ސްޕެނިޝް ކަޕް (ކޮޕާ ޑެލް ރޭ) ގައި ރޭ ކުޅުނު ގަދަ 16 ގެ މެޗުތަކަށްފަހު ބާސެލޯނާ ބަލިވިއިރު، ވާދަވެރި ރެއާލް މެޑްރިޑުން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބާސެލޯނާ އިން ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯ އަތުން 3-2 އިން ބަލިވިއިރު، އެލްޗޭގެ ދަނޑުގައި ރެއާލް މޮޅުވީ 2-1 އިންނެވެ.
ބިލްބާއޯގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ދެވަނަ މިނެޓުގައި އިކާ މުނިއައީން ވަނީ ލީޑްނަގައިދީފައެވެ. ބާސެލޯނާ އިން ނަތީޖާ އެއްވަރުކުރީ މެޗުގެ 20 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ކާމިޔާބުކުރި ގޯލުންނެވެ. މިއީ މި މަހު މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވިފަހުން އެ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައިވަނިކޮށް އިނީގޯ މާޓިނޭޒް ވަނީ ބިލްބާއޯ އަށް ދެވަނަ ފަހަރަށް ލީޑްނަގައިދީފައެވެ. އެކަމަކު، ބާސެލޯނާ އިން މެޗުގެ އިތުރުވަގުތުގައި ޕެޑްރީ ގޮންޒާލޭޒް ވަނީ ދެވަނަ ފަހަރަށް އެއްވަރުކޮށްދީފައެވެ.
މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ބިލްބާއޯ މޮޅުކޮށްދިނީ މުނިއައީން އެވެ.
ރެއާލުން ރަށުން ބޭރުގައި ކުޅުނު މެޗު ކާމިޔާބުކުރީ ވެސް އިތުރުވަގުތުގެ ދެ ހާފު ކުޅެގެންނެވެ. މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުމަށް ދެން ކުޅެވުނު އިތުރުވަގުތުގެ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ރެއާލްގެ ފުލްބެކް މާސެލޯ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް އެލްޗޭގެ ގޮންޒާލޯ ވާޑޫ ވަނީ އެ ޓީމަށް ލީޑްނަގައިދީފައެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ރެއާލުން ވަނީ އިތުރުވަގުތުގެ ފަހު ހާފުގައި ދެލަނޑުޖަހާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 108 ވަނަ މިނެޓުގައި އިސްކޯ ކާމިޔާބުކުރީ ޑެނީ ސެބާޔޯސް ދިން ބޯޅައަކުންނެވެ. އޭގެފަހުން، އިތުރުވަގުތުގެ ދެވަނަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ރެއާލް މޮޅުވި ލަނޑުޖަހައިދިނީ ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް އެވެ. މިއީ އެ ޓީމުގެ އޮސްޓްރިއާ ޑިފެންޑަރު ޑޭވިޑް އަލަބާ ދިން ޕާހަކުން ހަޒާޑް ކާމިޔާބުކުރި ގޯލެކެވެ.
