އިނގިރޭސި ލީގު ކަޕްގައި ރޭ ރަށުން ބޭރުގައި އާސެނަލް 2-0 އިން ބަލިކޮށް ލިވަޕޫލުން އެ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
މިއީ މިދިޔަ ހަ އަހަރުގެ ތެރޭގައި ވެމްބްލީގައި ކުޅޭ ފައިނަލަކަށް ލިވަޕޫލް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިއީ 2016 ވަނަ އަހަރުގެ ލީގު ކަޕްގެ ފައިނަލްގައި މެންޗެސްޓާ ސިޓީ އަތުން ބަލިވިފަހުން އެ މުބާރާތުގެ ފައިނަލަށް އެ ޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ކުރިކޮޅު އާސެނަލަށް ލީޑްނަގައިދޭން އެ ޓީމުގެ ކެޕްޓަން އަލެކްސެންޑަ ލަކަޒޭ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އޭގެފަހުން، މެޗުގެ 19 ވަނަ މިނެޓުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑުޖަހައިދިނީ ޑިއޯގޯ ޔޮޓާ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން އާސެނަލަށް އެއްވަރުކޮށްދޭން ލަކަޒޭ އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑު، 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔޮޓާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އެވެ. އެންމެ ފުރަތަމަ އޮފްސައިޑް ކަމަށް ނިންމުމަށްފަހު، ރެފްރީ މި ލަނޑު ގަބޫލުކުރަން ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ. މިއީ ލިވަޕޫލްގެ ޖާޒީގައި ޔޮޓާ ކުޅުނު 57 މެޗުގައި ޖެހި 27 ވަނަ ގޯލެވެ. އޭގެތެރެއިން، 14 ލަނޑުޖަހާފައިވަނީ މި ފަހަރުގެ ސީޒަނުގައެވެ.
އާސެނަލުން ގޯލެއް ކާމިޔާބުކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން މެޗުގެ އެންމެފަހު މިނެޓުގައި އެ ޓީމުގެ ގާނާ މިޑްފީލްޑަރު ތޯމަސް ޕާޓޭ އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލުމުން އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. މިއީ ލީގު ކަޕްގެ ސެމީ ފައިނަލްގައި އާސެނަލަށް ދެއްކި ދެވަނަ ރަތް ކާޑެވެ. ފުރަތަމަ ލެގުގައި އެ ޓީމުގެ ސްވިޒަލެންޑް މިޑްފީލްޑަރު ގްރޭނިޓް ޒާކާ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
މި މުބާރާތުގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.
