ބޮރޫޝިއާ ޑޯޓްމަންޑްގެ ނޯވޭ ފޯވާޑް އާލިން ބްރައުޓް ހާލަންޑަށް އަނެއްކާވެސް އަނިޔާވެގެން ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
މިއީ މިފަހަރުގެ ސީޒަނުގައި އުމުރުން 21 އަހަރުގެ ހާލަންޑަށް އަނިޔާވި ތިންވަނަ ފަހަރެވެ. މީގެކުރީން، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކުން ރަނގަޅުވެ، ފިޓްވެގެން ކުޅުމަށް އެނބުރިއައިފަހުން އޮކްޓޫބަރު މަހުގެ މެދުތެރޭގައި އުނަގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަތް މެޗު ގެއްލިފައިވެއެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ހާލަންޑަށް އަނިޔާވީ، ބުންޑެސްލީގާގައި ރަށުން ބޭރުގައި ހޮފެންހައިމް އަތުން 3-2 އިން ޑޯޓްމަންޑް މޮޅުވި މެޗުގައެވެ. އެ މެޗުގެ 63 ވަނަ މިނެޓުގައި ހާލަންޑަށް ލިބުނު އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ.
ޑޯޓްމަންޑުން ހާމަކުރިގޮތުގައި މިފަހަރުވެސް އަނިޔާވީ ހާލަންޑްގެ ފަލަމަސްގަނޑަށެވެ. އެކަމަކު، މި އަނިޔާގެ ސަބަބުން އޭނާ އަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ މުއްދަތެއް މިވަގުތު ބުނަން ނޭނގޭ ކަމަށާއި، އިތުރަށް އެއްޗެއް ބުނަން އެނގޭނީ ޓެސްޓުތަކަށްފަހުގައި ކަމަށް އެ ކްލަބުގެ މެޑިކަލް ޓީމުން ވަނީ ބުނެފައެވެ.
"އަހަރެމެން އެދެނީ ވީއެންމެ އަވަހަކަށް ހާލަންޑް އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރިއައިސް ކުރިއެކޭ އެއްގޮތަށް ލަނޑުޖެހުމާއިގެން ކުރިއަށްދިއުން،" ޑޯޓްމަންޑުން ބުންޏެވެ.
ޖަރުމަނުގެ ލީގުގައި މިހާތަނަށް ކުޅުނު 20 މެޗަށްފަހު ޑޯޓްމަންޑް އޮތީ ތާވަލްގެ އެންމެ ކުރީގައި އުޅޭ ބަޔާން މިއުނިކަށް ވުރެ ހަ ޕޮއިންޓް ފަހަތުން 43 ޕޮއިންޓާއެކު ދެވަނައިގައެވެ. އަދި މި ސީޒަނުގައި ހާލަންޑަށް ކުރިމަތިވީ އަނިޔާގެ މައްސަލަތަކަށްފަހު އޭނާ ވަނީ ލީގުގެ 14 މެޗުގައި ޖުމްލަ 16 ލަނޑުޖަހާފައެވެ.
