އެމްޓީސީސީގެ 2021 ވަނަ އަހަރުގެ މާލީ ރިޕޯޓް އާންމުކޮށްފިއެވެ. މި މަހުގެ 24 ވަނަ ދުވަހު އާންމު ކުރި އެމްޓީސީސީގެ މާލީ ރިޕޯޓަށް ބަލާއިރު ފާއިތުވި 2021 ވަނަ އަހަރަކީ އެމްޓީސީސީ އަށް ކާމިޔާބު އަހަރެކެވެ. އެގޮތުން ފާއިތުވި އަހަރު އެ ކުންފުންޏަށް ލިބުނު ޖުމުލަ އާމްދަނީ 264.4 މިލިއަން ރުފިޔާއަށް އަރައެވެ. މިއީ 1.96 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ލިބިފައިވާ އާމްދަނީއެވެ. ޓެކުހަށް ކެނޑުމުން ކުންފުންޏަށް ލިބުނު ފައިދާ 221 މިލިއަނަށް އަރައެވެ.
ފާއިތުވި އަހަރުގެ 4 ވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 67 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކުހަށް ކެނޑުމުން މި ކުއާޓަރގައި ލިބުނު ފައިދާ 52.2 މިލިއަނަށް އަރައެވެ. މިއީ 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި ލިބުނު ސާފު ފައިދާއަށް ވުރެ ދަށް އަދަދެއް ނަމަވެސް ފާއިތުވި އަހަރު ލިބުނު ޖުމުލަ ނަތީޖާ އަކީ އެކުންފުނީގެ ދިގު ތާރީޚުގައި ހާސިލުކުރެވުނު އެންމެ ރަނގަޅު ނަތީޖާ ކަމަށް އެކުންފުނިން ބުންޏެވެ. އެ ކުންފުންޏަށް 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 81 މިލިއަން ރުފިޔާއެވެ.
މީގެ 41 އަހަރު ކުރިން އުފެދުނު އެމްޓީސީސީ އަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީ އާއި، އިމާރާތްކުރުމުގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ ދިވެހި ކުންފުންޏެވެ. އެގޮތުން ފާއިތުވި 3 އަހަރު އެމްޓީސީސީ އިން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އެއަރޕޯޓް ހެދުމާއި، ބަނދަރު ހެދުމާއި، މަގު ހެދުމާއި، ފެނާއި ނަރުދަމާ އެޅުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ބޮޑެތި އެތައް މަޝްރޫއެއް ހިންގާފައިވެއެވެ.
އެމްޓީސީސީ އަކީ އެއްފަހަރާ 70 ޕްރޮޖެކްޓްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމުގެ ޤާބިލުކަން ހުރި ކުންފުންޏެކެވެ. މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމުލަ 103 ޕްރޮޖެކްޓްގެ މަސައްކަތް އެކި މަރުހަލާތަކުގައި ހަލުވިކަމާއެކު ކުރެވެމުންދެއެވެ.
