އަންނަ ސީޒަނަށް ރެއާލް މެޑްރިޑަށް ގެންނަން ބޭނުންވަނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ކަހަލަ ހުނަރުވެރި ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފިއެވެ.
ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، މިދިޔަ ޓްރާންސްފާ ބާޒާރުގައި ރެއާލުން އެމްބާޕޭ ގަންނަން ހުށަހެޅުމުން ޕީއެސްޖީން ވަނީ ވިއްކާލަން ދެކޮޅު ހަދާފައެވެ.
"އެމްބާޕޭ އަކީ ހުނަރުވެރި، އަދި އެންމެ މަތީ ލެވެލްގެ ކުޅުންތެރިއެއް. ރެއާލަށް ބޭނުންވަނީ އެ ކަހަލަ ކުޅުންތެރިން،" ޓީވީއީ އަށް ދިން އިންޓަވިއުއެއްގައި ކްރޫސް ބުންޏެވެ.
"އެމްބާޕޭ އަކީ ރެއާލަށް ވަރަށް ކަމުދާ ކުޅުންތެރިއެއް."
ކްރޫސް އާއެކު ރެއާލަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ވިންގާ އެޑެން ހަޒާޑްއާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ ފުރަތަމަ ދުވަހުން ފެށިގެން އެ ފެންވަރުގެ ކުޅުންތެރިއެއްގެ ކޮލިޓީ ދަށަށް ނުދާނެ ކަމަށާއި، އަދިިވެސް ހަޒާޑަށް ފުރިހަމަ އިތުބާރު އޮންނާނެ ކަމަށެވެ.
މިހާރު އޮތްގޮތުން، މި މަހުގެ ތެރޭގައި ޕީއެސްޖީގެ ފޯވާޑް އެމްބާޕޭ އަށް ބޭނުން ޓީމަކާ އެކު ޕްރީ އެގްރިމެންޓެއްގައި ސޮއިކުރެވޭނެ އެވެ. މިއާއެކު، އަންނަ ޖުލައި މަހު ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވުމުގައި އެމްބާޕޭ އަށް އެއްވެސް ހުރަހެއް ނެތެވެ.
