އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް ކޮޅަށް ފަހުވަގުތު މާކަސް ރަޝްފޯޑް ވައްދާލި ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން ތާވަލްގެ ހަތަރުވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ޔުނައިޓެޑް މޮޅުވީ 1-0 އިންނެވެ.

މިއީ ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. އެއް މެޗުން ބަލިވިއިރު، އަނެއް މެޗުން ވީ އެއްވަރެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑަށް 22 މެޗުން ލިބުނު 38 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތްއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ފަސްވަނައިގައި އޮތީ ވެސްޓް ހޭމް އެވެ. ލީގުގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީ އަށް 22 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިވަޕޫލަށް 21 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. ތިންވަނައިގައި ޗެލްސީ އޮތީ 23 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ.

އޯލްޑް ޓްރެފޯޑްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ. މި ހާފުގައި ޔުނައިޓެޑަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ބްރޫނޯ ފެނާންޑޭސް ހުރަސްކޮށްލި ބޯޅައިގައި ބޮލުން ޖަހަން މަސައްކަތްކުރި ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުގައި ލައްވާލައި ގޮތެއްނުވިއެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު ފްރެޑް ފޮނުވާލި ހަމަލާއެއް ވެސްޓް ހޭމްގެ ކީޕަރު އަލްފޮންސޯ އަރެއޯލާ މަތަކުރިއިރު، ރަފައެލް ވަރާން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ. ވެސްޓް ހޭމްގެ ތޯމަސް ސޫޗެކް ބޮލުން ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށް ދިޔައިރު، އެ ޓީމުގެ ފޯވާޑް މިހައިލް އެންޓޯނިއޯ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ.

މެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރަޝްފޯޑެވެ. މިއީ އެ ޓީމުގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ނަގައިދިން ހުރަހަކުން ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ހަމަޖެހިލާފައި ފޮނުވާލައިގެން ރަޝްފޯޑް ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އެވަޓަންގެ ދަނޑުގައި ސްޓީވެން ޖެރާޑްގެ އެސްޓަން ވިލާ 1-0 އިން މޮޅުވީ އެމިލިއާނޯ ބުއެންޑިއާގެ ގޯލުންނެވެ. މި މެޗުގައި ބުއެންޑިއާގެ ގޯލަށް އެސިސްޓްކޮށްދިނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެވަޓަން ދޫކޮށް އެސްޓަން ވިލާ އަށް ބަދަލުވި ފުލްބެކް ލޫކަ ޑީނިއޭ އެވެ. ބްރެންޓްފޯޑްގެ ދަނޑުގައި 2-1 އިން ވުލްވްސް މޮޅުވިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި 1-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ.