އިންސާނާގެ ހަންގަނޑަށް ދިމައިވާ އެކިއެކި ކަންކަމުގެ ތެރޭގައި ބައެއް ދިރޭތަކޭތީގެ ސަބަބުން ލިބޭ ގެއްލުމާއި އަނިޔާ ހިމެނެއެވެ. އެގޮތުން ބައެއްކަހަލަ ސޫފީގެ ސަބަބުން ހަނގަނޑު ކަހާ ހިރުވާގޮތް މެދުވެރިވެއެވެ. މިހެން ދިމާވަނީ ބައެއް ސޫފީގެ ކުޅު ނުވަތަ ދަވަ ނުވަތަ ވާ ޖެހުމުންނެވެ. އަދި އަނެއްބައި ސޫފި އިންސާނާގެ ހަންގަނޑުގައި ދަތް އުޅުމުން ނުވަތަ ކަށިޖެހުމުންނެވެ. 

މިފަދައިން ހަނގަނޑަށް ޖެހޭ އެއް ބައްޔަކީ "ސްކެބީސް" ނަމަކަށް ކިޔާ ބައްޔެކެވެ. މިއީ އިންސާނާގެ ހަމަ ލޮލަށް ނުފެންނަ ކުޑަ ނުވަތަ މައިކްރޮސްކޯޕިކް ސުއިއްޕެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ސައިންޓިފިކަލީ މި ސުއިއްޕަށް ކިޔާ ނަމަކީ "ސާކޮޕްޓެސް ސްކެބީ" އެވެ. މިއީ ހަންގަނޑު ތޮރުފާލުމަށްފަހު ހަންގަނޑުގެ ތެރެއަށް ވަދެ، ހަންގަނޑުގެ ތެރޭގައި އުޅޭ އުޅޭ ސުއިއްޕެކެވެ. އިންސާނާގެ ހަންގަނޑުގައި މި ސޫފި އަށަގަތުމުން، އެތަނެއްގައި ރަތްކުލައިގެ ފިތްގަނޑެއް ނަގާނެއެވެ. އަދި އެތަނެއްގައި އިންތިހާއަށް ކެހުންމާއި ހިރުވުން ހުންނާނެއެވެ. ހާއްސަކޮށް، މި ކެހުމާއި ހިރުވުމަކީ ރޭވެ އަނދިރިވުމުން އިތުރުވެ ގަދަވާނެ ކަމެކެވެ.

މި ބައްޔަކީ ގައިން ގަޔަށް، ވަރަށް ފަސޭހަ ކަމާއި އެކީ ފެތުރޭނެ ބައްޔެކެވެ. އަދި މިއީ ޖަނަވާރުންގެ ފުށުން އިންސާނުންނަށް އަދި އިންސާނުންގެ ފުށުން ޖަނަވާރުންނަށްވެސް ޖެހޭ ބައްޔެކެވެ. މި ބަލި ޖައްސުވާ ސުއިއްޕަކީ ވަރަށް ފަސޭހައިން ފެތުރި ގިނަވާ އެއްޗެކެވެ. މި ބައްޔަކީ ފަރުވާ ކުރުމުން ފަސޭހަވާ ބައްޔެކެވެ. އެހެނަސް މި ބަލި ފަސޭހަވެ ނުވަތަ މި ސޫފި ހަށިގަނޑުން ނައްތާލެވުނަސް، މި ސޫފި ހަށިގަނޑުގެ ތެރޭގައި ބިސް އަޅާފައިވާނަމަ، އެ ބިހުން އޭގެ ދަރިންތައް ނުކުތުމުން، އަލުން މި ބަލީގެ އަލާމާތްތައް ފެނި ހާލަތު ގޯސްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މި ބަލީގައި ފެންނާނެ އަލާމާތަކީ ހަކާ ހިރުވުމާއި އެކު ރަތްކުލައިގެ ފިތްގަނޑުތަކެއް ނެގުމެވެ. އަދި ކެހުމާއި ހިރުވުން ރޭގަނޑަށް ދަގަވުމެވެ. އެހެނީ ރޭގަަނޑަކީ އެ ސޮރުމެންގެ ކާނާ ހޯދުމަށް އެ ސޮރުމެން، ހަންގަނޑުގެ ތެރޭގައި ހެލިފެލިވެ އުޅޭނޭ ވަގުތެވެ. ފިތްގަނޑު ނަގާފައި ހުންނަނީ މި ދަންނަވާ ސޫފި ހަންގަނޑުގެ އެތެރެއަށް ވަދެ އިންނާތީއެވެ. އާންމު ގޮތެއްގައި މު ސޫފި އިންސާނާގެ ހަންގަނޑުގެ ތެރެއަށް ވަންނަ ހާއްސަ ސަރަހައްދުތަކެއް ހުރެއެވެ. އެއީ އިނގިލިތަކުގެ ދޭތެރެއާއި ކިހިލިފަތްދޮށާއި އުކުޅުވަޅާއި ކަރުދޮށާއި އަންހެނާގެ އުރަމަތީގެ ދޭތެރެއާއި ދެ ޖިންސުގެ، ޖިންސީ ގުނަވަނާއި އަދި ފުރަގަސް ފަރާތް ހިމެނެއެވެ. މީގެ އިތުރުން އުޅަނބޮށިން ލެނބޭ ހިސާބުގަ (އަތުގެ ކުރިމަތީގަ) އާއި ދޯނދިގޭތެރޭ ހިމެނެއެވެ. މި ސޫފި އިންސާނާގެ ހަށިގަނޑަށް އެރުމާއި އެކު އެ މީހެއްކެ ކިބައިން މި ބަލީގެ އަލާމާތްތައް ފެނުމަށް ހަފްތާއެއްހާ ދުވަސް ނަގާފާނެއެވެ. އަދި މި ސޫފި މީހެއްގެ ގައިގައި ހުރެ، އަލާމާތެއް ނުފެނުނު ނަމަވެސް، އެހެން މީހެއް ނުވަތަ މީހުންގެ ގަޔަށް، އެމީހެއްގެ ފަރާތުން މި ސޫފި އަރާނެއެވެ. މިއީ މިބަލި އަވަސްކަމާއި އެކު ފެތުރޭ އެއް ސަބަބެވެ.

މައިކްރޮސްކޯޕަކުން ބަލައިލުމުން މި ސޫފި އިންސާނުންނަަށް ފެންނާނެއެވެ. މި ސުއިއްޕަކީ ފައި ޖަހާ ހިނގާ އުޅޭ ސުއިއްޕެކެވެ. މީގައި ޖުމުލަ އަށް ފައި ވެއެވެ. މި ސޫފީގެ އަންހެން ސޫފި، އިންސާނާގެ ހަންގަނޑުގައި ތެރެއަަށްވަދެ، ހަންގަނޑުގައި ބިސްވެސް އަޅާނެއެވެ. މި ބިސްތަކުން ނުކުންނަ އެސޮރުމެންގެ ދަރި ސޫފިތައް ހަށިގަނޑުގެ އެކި ހިސާބުތަކަށް ދަތުރުކުރާނެއެވެ. އަދި މިއީ އެހެން މީހުން ނުވަތަ ޖަނަވާރުންގެ ފަރާތުން ވިޔަސް މި ސޫފި ފެތުރެންވެސް ފަސޭހަވާނޭ ކަމެކެވެ. މި ސުއިއްޕަކީ އިންސާނުންނާއި ޖަނަވާރުންގެ ގައިގައި އުޅޭ ސުއިއްޕެއް ކަމުން، އެ ސޫފި އަށަގަނެފައިވާ ޖަނަވާރަކާއި ނުވަތަ އިންސާނަކާއި ގައިގޯޅިކޮށް އުޅުމީ މި ސޫފި ފެތުރޭނޭ ކަމެކެވެ. އިންސާނުން ނަމަ، އެއް ތަންމައްޗެއްގައި ނިދުމާއި އެއް އަންނައުނެއް ބޭނުން ކުރުމަކީވެސް މިސޫފި ފެތުރުމަށް ލިބޭ ހިތްވަރެކެވެ.

މި ބަލީގައި ކަހާ ހިރުވާނެއެވެ. އެ ކެހުން ގަދަވުމާއި އެކު ހަންގަނޑު ހަލާކުވާ ވަރަށް ކަހާ ހެދޭނެއެވެ. އެއާއި އެކު ހަންގަނޑު ފާރުވާނެއެވެ. ފާރުވެފައިވާ ހަންގަނޑަކީ އެސޮރުމެންނަށް ވަރަށްގިނަ ކާނާ ލިއްބައިދޭނޭ ތަކެވެ. އެއާއެކު އެ ފާރުކޮޅެއްގައި މި ސޫފި ގިނަވެއެވެ. އެހެން ކަމުން މި ސޫފީގެ ނަޖިހާއި އެކުވެ އެ ފާރުގަނޑުގައި ޖަރާސީމު އަށަގަނެއެވެ. ހަކުރުބަލި ހުންނަ މީހުން، މިފަދަ ފާރުގަނޑުތައް ބޮޑުވަރުވެ، ރަނގަޅުނުވެ ހުރެއެވެ. އަދި ހަކުރު ބަލި ފަދަ ދާއިމަށް ފަރުވާކުރާ ބަލިހުންނަ މީހުންގެ ދިފާއީ ނިޒާމު ބަލިކަށިކަމާއި އެކު އެސޮރުމެން އެފަދަ އިންސާނުންގެ ހަންގަނޑުގައި ގިނަވެގަންނަލެއް ވަރަށްވެސް އަވަހެވެ. މިފަދައިން ދިފާއީ ނިޒާމު ވަރުގަދަ މީހެއްގެ ގައިގައި 10-20 އާއި ދެމެދުގެ އަދަދަކަށް މި ސޫފި އުޅޭއިރު، ދިފައީނިޒާމު ބަލިކަށި މީހާގެ ގައިގައި ހާހުން ގުނޭ ވަރަށް މި ސޫފި އާލަވަމުން ދެއެވެ.

ސިއްހީ މާހިރުން ދެކިލައްވާގޮތުގައި މިއީ ނުތާހިރުކަމުން ޖެހޭ ބައްޔެކެވެ. އެ ސޫފި އަށަގަތުމާއި އެ ސޫފި ފެނުމަކީ ނުތާހިރުކަމުން ދިމައިވާ ކަމެކެވެ. އެއީ ޖަނަވާރަކުން ފެނުނު ކަމުގައި ވިޔަސް މެއެވެ. އެހެންކަމުން މި ބަލިން ނުވަތަ މި ސޫފިން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ސާފްތާހިރުކަމެވެ. އަދި މި ބަލީގެ އަލާމާތްތަކަށް ފަރުވާތެރިވެ ސަމާލުކަން ދިނުމެވެ.