އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް 3-1 އިން ބަލިކޮށް ލިވަޕޫލުން ތާވަލްގެ އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް ކުޑަކޮށްފިއެވެ.

މި ނަތީޖާއާއެކު ލިވަޕޫލަށް 22 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ. ސިޓީ އެއްވަނައިގައި އޮތީ 23 މެޗުން ހޯދީ 57 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް 24 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑް އޮތީ 22 މެޗުން ލިބުނު 38 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ސެލްހާސްޓް ޕާކްގައި މިރޭ ކުޅުނު މި މެޗު ފެށިގެން 8 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑްނަގައިދިނީ ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން ލިވަޕޫލްގެ ދެވަނަ ލަނޑުޖަހައިދިނީ އެލެކްސް އޮކްސްލޭޑް-ޗެމްބަލެއިން އެވެ. މި ދެލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް އެ ޓީމުގެ ސްކޮޓްލެންޑް ފުލްބެކް އެންޑީ ރޮބަޓްސަން އެވެ.

ޓޮޓެންހަމް ހޮޓްސްޕާއާ ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އޭގެފަހުުން ޕެލަސް އަށް ލަނޑުޖަހަން ލިބުނު ރަނގަޅު ހަތަރު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. ޕެލަސްގެ ޒުވާން ފޯވާޑް މައިކަލް އޮލިސޭ އާއި އޮޑްސަން އެޑޮއާޑް ފޮނުވާލި ހަމަލާތައް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ހުއްޓުވިއިރު، ކޮނާ ގަލަގާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އެ ޓީމުގެ ޖީން-ފިލިޕް މަޓޭޓާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކުޅުންތެރިން ވަނީ ބްލޮކްކޮށްފައެވެ.

ޕެލަސް އިން ލަނޑެއްޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވާގޮތްވީ ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަރަކަށް މިނެޓުގެ ތެރޭގައި ޖެފްރީ ޝްލަޕް އާއި މަޓޭޓާ ގުޅިގެން އުފެއްދި އެޓޭކެއްގައި އޮޑުއާޑް ކާމިޔާބުކުރި ގޯލުންނެވެ. އެކަމަކު، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ ވަނީ އަލުން ދެ ލަނޑުގެ ލީޑްނަގައިދީފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ޕޯޗުގަލް ފޯވާޑް ޑިއޯގޯ ޔޮޓާ އަށް ޕެލަސްގެ ކީޕަރު ވިސެންޓޭ ގުއައިޓާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ލީގުގައި މިރޭ ޗެލްސީގެ ދަނޑުގައި އެ ޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް ގަދަ ހަތަރެއްގެ ރޭހުގައި ހަމަޖެހިލާފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ފަހު ހާފުގައެވެ. ދެވަނަ ހަފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ޗެލްސީގެ ފުރަތަމަ ލަނޑު، ހަކީމް ޒިޔެޗް ކާމިޔާބުކުރީ ކެލުމް ހަޑްސަން-އޮޑޯއީ ދިން ބޯޅައަކުންނެވެ.

ބާންލީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ޗެލްސީން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތިއާގޯ ސިލްވާ އެވެ. ތިއާގޯ ސިލްވާ މި ލަނޑުޖެހީ މޭސަން މައުންޓް ނަގައިދިން ހިލޭޖެހުމަކުންނެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ޓޮޓެންހަމް ކޮޅަށް ތިއާގޯ ވައްދާލި ދެވަނަ ލަނޑެވެ. މެޗު ނިމެން ދަނިކޮށް ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ބޮލުން ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ މަތަކުރިއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ފުލުގައި އުޅޭ ބާންލީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުން ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން އެ ޓީމުން ގަދަ ހަތަރެއްގެ ތެރެއަށް ޖެހިލުމަށް ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. އާސެނަލުން މި މެޗުގައި ފޮނުވާލި ގިނަ ހަމަލާތަކެއް ބާންލީގެ ގޯލްކީޕަރު ނިކް ޕޯޕް ހުއްޓުވާފައިވާއިރު، އެ ޓީމުގެ ޑިފެންސްލައިން ފޫއަޅުވާލުމުގައި އާސެނަލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

މިއީ މި އަހަރުގެ ތެރޭގައި އާސެނަލް ކުޅުނު ފަސްވަނަ މެޗެވެ. މީގެތެރެއިން، އެންމެ މެޗަކުން ވެސް އެ ޓީމު މޮޅުވެފައެއްނުވެއެވެ. އަހަރުގެ ފުރަތަމަ ދުވަހު ލީގުގައި ސިޓީ އަތުން 2-1 އިން ބަލިވިއިރު، އެފްއޭކަޕްގެ ތިންވަނަ ބުރުގައި ނޮޓިމްހަމް ފޮރެސްޓް އަތުން ބަލިވީ 1-0 އިންނެވެ. އޭގެފަހުން، ކަރަބާއޯ ކަޕްގެ ސެމީ ފައިނަލްގައި ލިވަޕޫލްގެ ދަނޑުގައި ދެ ޓީމު 0-0 އިން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން ބަލިވީ 2-0 އިންނެވެ. މި މެޗުތަކުގައި ނިކުތް ދަށް ނަތީޖާތަކާއެކު އާސެނަލް ވަނީ ޑޮމެސްޓިކް ދެ މުބާރާތުން ކަޓައި، ލީގުގެ ހަވަނައަށް ވެއްޓިފައެވެ. މިއާއެކު، އާސެނަލަށް 21 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.