އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުތަކަށްފަހު މުބާރާތް ބާއްވާ ގައުމު ކެމަރޫނާއި ބުރްކީނާ ފާސޯ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގެމްބިއާގެ މައްޗަށް ކެމަރޫނުން 2-0 އިން ކުރިހޯދިއިރު، ޓިއުނީޝިއާ އަތުން ބުރްކީނާ ފާސޯ މޮޅުވީ 1-0 އިންނެވެ.

ސެމީގައި ކެމަރޫން ކުޅެންޖެހޭނީ ކުއާޓާގައި މިރޭ މޮރޮކޯއާ މިސްރު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. ދެވަނަ ސެމީގައި ބުރްކީނާ ފާސޯ ނިކުންނާނީ އިކުއޭޓޯރިއަލް ގިނީއާ ސެނެގޯލް ކުރެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މިފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައި މުޅިން އަލަށް ވާދަކުރި ގެމްބިއާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ކެމަރޫނުން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 50 ވަނަ މިނެޓުގައި އޮލިމްޕިކް ލިޔޯނަށް ކުޅެމުން އަންނަ ކާލް ޓޯކޯ އެކަމްބީ ކާމިޔާބުކުރިއިރު، އޭގެ ހަތް މިނެޓުފަހުން ކެމަރޫންގެ ދެވަނަ ލަނޑުޖެހީ ވެސް އޭނާ އެވެ. މި މެޗުގައި ޖެހި ދެލަނޑާއެކު މި މުބާރާތުގައި ޓޯކޯ އެކަމްބީ ޖެހި ގޯލްގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑުޖަހާފައިވަނީ ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާރް އެވެ. އޭނާ ވަނީ ހަ ލަނޑުޖަހާފައެވެ.

ބުރްކީނާ ފާސޯ އިން ރޭ ކުޅުނު މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޖަހައިދިނީ އުމުރުން 19 އަހަރުގެ ފޯވާޑް ޑަންގޯ އޮއުއަޓާރާ އެވެ. ޓިއުނީޝިއާ އަށް ލަނޑެއްޖަހައިދޭން އެ ޓީމުގެ ވަހްބީ ހަޒްރީ އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.

މި މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ބުރްކީނާ ފާސޯ އަށް ލަނޑުޖަހައިދިން އޮއުއަޓާރާ އަށް ވަނީ ރަތް ކާޑު ދަނޑުން ފޮނުވާލައިފައެވެ. ވީއޭއާރް އިން ބެލުމަށްފަހު، އޮއުއަޓާރާ އަށް ރަތް ކާޑު ދެއްކީ ޓިއުނީޝިއާގެ އަލީ މާލޫލް އަށް އުޅަނބޮށިން ހަމަލާދިނުމުންނެވެ. މިއާއެކު، ސެމީ ފައިނަލް މެޗަށް އޭނާ ވަނީ ސަސްޕެންޑްވެފައެވެ.