އިންސާނާގެ ބަރުދަން އިތުރުވުމަކީ ވަރަަށްގިނަ މީހުން އެކަމާއި ކަންބޮޑުވާ ކަމެކެވެ. ބަރުވެފައިވާ ބަރުދަނުގެ މިންވަރު ދަށްކުރުމަށް ނުވަތަ ލުއިކުރުމަށް އެފަދަ ކޮންމެ މީހަކުވެސް އެތައް މަސައްކަތެއް ކުރަން ފަށައެވެ. ނަމަވެސް ގިނަ މީހުންނަށް ވާ ގޮތަކީ އެ މަސައްކަތްތަކުގައި ދެމި ނުހުރެވެނީއެވެ. އެކަމުގެ މައްޗަށް އަލި އަޅުވާލާ، އެކަމުގެ ސަބަބުތައް މީގެ ކުރީގެ ލިޔުމެއްގައި ވާނީ ހިމަނާލާފައެވެ.

https://theeru.com/health/2031

އެހެންކަމުން މިލިޔުމުގައި މި ބަލާލަނީ ގަވައިދުން ކަން ކުރެވޭނޭ ގޮތަކަށެވެ. ބަރުދަން އިތުރުވުމާއި އެކު އެކި މީހުން އަޒުމް ކަނޑައަޅަނީ އެކި ކަންކަން ކުރާށެވެ. އެއްބަޔަކު ފަތިހާ ނުވަތަ ރޭގަނޑު ދުވަން ދާން ވިސްނާއިރު އަނެއްބަޔަކު ކެއުން މަދު ކުރާށެވެ. އަދި އަނެއްބަޔަކު ރޭގަނޑު ނުކައި ހުރުމަށެވެ. އަނެއްބަޔަކު ކެއުން ބަދަލު ކޮށްލުމަށެވެ. މިފަދަ ކިތައްމެ އަޒުމެއް ކަނޑައެޅެއެވެ. ނަމަވެސް މިކަމުގައި އެންމެ މޮޅު ގޮތީ ވަކި ހާއްސަ އަޒުމެއް ކަނޑަ އެޅުމަކާއި ނުލާ ހުރިހާ އަޒުމެއްމެ ކަނޑައެޅުމެވެ. ނަމަވެސް ކޮންމެ ދުވަހަކީ މިތަނުން ކޮންމެވެސް އެއް އަޒުމެއް ގައި މަސައްކަތް ކުރާ ދުވަހަކަށް ހަދާށެވެ. އެއް ކަމެއް ނުވަތަ ދެ ކަމެއް ކުރިއްޔާ ދެން ހުރި ހުރިހާ ކަމެއް ދޫކޮށްލާށެވެ. އެހެނީ މި ހުރިހާ ކަމަކީވެސް ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭނޭ ކަންކަމަށް ވުމެވެ.

އިސްވެ ދެންނެވުނު އަޒުމުތަކުން މިޒާލަކަށް ބަލާލަމާ ހިނގާށެވެ. ފަތިހާ ނުވަތަ ހެނދުނާ ދުވަން އަޒުމު ކަނޑައެޅިއެވެ. ދުވާ ހިތްވެގެން ދުވަން ދެވޭ ދުވަހަކުން ދުވަން ދާށެވެ. ކަންނަތެކަމާއި ފޫހިކަމާއި، ކަން ކުރާ ހިތްނުވުނުގެ ސަބަބުން ހެނދުނާ ދުވަން ނުދެވޭ ނަމަ މާޔޫސް ނުވާށެވެ. ދުވަހުގައި އަދި ބާކީ ވަގުތު އެބަ ހުއްޓެވެ. ހެނދުނާ ދުވަން ނުދެވުނު މީހާ، ދުވާލުގެ ކެއުން މަދު ކުރެވިދާނެއެވެ. ނުވަތަ ކާ އެއްޗެހީގެ މިންވަރު މަދު ކުރެވިދާނެއެވެ. މިކަންކަންވެސް ކޮންމެވެސް ސަބަބަކާއި ހުރެ ނުކުރެވޭނަމަ ދެންވެސް މާޔޫސް ނުވާށެވެ. ދުވަސް ނިމުނީކީ އެއް ނޫނެވެ. ރޭގަނޑު ނުކައިވެސް އަދި ހުރެވިދާނެއެވެ. މިކަންވެސް ކޮންމެވެސް ސަބަބަކާއި ހުރެ ނުކުރެވުނު ނަމަ، އަދިވެސް މާޔޫސް ވާކަށް ނުވެއެވެ. ރޭގަނޑު ދުވަން ވެސް އަދި ދެވިދާނެއެވެ. މިކަން ވެސް ނުވާނަމަ، އޭނާގެ ކިބައިގައި ބަރުދަން ލުއިކުރުމުގެ ޝައުގެއް ނެތީއެވެ.

އާދޭހެވެ! ކިރިޔާވެސް ކަމުގެ ޝައުގުވެރިކަން ހުރިނަމަ، މިދެންނެވި މިސާލުން ކަންކަން ނުކުރެވިދާ އުސޫލުން ގޮސް، ކޮންމެވެސް އެއްކަމެއް ކުރެވޭނެއެވެ. އެއް ދުވަހު ދުވަން ދިޔައީއާ އަނެއް ދުވަހު ރޭގަނޑު ނުކާށެވެ. އެއް ރޭ ނުކެއިއްޔާ އަނެއް ދުވަހު ކާ މިންވަރު މަދުކޮށްލާށެވެ. އެއްދުވަހު ކާ މިންވަރު މަދުކޮށްލިއްޔާ އަނެއް ދުވަހު ކާ އެއްޗެހި ބަދަލު ކޮށްލާށެވެ. މިއީ ހައްތަހާވެސް ހުރި ފުރުސަތު ތަކެވެ. މިއީ ބަރުދަން ލުއިކުރަން މީސްމީހުން ކޮށްއުޅޭ ކަންކަމެވެ. ހުރިހާ ކަމެއް އެއްފަހަރާ ކުރަން ނޫޅޭށެވެ. ނަމަވެސް މިދެންނެވި ފަދައިން ދުވާލަކު ކަމެއް ނުވަތަ ދެކަމެއް ކުރަމުން ގެންދާށެވެ.

ބަރުދަނަކީ ވަރަށް އާދަޔާ ހިލާފު އެއްޗެކެވެ. ކުއްލިއަކަށް ބަރުދަން ލުއިކޮށްލުމަކީ ކުއްލިއަކަށް އިތުރުވެސް ވެދާނޭ ކަމެކެވެ. އަދި ކުއްލިއަކަށަ ބަރުދަން ލުއިކުރުމީ ސިއްހީ އެހެން މައްސަލަތައްވެސް ކުރިމަތިވެދާނޭ ކަމެކެވެ. އެހެންކަމުން ބަރުދަން ލުއިކުރުން އެންމެ ރަނގަޅީ ދިރިއުޅުމުގެ އާދައަށް ގެންނަ ކުޑަކުޑަ ބަދަލަކުން، ދިގުމުއްދަތެއްގައެވެ. އެހެނީ މިފަދައިން ބަރުދަން ލުއިކޮށްފި މީހާގެ ދިރިއުޅުމުގައި މާ ބޮޑު ބަދަލެއް ގެންނާކަށް ނުޖެހޭނެއެވެ. އަދި ކުރާ ހިތްވާ ކަންކަންވެސް ކުރެވޭނެއެވެ. މިސާލަކަށް ބުނާނަމަ، މިރޭ ފޮނި އެއްޗެއް ކާ ހިތްވަންޏާ ނުވަތަ ކާން ބޭނުން ވަންޏާ، މިއަދުގެ މުޅި ޖުމުލަ ކެއުމުގެ މިންވަރު މަދުކޮށް ނުވަތަ ބަދަލުކޮށްލެވިދާނެއެވެ. ނުވަތަ ހެނދުވާ ދުވަން ދެވިދާނެއެވެ. އެއް ގޮތް ނެތިއްޔާ އަނެއްގޮތް އޮންނާނެއެވެ.

ކުރާ އެއް ކަމަކަކުން ބަރުދަން ލުއިކުރަން އުޅޭނަމަ، ގިނަފަހަރަށް އެކަމެއް މަތިން ފޫހިވާނެއެވެ. އެއާއި އެކު އެކަމެއް ދޫކޮށްލުމާއި އެކު ބަރުދަން އަނެއްކާ އިތުރުވަމުން ދާނެއެވެ. އެހެންކަމުން ބަރުދަން ލުއިކުރުމުގައި ގިނަ ކަންތައްތަކެއްގެ ތެރެއިން އެކި ދުވަހު އެކި ކަންކަން ކުރަން އުޅުމުން، ބަރުދަން ލުއިކުރުމުގެ މަސައްކަތުގައި ދެމިހުރެވޭނެއެވެ. ފޫހިވުމެއް ވަރުބަލިކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. އާންމު ދިރިއުޅުމަށް ބަދަލެއް އައީތީ އިހުސާސެއް ނުކުރެވޭނެއެވެ. ގަވައިދުން ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރެވޭނީ މިފަދައިންނެވެ.