އެސްޓީއޯ އަށް 2021 ވަނަ އަހަރު ލިބުނު ސާފު ފައިދާ 478 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

އެސްޓީއޯ އިން މިއަދު އާންމު ކުރި މާލީ ރިޕޯޓްގައި ވާގޮތުން 2021 ވަނަ އަހަރު އެ ކުންފުންޏަށް ޖުމުލަ އާމްދަނީގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2020 ވަނަ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ފާއިތުވި އަހަރުގެ ކޮންމެ ކުއާޓަރއެއްގައި ވެސް ވަނީ އެއް ކުއާޓަރ އިން އަނެއް ކުއާޓަރ އަށް ކުންފުނީގެ ޖުމްލަ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، މިއީ އަހަރުގެ 3 ވަނަ ކުއާޓަރއާ އަޅާބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ސަރުކާރުގެ މިދިޔަ 3 އަހަރު ވެސް އެސްޓީއޯ އަށް ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެސްޓީއޯ އިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމާއި، އެސްޓީއޯ އިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރަށް ވުރެ 26 އިންސައްތަ އިތުރުވެފައިވުމެވެ. އަދި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް އިތުރުވުމާ އެކު، ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރެވިފައި ވާތީއެވެ. އެގޮތުން ފާއިތުވި އަހަރު ވަނީ ހިންގުމުގެ ޚަރަދުން 20 މިލިއަން ކުޑަކޮށްފައެވެ.

2021 ވަނަ އަހަރު އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ތެލުގެ ވިޔަފާރިންނެވެ. އެއީ 7.1 ބިލިއަން ރުފިޔާ އެވެ. އަދި އެހެނިހެން ވިޔަފާރިތަކުން ލިބިފައި ވަނީ 3 ބިލިއަން ރުފިޔާއެވެ. ތެލުގެ ވިޔަފާރީގެ އިތުރުން އެސްޓީއޯ އަށް އާމްދަނީ ލިބެނީ ގޭހާއި، މަސްވެރިކަމާއި، އިންޝުއަރެންސާއި ޓްރޭޑުންނެވެ. ކޮވިޑްގެ ބަލިމަޑުކަމާއި އެކު ވިޔަފާރިތަށް ހީނަރުވެގެން ދިޔަނަމަވެސް އަމްރުގެ މޭސްތިރިކަމުގެ ދަށުން އެސްޓީއޯއިން މިވަނީ ފާހަކޮށްލެވޭ ކުރިއެރުމެއް ހޯދާފައެވެ.

އެސްޓީއޯ އަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ކުންފުންޏެވެ.