އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ފަސްވަނަ އަށް ސީޑްކުރެވިފައިވާ ސްޕެއިނުގެ ރަފައެލް ނަޑާލްއާ ދެވަނަ ސީޑް ރަޝިޔާގެ ޑެނީލް މެޑްވެޑޭވް ބައްދަލުކުރާން ޖެހިއްޖެއެވެ.

މިއީ އުމުރުން 35 އަހަރުގެ ނަޑާލް، މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި 6 ވަނަ ފަހަރެވެ. މީގެކުރީން، އޭނާ ވަނީ 2009 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، މިއީ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ފައިނަލްގައި ނަޑާލް ކުޅޭ 29 ވަނަ ފަހަރެވެ. 

ކުރީގެ އެއްވަނަ ކުޅުންތެރިޔާ ނަޑާލް ފައިނަލަށް ދަތުރުކުރީ މިއަދު ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ދުނިޔޭގެ ރޭންކިންގެ 7 ވަނައިގައި އޮތް އިޓަލީގެ މަޓެއޯ ބެރެޓިނީއާ ދެކޮޅަށް ހަތަރު ސެޓު ކުޅެގެންނެވެ. ރޮޑް ލޭވާ އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ދެ ސެޓް 6-3، 6-2 އިން ނަޑާލް ގެންގޮސްފައިވަނިކޮށް ބެރެޓިނީ ވަނީ ތިންވަނަ ސެޓުގައި 6-3 އިން ކުރިހޯދާފައެވެ. އެކަމަކު، ނަޑާލް ވަނީ ފަހު ސެޓު 6-3 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު މެޑްވެޑޭވް މިފަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ، މިއަދު ރޮޑް ލޭވާ އެރީނާގައި ކުޅެވުނު ސެމީގެ ދެވަނަ މެޗުގައި ހަތަރުވަނަ ސީޑް ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސްއާ ދެކޮޅަށް ހަތަރު ސެޓު ކުޅެގެން 7-6، 4-6، 6-4 އަދި 6-1 އިން ކުރިހޯދައިގެންނެވެ.

މިފަހަރުގެ މުބާރާތް ކާމިޔާބުކޮށް ގްރޭންޑް ސްލޭމް 21 ތަށި ހަމަކުރުމަށް އަމާޒުހިފާފައިވާ ނަޑާލްއާ ދެކޮޅަށް މެޑްވެޑޭވް މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއް ތިން މެޗުން މޮޅުވީ ނަޑާލް އެވެ. މި މުހިއްމު މެޗާއި ކުރިމަތިލާއިރު، ނަޑާލްގެ އިތުރުން 20 ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ކުޅުންތެރިންނަކީ ޓެނިސް ލެޖެންޑް ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އާއި މިހާރު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އެވެ.

ނަޑާލްއާ ދެކޮޅަށް މެޑްވެޑޭވް ކުޅޭ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު ރާއްޖޭގަޑިން 13:30 ގައެވެ.