ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ޗިލީ އަތުން އާޖެންޓީނާ މޮޅުވިއިރު، ވާދަވެރި ބްރެޒިލުން އެކުއޭޑޯއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޗިލީގެ ދަނޑުގައި 2-1 އިން އާޖެންޓީނާ މޮޅުވިއިރު، ރަށުން ބޭރުގައި ބްރެޒިލުން ވަނީ 1-1 އިން އެކުއޭޑޯއާ އެއްވަރުވެފައެވެ.

ރޭގެ މެޗުތަކަށްފަހު ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިން ގްރޫޕުގެ އެންމެ ކުރީގައި އުޅެނީ، މެޗަކުން ބަލިނުވެ އޮތް ބްރެޒިލް އެވެ. ބްްރެޒިލަށް 14 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އާޖެންޓީނާ އެވެ. ތިންވަނައިގައި އޮތް އެކުއޭޑޯ އަށް 15 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ރޭ ޕެރަގުއޭގެ މައްޗަށް 1-0 އިން ހޯދީ މޮޅާއެކު އުރުގުއޭ ވަނީ 15 މެޗުން 19 ޕޮއިންޓް ހަމަކޮށް ހަތަރުވަނަ އަށް ޖެހިލާފައެވެ. ފަސްވަނައިގައި އޮތީ 14 މެޗުން 17 ޕޮއިންޓް ހަމަކޮށްގެން ކޮލަމްބިއާ އެވެ.

ޗިލީގެ ކަލާމާގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑްނަގައިދިނީ ރޮޑްރިގޯ ޑެ ޕޯލް ދިން ބޯޅައަކުން އެންހެލް ޑި މާރިއާ އެވެ. ޗިލީ އިން އެއްވަރުކުރި ލަނޑު، 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެން ބްރެރެޓަން އެވެ. އާޖެންޓީނާ އިން ދެވަނަ ފަހަރަށް ލީޑްނެގީ 34 ވަނަ މިނެޓުގައި ލަޓާރޯ މާޓިނޭޒް ކާމިޔާބުކުރި ގޯލުންނެވެ. މި މެޗުގައި އާޖެންޓިނާގެ ކެޕްޓަން ލިއޮނަލް މެސީ ނުކުޅެއެވެ.

އެކުއޭޑޯއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ބްރެޒިލުން ރޭ އެކުއޭޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ނޭމާ، އަނިޔާގެ ސަބަބުން ނުކުޅެއެވެ. މި މެޗު ފެށިގެން ހަވަނަ މިނެޓުގައި ކުރީން ލީޑްނެގީ ބްރެޒިލުންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނި ކަސެމީރޯ އެވެ. މެޗުގެ 15 ވަނަ މިނެޓުގައި އެކުއޭޑޯގެ ގޯލްކީޕަރު އަލެކްސެންޑާ ޑޮމިންގޭޒް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

އޭގެ ފަސް މިނެޓުފަހުން، ބްރެޒިލްގެ ފުލްބެކް އެމާސަން ރޮޔަލް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އެކުއޭޑޯ އިން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ފެލިކްސް ޓޮރޭޒް ކާމިޔާބުކުރި ގޯލުންނެވެ. މި މެޗުގައި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އަށް ދެއްކި ދެ ރަތް ކާޑު ވެސް ވީއޭއާރް އިން ބެލުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ.

މިއީ ކޮލިފައިންގައި ބްރެޒިލުން ބަލިނުވެ ހަމަކުރި 31 ވަނަ މެޗެވެ. މިއާއެކު، ބްރެޒިލުން ވަނީ 1954 އިން 1993 ވަނަ އަހަރާއި ދެމެދު ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި އެ ޓީމުން ބަލިނުވެ، ހަމަކުރި މެޗުގެ ރެކޯޑާ އެއްވަރުކޮށްފައެވެ.

ކޮލިފައިންގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ދެކުނު އެމެރިކާ ސަރަހައްދުން ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ ބްރެޒިލާއި އާޖެންޓީނާ އެކަންޏެވެ. އެ ސަރަހައްދުން ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބެނީ ހަތަރު ގައުމަކަށެވެ. ފަސް ވަނަ އަށް ނިންމާ ޓީމެއް ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.