އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ސެމީ ފައިނަލްގައި ރޭ ސެނެގޯލްގެ ސަޑިއޯ މާނޭ ދެއްކި މޮޅުކުޅުމާއެކު އެ ޓީމުން 3-1 ގެ ނަތީޖާއަކުން ބުރްކީނާ ފާސޯ ބަލިކޮށް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއީ އެފްކޮންގެ ފައިނަލަަށް ސެނެގޯލް ދަތުރުކުރި ތިންވަނަ ފަހަރެވެ. އަދި މިއީ އެ ޓީމުން ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ފުރަތަމަ ފަހަރެވެ. 2019 ވަނަ އަހަރުގެ ފައިނަލްގައި އަލްޖީރިއާ އަތުން ބަލިވީ އެވެ.

ކެމަރޫންގެ ޔައުންޑޭގައި ހުންނަ ސްޓޭޑް އަހުމަދޫ އަހިޖޯގައި ރޭ ކުޅުނު މި މެޗުގައި ސެނެގޯލަށް ލިބުނު ދެ ޕެނަލްޓީއެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު ވަނީ ނުދޭން ނިންމާފައެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ.

ސެނެގޯލުން ލީޑްނެގީ މެޗުގެ 70 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ ސެންޓްރަލް ޑިފެންޑަރު އަބްދޫ ޑިއާލޯ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ކެޕްޓަން ކަލީދޫ ކުލިބާލީ ދިން ބޯޅައަކުން ޑިއާލޯ ކާމިޔާބުކުރި ގޯލެކެވެ. އޭގެ ހަ މިނެޓުފަހުން، ޕީއެސްޖީގެ މިޑްފީލްޑަރު އިދްރީސާ ގާނާ-ގޭއި ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ގާނާ-ގޭއި މި ލަނޑުޖެހީ މާނޭ ތަނަވަސްކުރި ފުރުޞަތަކުންނެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ބުރްކީނާ ފާސޯގެ ފުލްބެކް އީސާ ކަބޯރޭ ދިން ބޯޅައަކުން ބްލާޓީ ޓޫރޭ ވަނީ ފަރަގު ކުޑަކޮށްދީފައެވެ. އޭގެފަހުން، މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ބުރްކީނާ ފާސޯ އިން ބުރަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ސެނެގޯލަށް މޮޅު ކަށަވަރުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް އިސްމާއިލާ ސާ ދިން ބޯޅައަކުން މާނޭ ވައްދާލި ލަނޑުންނެވެ.

މި މެޗުގައި ވައްދާލި ގޯލާއެކު މާނޭ ވަނީ ސެނެގޯލް ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ހެންރީ ކަމާރާގެ ލަނޑުގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ގައުމީ ޓީމަށް ޖަހައިދީފައިވަނީ 29 ގޯލެވެ.

މި މުބާރާތުގެ ފައިނަލްގައި ސެނެގޯލާ ކުޅެން ޖެހޭނެ ޓީމެއް އެނގޭނީ ސެމީގެ ދެވަނަ މެޗުގައި މިރޭ ކެމަރޫނާ ދެކޮޅަށް މިސްރު ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ. މި ފަހަރުގެ އެފްކޮންގެ ފައިނަލް އޮންނާނީ މި މަހުގެ 7 ވާ ހޯމަ ދުވަހުގެ ރޭގަނޑު ރާއްޖޭގަޑިން 12 ޖަހާއިރު އެވެ. މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭގަނޑު 9 ޖަހާއިރު އެވެ.