އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ކުއާޓާ ފައިނަލްގައި މާދަމާ ރޭ އިކުއެޓޯރިއަލް ގިނީއާ ދެކޮޅަށް ކުޅޭ މެޗަށް ސެނެގޯލްގެ ކެޕްޓަން ސަޑިއޯ މާނޭ އަށް ލިބިފައިވާ އަނިޔާއިން މުޅިން ރަނގަޅުވެ، ފިޓްވެފައިވާ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.
ކުރީން ބެލެވިފައިއޮތީ އެފްކޮންގެ ދެވަނަ ބުރުގައި މިދިޔަ އަންގާރަ ދުވަހު ކޭޕް ވާޑޭއާ ދެކޮޅަށް ސެނެގޯލް ކުޅުނު މެޗުގައި މާނޭގެ ބޮލަށް ލިބުނު އަނިޔާއިން ރިކަވާ ނުވާނެ ކަމަށެވެ.
މާނޭގެ ބޮލަށް އަނިޔާވީ، ކޭޕް ވާޑޭއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ކީޕަރު ވޮޒީނިއާ އެރި ބޯޅައެއްގައި މާނޭ ބޮލުގައި ވޮޒީނިއާގެ ބޮލުން ޖެހުމުންނެވެ. މި އަނިޔާއާ ގުޅިގެން މާނޭ އަށް ދަނޑުމަތީގައި ފަރުވާދީފައިވާއިރު، އޭގެ 10 މިނެޓުފަހުން މާނޭ ވަނީ ސެނެގޯލުން އެ މެޗުގައި ޖެހި ފުރަތަމަ ލަނޑުޖަހައިދީފައެވެ އެކަމަކު، އޭގެ ކުޑައިރުކޮޅެއް ފަހުން އިތުރަށް ކުޅުމާއިގެން ކުރިއަށް ނުދެވުމުން މާނޭ ވަނީ ބަދަލުކޮށްފައެވެ.
އޭގެފަހުން، ހޮސްޕިޓަލަށް ގެންގޮސް މާނޭ އަށް އިތުރު ފަރުވާދިނުމަށްފަހު ހެދި ޓެސްޓުތަކަށް ފަހު މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް އެ ޓީމުގެ ޑޮކްޓަރު އަބްދުއްރަހުމާން ފެޑިއޯ ވަނީ ބުނެފައެވެ.
"ދަނޑުމަތީގައި މާނޭގެ ފަރާތުން ފެނުނު އެއްވެސް އަލާމާތެއް މިހާރަކު ނެތް. އެކްސްރޭ ވެސް ފެންނަނީ ނޯމަލްކޮށް. މިހާރު އޭނާގެ ހާލު ރަނގަޅު،" ސެނެގޯލް ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައިވެއެވެ.
މީގެއިތުރުން، ޚުދު މާނޭ ވެސް ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައެވެ.
އިނގިރޭސި ވިލާތުގައި ލިވަޕޫލަށް ކުޅެމުން އަންނަ މާނޭ އަކީ އެންމެ ފަހުން ހޮވި އެފްރިކާގެ އަހަރުގެ މޮޅު ކުޅުންތެރިޔާ އެވެ. އަދި މި ފަހަރުގެ އެފްކޮންގެ ޗެމްޕިއަންކަން ހޯދުމަށް ސެނެގޯލުން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑު ޒިންމާއެއް އެޅިފައި އޮތީ ވެސް މާނޭގެ ކޮނޑުގައެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި އިކުއެޓޯރިއަލް ގިނީއާ ދެކޮޅަށް ސެނެގޯލް ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.
