މުރަނގަ ފަތަކީ އެފަތަކުން އިންސާނާއަށް އެތައް ފައިދާތަކެއް ލިއްބައިދޭ ފަތެއްކަމަށް ޒަމާނުއްސުރެ ބުނެވެއެވެ. ސައިންސާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ނެތް ޒަމާންތަކުގައި ވެސް މި ވާހަކަ މިގޮތަށް ދެކެވިފައިވެއެވެ. ސައިންސާއި ޓެކްނޮލޮޖީގެ މި ޒަމާނުގައި ސައިންސުވެރިން ވަނީ މުރަނގަ ފަތުގެ ފައިދާތައް ހޯދާފައެވެ. މި ލިޔުމުގައި މި ބަލާލަނީ މިފަތުން ލިއްބައިދޭ ފައިދާތަކަށެވެ.

މުރަނގަ އަކީ އޭގެ އެތައް އާއިލާއެއް އޮންނަ ގަހެކެވެ. ދިވެހިރާއްޖޭގައި ހެދިފައި ހުންނަ މުރަނގަ އަކީވެސް އޭގެ އެއް ވައްތަރެވެ. މިއިން ކޮންމެ ވައްތަރެއްނަމަވެސް، ލިއްބައިދެނީ ހަމަ ދާދި އެއް ފައިދާ ތަކެކެވެ. މުރަނގަ ގަހުގެ ހުރިހާ ހިސާބަކީ، ގަސްގަނޑާއި މުލަކީވެސް އިންސާނުން ކުއުމަށް ބޭނުން ކުރެވިދާނޭ ތަކެއްޗެވެ. ނަމަވެސް ދިވެހިން އާންމުގޮތެއްގައި ބޭނުން ކުރަނީ މުރަނގަ ފަތާއި މުރަނގަ ތޮޅިއެވެ.

މުރަނގަ ފަތަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިނާއި މިނަރަލް އެކުލެވޭ ފަތެކެވެ. ޑރ.އަޓްލީ އާނެސަން 2014 ވަނަ އަހަރު ލިޔުއްވާފައިވާ ލިޔުމުގައި މުރަނގަފަތުގެ ކޮންމެ 21 ގުރާމެއްގައި ހުންނަ ފައިދާތައް ވަނީ ހިމަނާފައެވެ. އެ ލިޔުމުގައި ވާގޮތުން ކޮންމެ 21 ގުރާމަކުން 2 ގުރާމަކީ ޕްރޮޓީންއެވެ. %19 އަކީ ވިޓަމިން ބީ6 އެވެ. %12 އަކީ ވިޓަމިން ސީ އެވެ. %11 އަކީ ދަގަނޑުގެ މާއްދާއެވެ. %9 އަކީ ވިޓަމިން އޭ އެވެ. އަދި %8 އަކީ މެގްނީސިއަމްއެވެ. އަދި މިނޫނަސް އެހެން މާއްދާތައް ހުންނާނެއެވެ.

މުރަނގަ ފަތަކީ ރޮލާވެސް ކެވޭނޭ ފަތެކެވެ. އަދި އަވީލާ ހިއްކައިގެންވެސް ބޭނުން ކުރެވިދާނޭ ފަތެކެވެ. ދިވެހިން އާންމުކޮށް މުރަނގަފަތް ތެލުގައިގެން ބޭނުން ކުރެއެވެ. ނަވެސް ތެލުލުމާއި އެކު ފަތުގައި ހުންނަ މާއްދާތަކުގެ ބޮޑު ބައެއް ބޭރުވެގެން ދާނެއެވެ.

އެންޓިއޮކްސިޑަންޓަކީ ހަށިގަނޑުގައި ހުންނަ ހަށިގަނޑަށް ބޭނުން ނުވާ މާއްދާތައް ނުވަތަ ވިހަ މާއްދަތަށް ހަށިގަނޑުން ނެތިކޮަށްލުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި އެންޓި އޮކްސިޑަންޓަކީ ނަހަމަވެފައިވާ ހަށިގަނޑިގެ ހޯމޯން ތަކާއި ދިގުމުއްދަތަށް ޖެހޭ ބަލިތަކުގެ ސަބަބުން ހަަށިގަނޑުގައި ގެއްލިފައިވާ ތަރުތީބު އިއާދަކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ. އެގޮތުން ހަކުރު މައްޗަށް ދިއުމާއި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް ފަދަ ބަލިތަކަށް ހައްލު ނުވަތަ ލުއި ގޮތްތަކެއް ހޯދައި ދިނުމަށް މި މާއްދާ އެހީތެރިވެދޭނެއެވެ. މުރަނގަ ފަތަކީ ގިނަ އަދަދަކަށް އެންޓި އޮކްސިޑަންޓު އެކުލެވޭ ފަތެކެވެ. އެހެންކަމުން އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް، މުރަނގަފަތަކީ މުހިންމު ފަތެކެވެ. މުރަނގަފަތުގައި ހުންނަ "ކުއަރސެޓައިން" ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓަކީ ލޭގެ ޕުރެސަރު ދަށްކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި "ކޮލޮރޯޖެނިކް އެސިޑް" ނަމަކަށް ކިޔާ އެންޓިއޮކްސިޑަންޓަކުން ހަކުރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން އިސްވެ ބުނެވުނު މާއްދާތަކުގެ ސަބަބުން ލޭގައި ހުންނަ ކޮލެސްޓްރޯލުގެ މިންވަރު މަދުކޮށްދީ ނުވަތަ ދަށްކޮށްދެއެވެ. އަދި މުރަނގަފަތަކީ ފާރު ހިއްކުމަށްވެސް މޮޅު ފަތެކެވެ. ރޯ ފާރުގަނޑުތަކުގައި މުރަނގަފަތް ބޭނުން ކޮށްގެން ހަދާފައި ހުންނަ ފަތްޕިލާވެލީގެ ބޭސް އަޅާ އުޅެއެވެ. އަދި މުރަނގަ ފަތް ކެއުމަކީވެސް އެފަދަ ފާރުތައް އަވަހަށް ފަސޭހަވުމަށް މަގުފަހިވާނޭ ކަމެކެވެ.ހަމައެއާއިއެކު ހަށިގަނޑުގައި ހިނގާ އެކި އެކި އިންފެކްޝަންތަކަށާއި އަލަށް އުފެދޭ އިންފެކްޝަންތަކަށް ހައްލު ހޯދުމުގައި ނުވަތަ ލިބުމުގައި އެންޓިއޮކްސިޑެންޓަކީ ބޭނުންތެރި މާއްދާއެކެވެ.

އަދި މީނޫނަސް އެތައް ފައިދާއެއް މުރަނގަ ފަތުން ލިބޭނެއެވެ. މިއީ ކެއުމުގައި ދޫކޮށްލެވިގެން ވާނޭ ފަތެއް ނޫނެވެ. ގޭތެރޭގައިވެސް ފަސޭހަކަމާއި އެކު ހައްދާލެވޭ މި ގަހަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި އާންމު ކޮށް ހެދޭ ގަހެކެވެ. ބިސްގަނޑު އަޅާއިރު އޭގެތެރެއަށް މުރަނގަ ފަތް އެޅުމުން އެ ހަދާލެވެނީ ޕްރޮޓީނުން މުއްސަނދިވެފައިވާ މީރު ކެއުކެމެވެ. ޕްރޮޓީން އަކީ ފާރުހިއްކުމަށް އެންމެ އަސާސީ އެއް މާއްދާއެވެ.