ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ކާމިޔާބުކުރި ފުރަތަމަ ގޯލާއެކު ޕީއެސްޖީން 4-0 ގެ ތަފާތަކުން ރެއިމްސް އަތުން ވަނީ މޮޅުވެފައެވެ.
ރޭގެ ނަތީޖާއާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 22 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ 11 ޕޮއިންޓް ފަހަތުން ދެވަނައިގައި ނީސް އޮތްއިރު، އޮލިމްޕިކް މާސޭ އޮތީ 21 މެޗުން ލިބުނު 40 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ސްޓްރަސްބޯގަށް ލިބިފައިވަނީ 35 ޕޮއިންޓެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިނީ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން ލީގުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.
ދެވަނަ ހާފުގެ ފަހު 30 މިނެޓަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ކުޅެން އަރާފައެވެ. މިއީ މިދިޔަ ފިނި މޫސުމުގެ ބްރޭކްގައި ހުއްޓާ ކޮވިޑްޖެހިގެން ގިނަ މެޗުތަކެއް ގެއްލުނުފަހުން މެސީ އެނބުރިއައިސް ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ 62 ވަނަ މިނެޓުގައި ޕީއެސްޖީގެ ދެވަނަ ލަނޑުޖެހީ ރާމޯސް އެވެ. އޭގެ ފަސް މިނެޓުފަހުން، ޕީއެސްޖީން ކާމިޔާބުކުރި ތިންވަނަ ގޯލަކީ ރެއިމްސްގެ ވޫޓް ފައޭސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި މެޗުގައި ޕީއެސްޖީން ޖެހި ހަތަރުވަނަ ލަނޑު، 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ޑަނީލޯ ޕެރޭރާ އެވެ. މިއީ އެ ޓީމުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ދިން ބޯޅައަކުން ޕެރޭރާ ކާމިޔާބުކުރި ގޯލެކެވެ.
ޕީއެސްޖީ އަށް ދެން އޮތީ އަންނަ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ފްރެންޗް ކަޕްގެ ގަދަ 16 ގެ ބުރުގައި ނީސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
