އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު މެޗުތަކުން ޕެނަލްޓީ ޝޫޓްއައުޓްގައި މޮޅުވެ، ކުއާޓާ ފައިނަލްގެ ފަހު ދެ ޖާގަ މިސްރު އާއި އިކުއެޓޯރިއަލް ގިނީ އިން ހޯދައިފިއެވެ.
އައިވަރީ ކޯސްޓް 5-4 އިން ޕެނަލްޓީ ޝޫޓްއައުޓްގައި ބަލިކޮށް މިސްރު ކުއާޓާ އަށް ދަތުރުކުރިއިރު، އިކުއޭޓޯރިއަލް ގިނީ އިން ވަނީ ޕެނަލްޓީ ޖަހައިގެން 6-5 އިން މާލީ ބަލިކޮށްފައެވެ.
ޖަޕޯމާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މިސްރުގެ ފޯވާޑް އޮމާރް މާމޫޝް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، އެ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހު އާއި މުސްތަފާ މުހައްމަދު ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އައިވަރީ ކޯސްޓްގެ ގޯލްކީޕަރު ބަދުރާ އަލީ ސަންގާރޭ އެވެ. މި ހާފުގައި އައިވަރީ ކޯސްޓްގެ ހުނަރުވެރި މިޑްފީލްޑަރު ފްރޭންކް ކެސިއޭ އަށް އަނިޔާވެގެން ބަދަލުކޮށްފައިވާއިރު، އެ ޓީމުން ފުރަތަމަ ހާފުގައި އިބްރާހިމް ސަންގާރޭ އޭރިޔާތެރެއިން އެކްރޮބެޓިކް ކިކަކުން ފޮނުވާލި ބޯޅަ އާއި ސެބާސްޓިއަން އަލާ ފޮނުވާލި ހަމަލާ މިސްރުގެ ކީޕަރު މުހައްމަދު އެލްޝަނާވީ މަތަކުރިއެވެ.
ދެވަނަ ހާފުގެ ފަހު ފަހުވަގުތު ކޮޅުގެ ތެރޭގައި މިސްރުގެ ކީޕަރު އެލްޝަނާވީ އަށް އަނިޔާވެގެން ބަދަލުކުރިއިރު، އޭނާގެ ބަދަލުގައި ކުޅެންއެރި އެ ޓީމުގެ ދެވަނަ ކީޕަރު މުހައްމަދު އަބޫގަބާލް (ގަބާސްކީ) ވަނީ އައިވަރީ ކޯސްޓްގެ ސަންގާރޭ ފޮނުވާލި ހަމަލާ ހުއްޓުވާފައެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު 15 މިނެޓުގެ އިތުރުވަގުތުގެ ދެ ހާފު ވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ޕެނަލްޓީ ޝޫޓްައައުޓްގައި އައިވަރީ ކޯސްޓްގެ ފުރަތަމަ ދެ ޕެނަލްޓީ، ނިކޮލަސް ޕެޕޭ އާއި ސަންގާރޭ ކާމިޔާބުކުރިއެވެ. އެ ޓީމަށް ނާކާމިޔާބުވީ އެރިކް ބާއީގެ ޕެނަލްޓީ އެކަންޏެވެ. މެކްސްވެލް ކޯނެޓް އާއި ވިލްފްރައިޑް ޒަހާ ވެސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. މިސްރުގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ފުރަތަމަ ހަތަރު ޕެނަލްޓީ ޖެހީ އަހުމަދު ސާއެދު، އަމްރު އެލް ސޮލިއާ، އޮމަރް ކަމާލް ސާއެދު އަބްދުލް ވާހިދު، މުހައްމަދު އަބްދުލްމޮނެއިމް އެވެ. މިސްރު މޮޅުވި ޕެނަަލްޓީ ވައްދާލީ ސަލާހު އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އިކުއޭޓޯރިއަލް ގިނީގެ ކީޕަރު ޖެސޫސް އޮވޯނޯގެ މޮޅު ކުޅުމާއެކު އެ ޓީމުން ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި މާލީ ބަލިކުރިއިރު ދެ ޕެނަލްޓީ މަތަކުރިއެވެ. މާލީ އަކީ ފީފާގެ ރޭންކިންގައި އިކުއޭޓޯރިއަލް ގިނީ އަށް ވުރެ 61 ދަރަޖަ ކުރީގައި އުޅޭ ޓީމަކަށްވީ ނަމަވެސް ރޭގެ މެޗުގައި އެ ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، ގަދަ 8 ޓީމުގެ ތެރޭގައި ހިމެނިފައެވެ.
އެފްކޮންގެ ކުއާޓާގައި ހުރި މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި ބުރްކީނާ ފާސޯއާ ދެކޮޅަށް ޓިއުނީޝިއާ ނިކުންނައިރު، ދެވަނަ މެޗުގައި ސެނެގޯލް ނިކުންނާނީ އިކުއޭޓޯރިއަލް ގިނީއާ ދެކޮޅަށެވެ. ތިންވަނަ ކުއާޓާގައި ގެމްބިއާ އާއި ކެމަރޫން ކުޅޭއިރު، ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މިސްރު ބައްދަލުކުރާނީ މޮރޮކޯއާ އެވެ.
