މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ގަދަ 16ގެ ބުރުގައި ރޭ ކުޅުނު މެޗުތަކަށްފަހު ކެމަރޫނާއި ގެމްބިއާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ ފީފާ ރޭންކިންގެ 150 ވަނައިގައި އޮތް ގެމްބިއާ އިން އެފްކޮންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ގިނީ އަތުން 1-0 އިން މޮޅުވެ ގެމްބިއާ ކުއާޓާ އަށް ދަތުރުކުރިިއިރު، މުބާރާތް ބާއްވާ ގައުމު ކެމަރޫނުން ވަނީ ކޮމޮރޯސް 2-1 އިން ބަލިކޮށްފައެވެ.
ގެމްބިއާގެ އަލަތު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ، ރޭ ގިނީއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއްދައްކައިގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޫސާ ބަރޯ އެވެ. މެޗު ނިމެން ދަނިކޮށް ގެމްބިއާގެ ފޯވާޑް ޔޫސުފާ ނިޖޭ އާއި ގިނީގެ ޑިފެންޑަރު އިބްރާހިމާ ކޮންޓޭ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން ދެ ޓީމުން ވެސް ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. ކުއާޓާ ފައިނަލްގައި ގެމްބިއާ ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ކެމަރޫނާ ދެކޮޅަށެވެ.
ކޮމޮރޯސް އިން ރޭ ކެމަރޫނާއި ދެކޮޅަށް ނިކުުތްއިރު ކޮވިޑާއި އަނިޔާގެ މައްސަލަތަކުގެ ސަބަބުން ގޯލްކީޕަރުގެ މަގާމަށް ކުޅުނީ ޑިފެންސްލައިންގައި ހިމެނޭ ޗަކަރު އަލްހަދޫރް އެވެ.
ކެމަރޫނުން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ކޮމޮރޯސްގެ ނަޖިމް އަބްދޫ އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ. މެޗުގެ 29 ވަނަ މިނެޓުގައި ކެމަރޫނަށް ލީޑްނަގައިދިނީ ފްރެންޗް ލީގުގައި އޮލިމްޕިކް ލިޔޯން އަށް ކުޅެމުން އަންނަ ފޯވާޑް ކާލް ޓޯކޯ އެކަމްބީ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ފޯވާޑް ވިންސެންޓް އަބޫބަކާރް ދިން ބޯޅައަކުންނެވެ.
މި މެޗުގައި ކެމަރޫނުން ޖެހި ދެވަނަ ލަނޑު، 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބޫބަކާރް އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ. މިފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހާފައިވަނީ ވެސް އަބޫބަކާރް އެވެ. އެކަމަކު، މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް ކޮމޮރޯސްގެ ފޯވާޑް ޔޫސުފް އެމްޗަންގަމާ ވަނީ ހިލޭޖެހުމަކުން ކާމިޔާބުކުރި ރީތި ގޯލަކާއެކު އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި ކޭޕް ވާޑްއާ ދެކޮޅަށް ސެނެގޯލް ނިކުންނައިރު، މޮރޮކޯ ނިކުންނާނީ މަލާވީއާ ދެކޮޅަށެވެ.
