނޭފަތާއި "ސައިނަސް" ތަކުގައި އަރިދަފުސް ޖަމާވުމަކީވެސް މިކަން މިގޮތަށް މެދުވެރިވެދާނޭ ކަމެކެވެ.
ކަންފަތް ބައްވުމަކީ އާންމު ހާލަތުގައި ވަރަށް ފަސޭހަ ކަމާއި އެކު ހައްލު ކުރެވޭ ކަމެކެވެ. އެހެނީ ހިންދިރުވުމާއި އެއްޗެއް ހެފުމާއި ބުއިން ނުވަތަ ކެއުން ނުވަތަ ވަލްސަލްވާ މެނުއަރ އޭ ކިޔާ ކަންތައް ކުރުމުން ރަނގަޅުވެދެއެވެ. އިންސާނާގެ ނޭފަތާއި އަނގައާއި އަދި ކަންފަތް ގުޅުވައިދޭ ވަރަށް ހިމަ ހޮޅިއެއް އިނދެއެވެ. އެއީ އިޔުސްޓޭޝިއަން ޓިއުބް އޭ ކިޔާ ހޮޅިއެކެވެ. މި ހޮޅީގެ ބޭނުމަކީ މާހައުލުގެ ޕުރެސަރާއި އެކު ކަންފަތުގެ ޕުރެސަރުވެސް އެއް ހަމަކުރުމެވެ. ނަމަވެސް ކުއްލިގޮތުގައި އަންނަ ޕުރެސަރުގެ ބޮޑު ނުބައްދަލުވުމަކަށް މި ހިމަ ހޮޅިން އެ ޕުރެސަރުގެ ހަމަހަމަ ކަން ނުގެނެވެނީއެވެ. އެއާއި އެކު ދެން ވާ ގޮތަކީ އެ ހިމަ ހޮޅި ފިތެނީއެވެ. ނަތީޖާއަކީ ދެން އިތުރަށް އެ ޕުރެސަރު ހަމައަކަަށް ނޭޅި އެގޮތުގައި ހުރުމެވެ. އިސްވެ ދެންނެވުނު ބައެއް ހަރަކާތް ތަކަކީ މި އިޔުސްޓޭޝިއަން ޓިއުބޭ މި ކިޔާ ހޮޅި ފިތިފައިވާނަމަ އެ ހޮޅި ހުޅުވައިދޭނޭ ހަރަކާތްތަކެކެވެ.
"ވަލްސަލްވާ މެނުއަރ" އަކީ ކޮބާ؟ މިއީ އިންސާނާގެ ނޭފަތާއި އަނގަ ބަންދު ކުރުމަށްފަހު، (އަނގަ ލައްޕާ ތަގުޅިކޮށް، އަތުން ނޭފަތުގައި ހިފަހައްޓާ) ފުއްޕާމެއިން ބޭރަށް ނޭވައިލާން ބާރުކުރާ އުސޫކުން ބާރުކުރުމެވެ. ނުވަތަ ބޭރަށް ވައި ފޮނުވަން ހިފުމެވެ. މިފަދައިން އަމަލުކުރުމުން އަނގައަކުން އަދި ނޭފަތަކުން ވައެއް ބޭރެއް ނުވާނެއެވެ. ދެން، އިސްވެ މި ބުނެވުނު އިޔުސްޓޭޝިއަން ހޮޅިއަށް އެ ވައިތަކުގެ ބާރު ކުރާނެއެވެ. އެއާއި އެކު އެ ހޮޅި ފިތިފައިވާނަމަ އެ ހޮޅި ހުޅުވިގެން ދާނެއެވެ. މިއީ ޒާރެއްގެ ކަސްރަތެކެވެ.
ކަންފަތް ބައްވެފައި ހުންނަތާ ފަސް ދުވަހަކަށް ވުރެ ގިނަވާނަމަ ޑަކްޓަރެއްގެ އެހީތެރިކަން ހޯދަން ވާނެއެވެ. އަފި މިފަދައިން ކަންފަތް ބައްވެފައި ހުންނައިރު، ބޮލަށް އެނބުރުން އެރުމާއި ކަންފަތުން އެއްޗެހި އައުމާއި ކަންފަތުން ލޭ އައުންފަދަ ކަންކަން މެދުވެރިވާނަމަ ލަސްނުކޮށަ ސިއްހީ އެހީތެރިއެއްގެ އެހީތެރިކަން ހޯދަން ވާނެއެވެ. މިފަދަ ގޯސް އަލާމާތްތައް ފެނި ފަރުވާ ނުކެރެވި ދޫކޮށްލެވިއްޖެ ނަމަ މިއީ މުޅި އުމުރުގައި ވެސް ހިތާމަ ކުރަން ޖެހިދާނޭ ކަމެކެވެ. އެހެނީ ކަންފަތުގެ ތޫރި ހަލާކުވެ، އިވުމުން މަހުރޫމުވެދާނޭ ވެސް ކަމެކެވެ. އެއީ ކަންފަތުގެ ތޫރިއަށް އެ ކުރާ ޕުރެސަރުގެ ސަބަބުން އެ ތޫރިއަށް އަނިޔާވެ އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ކުރިމަތި ވެދާނެތީއެވެ.
ކަންފަތް ބައްވުނުން ރައްކާތެރިވުނަށް ޓަކައި މަތިންދާ ބޯޓުތަކުގައި ދަތުރުކުރާއިރު، ބޯޓު ނައްޓާލާ ގަޑީގައްޔާއި ޖައްސާ ގަޑީގައި ހޭލާ ހުރުމާއި އެކު އެ ވަގުތުތަކުގައި ހިންދިރުވުން ގިނަކުރުން ނުވަތަ އެއްޗެއް ހަފަމުން ދިއުން މުހިންމެވެ. އަދި އެފަދަ ދަތުރުތަކުގައި ބޭނުން ކުރަން ހާއްސަކޮސް އުފައްދާފައިވަ ފިލްޓަރ އިއަރ ޕްލަގް ބޭނުން ކުރެވިދާނެއެވެ. މޫދަށް ފީނާ ފަރާތްތަކުންވެސް އަވަހަށް ކުއްލިއަކަށް އަޑިއަށް ނުދިއުމާއި ލަސްލަހުން ޮްޕްރެސަރު މެނޭޖްވާ ވަރަކުން އަޑިއަށް ދިއުން ބުއްދިވެރިއެވެ. އަދި ކަންފަތަށް ޖަހާ ޕްލަގެއް ބޭނުން ކުރުން ނުވަތަ އަޑީގައި އޮވެ، "ވަލްސަލްވާ މެނުއަރ" ހެދުންވެސް މުހިންމެވެ. މިފަދައިން ހަދަންވާނީ ކަންފަތް ބައްވާ ނަމައެވެ. އެނޫން ގޮތެއްގައި މިހެން ހެދުމުން، ފަހަރުގައި ކަންފަތައް ފެން އެޅުމުގެ ފުރުސަތު އޮވެދާނެއެވެ.
ކަންފަތް ބައްވުމާއި މިއީ ކިހިނެއް ވާ ކަމެއްކަމާއި އަދި މިކަމުން ރައްކާތެރިވަނޭ މައުލޫމާތު ހިސާބަކަށް ފޯރުކޮށްދެވިއްޖެއެވެ. އެއާއި އެކު ކޮންމެ މީހަކި މިކަންކަމަށް ހޭލުންތެރި މީހަކަށް ވާން ވާނެއެވެ. އަދި މިކަންކަމަށް އަހުލުވެރި ބަޔަކު ކަމުގައިވެސް ވުން ވަރަށްވެސް މުހިންމެވެ.
