އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލްގައި ފަހަތުންއަރައި ތިން ސެޓު ގެންގޮސްގެން ރަޝިޔާގެ ޑެނީލް މެޑްވެޑޭވް ބަލިކޮށް ސްޕެއިނުގެ ރަފައެލް ނަޑާލް، ކެރިއަރުގެ 21 ވަނަ ގްރޭންޑް ސްލޭމް ތަށި އުފުލާލައި ޓެނިހުގެ ރެކޯޑެއް މުގުރާލައިފިއެވެ.
ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ގޮތުގައި ކަލަންޑަރު އަހަރެއްގައި ބާއްވަމުން އަންނަނީ ހަތަރު މުބާރާތެވެ. އެއީ، އޮސްޓްރޭލިއަން އޯޕަން، ފްރެންޗް އޯޕަން އާއި ވިމްބަލްޑަން އަދި ޔޫއެސް އޯޕަން ޓެނިސް މުބާރާތެވެ. ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނަޑާލް މިވަނީ އެ މުބާރާތްތަކުގައި ޖުމްލަ 21 ތަށި އުފުލާލި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މީގެކުރީން، ގްރޭންޑް ސްލޭމް މުބާރާތްތައް އެންމެ ގިނަ ފަހަރު ހޯދާފައިވާ ކުޅުންތެރިންގެ ރެކޯޑް އޮންނަނީ ނަޑާލް އާއި ސްވިޒަލެންޑްގެ ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ އަދި މިހާރު އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އަތުގައެވެ. މި ތިން ކުޅުންތެރިން ވެސް ވަނީ ގްރޭންޑް ސްލޭމް 20 ތަށި ހޯދާފައެވެ. މި ފަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ފެޑެރާ ވާދަނުކުރެއެވެ. އަދި ވިސާ މައްސަލައިގައި ޖޮކޮވިޗް ވަނީ މުބާރާތް ފެށުމުގެ ކުރީން އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލާފައެވެ.
މެލްބަންގައި ހުންނަ ރޮޑް ލޭވާ އެރީނާގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓް، 2-6 އާއި 6-7 (5-7) އިން ގެންދިޔައީ ދެވަނަ އަށް ސީޑްކޮށްފައިވާ މެޑްވެޑޭވް އެވެ. ފަސް ގަޑިއިރާއި 24 މިނެޓަށް ދިގުދެމިގެންދިޔަ މި މެޗުގައި ދެން ކުޅެވުނު ތިން ސެޓް ގެންގޮސް ނަޑާލް ވަނީ ތާރީޚީ ކާމިޔާބީ ހާސިލްކޮށްފައެވެ. މިހާރު އުމުރުން 35 އަހަރުގެ ނަޑާލް، ފަހު ތިން ސެޓް ގެންދިޔައީ 6-4، 6-4 އަދި 7-5 އިންނެވެ.

މިއީ ނަޑާލްގެ ކެރިއަރުގައި އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެކުރީން، 2009 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު، ފައިނަލްގައި ކުޅުނު ހަ ފަހަރުގެ ތެރެއިން ހަތަރު ފަހަރު ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވެއެވެ.
އަދި މިއީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތާއެކު ގްރޭންޑް ސްލޭމް ފުރަތަމަ މުބާރާތް ހޯދި މެޑްވެޑޭވް، މި މުބާރާތުގެ ފައިނަލްގައި ބަލިވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ބަލިވީ ޖޮކޮވިޗް އަތުންނެވެ.
މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެޝްލެއި ބާޓީ އެވެ. ފައިނަލްގައި ބާޓީ މޮޅުވީ، އެމެރިކާގެ ޑަނިއޭލޭ ކޮލިންސްގެ މައްޗަށް ސީދާ ދެ ސެޓުން 6-3، 7-6 (7-2) އިން ކުރިހޯދައިގެންނެވެ. މިއާއެކު، އޭނާ ވަނީ 44 އަހަރަށްފަހު އޮސްޓްރޭލިއަން އޯޕަން ސިންގަލްސް ޓްރޮފީ ކާމިޔާބުކުރި އެ ގައުމަށް އުފަން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
