ކެނެޑާއާއި އެމެރިކާ ގުޅޭ ބޯޑަރުގެ ކައިރީގައި ގަނޑުވެފައިވާ 4 އިންސާނުންގެ ހަށިގަނޑު ފެނިއްޖެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެއީ އިންޑިޔާއަށް ނިސްބަތްވާ ބައެކެވެ. އޮޓާވާގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ބުނާގޮތުގައި އެއީ އިންޑިޔާއަށް ނިސްބަތްވާ އާއިލާއެކެވެ.

ގަނޑުވެފައިވާ ހަތަރު މީހުންގެ އާއިލާގައި ހިމެނެނީ އުމުރުން 39 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ އަންހެނެއްގެ އިތުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި 3 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އަލްޖަޒީރާ ނޫހުގައި ވަނީ އެ އާއިލާގެ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ.

އޮޓާވާގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ވަނީ، އެ މީހުންގެ ހަށިގަނޑުތައް އިންޑިޔާގައި ތިބި އެމީހުންގެ އާއިލާއާއި ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފަައެވެ. ރިޕޯޓުތައް ބުނާގޮތުގައި ކެނެޑާއާއި އެމެރިކާ ގުޅޭ ބޯޑަރުގެ ސަރަހައްދުގައި ފިނިހޫނުމިން ހުރީ 20- ޑިގްރީ އާއި 30- ޑިގްރީއާ ދެމެދުގައެވެ.

ރޯޔަލް ކެނެޑިއަން މައުންޓެޑް ޕޮލިހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ގޮތުން އެމީހުން ބޯޑަރު ހުރަސްކުރަން މަސައްކަތް ކޮށްފައިވަނީ އެއްވެސް އުޅަނދެއް ބޭނުން ނުކޮށް ހިނގާފައެވެ. އެ މީހުން ގަނޑުވެފައި ތިބި ސަރަހައްދުން ފެށިގެން ބޮޑު ބައެއް ބަލާ ހޯދާފައިވާ އިރުވެސް އެފަދަ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. މި ހަތަރު މީހުންނަކީ މިހިނގާ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ކެނެޑާއަށް ގޮސްފައިވާ އާއިލާއެކެވެ. މީގެ އިތުރުން މި ހާދިސާއަކީ އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ ހާދިސާއެއް ކަމަަށް ވެސް ފުލުހުން ވަނީ އިޝާރާތް ކޮށްފައެވެ.