ކޮވިޑް19 އާއި ގުޅިގެން އަނެއްކާވެސް އާ ވޭރިއަންޓެއްގެ ވާހަކަ މިވަނީ ފެންމަތިވެފައެވެ. ދުނިޔޭގެ މަޝްހޫރު ނޫސް މަޖައްލާތަކުގައި އެވާހަކަ އޮތް އިރު، ރާއްޖޭގެ ބައެއް ނޫސްތަކުގައިވެސް މި ވޭރިއަންޓުގެ ވާހަކަތައް ހިއްސާކޮށްފައި އެބަ ހުއްޓެވެ. އަލަަށް މި ފެނުނު އާ ވޭރިއަންޓަށް ސައިންސްވެރިން ދީފައިވާ ނަމަކީ "ނިއޯކޮވް" އެވެ.
ޗައިނާގެ ވޫހާން ސިޓީ އިން ފެނުނު ކޮރޯނާ ވައިރަހުގެ ކޮވިޑް19 އަކީ މިއަދު މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތުރި، މުޅި ދުނިޔެއަށް އެކަމުގެ ނޭދެވޭ އަސަރު ފީރާފައިވި ނުރައްކާތެރި ވައިރަހެކެވެ. ކޮވިޑް19 އަކީ މީގެ ކުރިން ދުނިޔެއިން ފެނިފައިވާ ސާސް ނަމަކަށް ކިޔާ ރޯގާއެއްގެ ވައްތަރެއް ކަމަށް ސައިންސުވެރިން ބުނެއެވެ. އެހެނީ ސާސް އަދި މާސް ރޯގާގައިވެސް ކޮރޯނާ ވައިރަހުގެ އަސަރު އެކުލެވިގެންވާތީއެވެ. އަލަށް މި ފެނުނު ވޭރިއަންޓަކީ ޗައިނާގެ ސައިންސުވެރިން ހީދާފައިވާ ވޭރިއަންޓެކެވެ. ނަވެސް މި ވޭރިއަންޓު (ނިއޯކޮވް) ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ.
ޗައިނާގެ ވޫހާންގެ ސައިންސުވެރިން ދެކިލައްވާ ގޮތުގައި ނިއޯކޮވް އަކީ މީގެ ކުރިން ފެނިފައިވާ ކޮވިޑް19ގެ ވޭރިއަންޓުތަކަށްވުރެ، ނުރައްކާތެރި އަދި ބިރުވެރި ވޭރިއަންޓެކެވެ. ނަމަވެސް އަދި މިވީހާތަނަކަށް މި ވޭރިއަންޓު އިންސާނެއްގެ ގައިން ފެނިފާ ނުވާކަމަށްވެސް އެ ސައިންސުވެރިން ބުނެއެވެ. ނިއޯކޮވް ގެ ވައިރަސް ފެނިފައިވަނީ ދެކުނު އެފްރިކާގައި އުޅޭ ވާލުގެ ތަހުލީލުތަކެއް ކުރުމުންނެވެ.
ނިއޯކޮވް އިންސާނުންނަށް ޖެހިދާނެތޯ ނުވަތަ ނޫންތޯ އަދި ޔަގީންކުރެވުފައި ނުވާއިރު، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ބުނެފައިވަނީ އެކަމުގެ ދިރާސާތައް ކުރިއަށް ދާކަމަށެވެ. ނަމަވެސް ޗައިނާގެ ވޫހާނުގެ ސައިންސުވެރިން ބުނާގޮތުގައި ނިއޯކޮވް އިންސާނުންގެ ގަޔަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެހެނީ މި ވޭރިއަންޓަށް ކުޑަ ނަމަވެސް "މިއުޓޭޝަން" އެއް ނުވަތަ ބަދަލުވުމެއް އައިސްފިނަމަ އިންސާނުންގެ ހަށިގަނޑުގައި އަށަގަތުމުގެ ގާބިލުކަން މި ވައިރަހަށް ލިބޭނެތީއެވެ. ޗައިނާގެ މި ސައިންސުވެރިން ފާހަގަ ކުރާގޮތުގައި ނިއޯކޮވް މިހާރުވެސް ވަރަށްގިނަ ޖަނަވާރުންނަށް ޖެހިފައި ހުންނާނެއެވެ. މަޝްހޫރު "ބައޯރިކްސިވް" ވެބްސައިޓުގައި ބުނެފާ ވާގޮތުން، ނިއޯކޮން އިންސާނާގެ ހަަށިގަނޑުގައި އަށަގަތުމަަށްޓަކައި ވަކި ވައްތަރެއްގެ އެންޒައިމްއެއް ބޭނުންވެއެވެ. އެއީ އެންޖިއޯޓެންސިން ކޮންވާޓިން އެންޒޭމެކެވެ.
ކޮވިޑް19 އަކީ ސާސް ރޯގާގެ ވައްތަރެކެވެ. ނަމަވެސް ޗައިނާގެ ސައިންސުވެރިން ފާހަގަ ކުރާ ގޮތުގައި އަލަށް މި ފެނުނު ނިއޯކޮވް ވޭރިއަންޓަކީ މާސް ރޯގާގެ ވައްތަރެކެވެ. ސާސް ރޯގާ އާއި މާސް ރޯގާ އަކީ ދާދި އެއްކަހަލަ ދެ ރޯގާ އެކެވެ. ކުރުގޮތަކަށް، ދަންނަވާނަމަ ސާސް ރޯގާ ހާއްސަވެފައިވަނީ މި ރޯގާ ފެތުރޭ ހަލުއިމިނަށެވެ. މާސް ރޯގާ ހާއްސަ ވެފައިވަނީ އެ ރޯގާގެ ބާރުގަދަ ނުވަތަ "މަރުގިނަ" ކަމަށެވެ. މެޑިކަލް ނިއުސް ޓުޑޭގައި 2020ވަނަ އަހަރު ޑރ.ޔެލާ ހެވިން މާރޓިން ލިޔުއްވާފައިވާ "ހައުޑޫ ސާސް އެންޑް މާސް ކޮންޕެއަރ ވިތް ކޮވިޑް19" ގައި ފާހަގަ ކުރައްވާފައިވާ ގޮތުން ސާސް ރޯގާގެ މަރުގެ އިންސައްތަ އަކީ 9.6 އިންސައްތައެވެ. ނަމަވެސް މާސް ރޯގާގެ މަރުގެ އިންސައްތައަކީ 34.3 އިންސައްތައެވެ.
އެހެންކަމުން އަލަށް މި ފެނުނު ނިއޯކޮވް އިންސާނުންގެ ތެރޭގައި ފެތުރޭނަމަ މިއީ އޭގެ ސަބަބުން ވަރަަށް ގިނަ މަރުތަކެއް ފެނިގެން ހިނގައިދާނޭ ވޭރިއަންޓެކެވެ. ނަމަވެސް އަދި މިހާތަނަކަށް މި ވައިރަސް ނުވަތަ ވޭރިއަންޓު އެއްވެސް އިންސާނެއްގެ ކިބައިން ފެނިފައެއް ނުވެއެވެ. އެއާއެކު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދަނީ މި ވޭރިއަންޓު އިންސާނުންނަށް ޖެހުމުގެ ފުރުސަތު އޮތްތޯ ނުވަތަ ނޫންތޯ ބެލުމަށް ދިރާސާތައް ކުރަމުންނެވެ.
ކަން މިހެން ހުރިނަމަވެސް، މީސްމީޑިޔާގައި މިކަމަށް ފާޑުކިޔާ މީހުން ދައްކާ ވާހަކައެއްވެސް ހިއްސާކޮށްލާނަމެވެ. ކޮވިޑް19 ދުނިޔެއިން ފެނުމާއި އެކު އެކަމުގެ ތުހުމަތުގެ އިނގިލި ޗައިނާއަށް ދިއްކުރެވުނެވެ. މިފަހަރުގެ މި ވޭރިއަންޓުގެ ވާހަކަވެސް ފެންމަތި މި ކުރީ ޗައިނާގެ ސައިންސުވެރިންނެވެ. އެއާއެކު އަނެއްކާވެސް ޗައިނާއަށް ގިނަ ބަޔަކު ތުހުމަތާއި ޝައްކުގެ ނަޒަރަކުން ބަލައެވެ.
ހަގީގަތެއް ހަމަ އެކަކަށްވެސް ނޭނގެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ނިއޯކޮވް އަކީ ހަގީގަތެއް ނަމަ ނުވަތަ އިންސާނުންގެ ތެރޭގައި ފެތުރިދާނޭ ވޭރިއަންޓެއް ނަމަ، ހުރިހާ އިންސާނުން އެ ބަލިން ރައްކާތެރިކޮށްދެއްވާށިއެވެ. އަދި ކޮވިޑް19 އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހުރިހާ ބަލި މީހުންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ.
