ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި މިއަދު ހަވީރު މާޒިޔާގެ މައްޗަށް 2-1 އިން ކުރިހޯދައި ކްލަބު ވެލެންސިއާ އިން ހަވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި މާޒިޔާ އަތުން ވެލެންސިއާ މޮޅުވި ދެވަނަ ފަހަރެވެ. މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކުރި ޗެރިޓީ ޝީލްޑް މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މާޒިޔާ ކާމިޔާބުކުރިނަމަވެސް، ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ވެލެންސިއާ މޮޅުވީ 1-0 އިންނެވެ. އޭގެފަހުން، މިއަދުގެ ފައިނަލް މެޗު ވެލެންސިއާ ކާމިޔާބުކުރީ 2-1 އިންނެވެ.

މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި އެއްވެސް މެޗަކުން ބަލިނުވެ ވެލެންސިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުން މި މުބާރާތް އެންމެ ފަހުން ކާމިޔާބުކުރީ މީގެ 14 އަހަރު ކުރީން، 2008 ވަނަ އަހަރުގެ ފައިނަލްގައި ވިކްޓްރީ ބަލިކޮށްފައެވެ. ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ 1993، 1994، 1998، 1999 އާއި 2008 އަދި 2022 ވަނަ އަހަރު އެވެ.

ރ. އަލިފުށީ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެލެންސިއާ އިންނެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ނަގައިދިން ކޯނަރަކުން ސްރީ ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލާސް ކާމިޔާބުކުރި ގޯލެކެވެ. މާޒިޔާ އިން އެއްވަރުކުރީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް މުހައްމަދު އިރުފާން (އިރޭ) ވައްދާލި ލަނޑުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އިބްރާހިމް އައިސަމް (ޓޯނީ) އެވެ.

މާޒިޔާއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އެފްއޭއެމް

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށް މާޒިޔާގެ ނާއިޒް ހަސަން (ދާދު) ފައުލްކުރުމުން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އެ ފައުލާ ގުޅިގެން ސެންޓޭ އަށް ލިބުނު އަނިޔާއާއެކު ބަދަލުކުރިއިރު، އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އިސްމާއިލް އީސާ (މެސީ) އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ މާޒިޔާ ކޮޅަށް ވެލެންސިއާ މޮޅުވި ލަނޑު، އިތުރުވަގުތުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފޯވާޑް ބޯހާސް މާޓީން އެވެ. 

މިއީ މީގެ ހަ އަހަރު ކުރީން އެފްއޭކަޕް ކާމިޔާބުކުރި ފަހުން ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނުގައި ހޯދި ފުރަތަމަ ތަށްޓެވެ. އޭގެފަހުން، އެ ޓީމު ދެވަނަ ރެލިގޭޝަނަށް ރެލިގޭޓުވެ، އަލުން ޕްރޮމޯޓުވެގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

ޕްރެޒިޑެންޓްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާގެ ކެޕްޓަން ސެންޓޭ އެވެ. ސެންޓޭ ވަނީ މުބާރާތުގައި ހަތް ލަނޑުޖަހައި، ފަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.