އިންޓަރނެޓަކީ އޭގެ ހެޔޮ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޭނުންތެރި އަދި ފައިދާ ކުރާ އެއްޗެކެވެ. ހަމަ އެގޮތަށް އިންޓަރނެޓްގެ ސަބަބުން ނުރަގަޅު ކަންކަމަށް މަގުފަހިވާ ފަހަރުވެސް އާދެއެވެ. މީގެ އެންމެ ނުރައްކާތެރި ކަމަކީ އުމުރާ ނުގުޅޭ މަންޒަރާއި މައުލޫމާތުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރެވެ. ޓިކްޓޮކްގައި ފުރާވަރުގެ ކުދިންނާއި އެކު އިޝްޤީ ޑުއެޓް ލަވަ ކިޔުމުގައި 10 އަހަރު ނުވާ ކުދިން އެބަ އުޅެއެވެ. ހަމަ މި އުމުރު ފުރައިގެ ކުދިން ބަދުއަޚްލާގީ އަމަލުތަކަށް އަރައިގަންނަ ވީޑީއޯ ތައް ދޭތެރެ ދޭތެރެއިން އާންމު ވެއެވެ. މީގެ އެންމެ ބޮޑު ދައުރެއް އަދާ ކުރަނީ އިންޓަރނެޓޭ ބުނުން ދޮގަކަށް ނުވާނެއެވެ.

ޒަމާނަށް އައި ބަދަލާއެކު އެއް އަހަރު ނުވާ ކުއްޖާވެސް ކާ ގަޑީގައި ނަރސަރީ ރައިމްސް ފަދަ އެއްޗެއް ބަލައެވެ. އެއަށް ވުރެ ބޮޑެތި ވުމުން އަމިއްލަ އައިޕެޑް ނުވަތަ ޓެބްލެޓް ލިބެއެވެ. ގިނަ ކުދިންނަށް ލިބެނީ އިންޓަރނެޓާއި އެކުގައެވެ. އަދި ދެން މި ވަޞީލަތްތައް ބޭނުންކޮށްގެން އެކުދިން ކުރާ ކަމެއް ނުވަތަ ބަލާއެއްޗެއް ބައެއް ބެލެނިވެރިންނަކަށް ނޭނގެއެވެ. ނަތީޖާއަކީ ސްކޫލްގެ ހޯމްވޯކަށް ބޭނުންވާ މައުލޫމާތު ހޯދަން މަސައްކަތް ކުރާ ކުއްޖާއަށް ވެސް އުމުރާ ނުގުޅޭ ކޮންމެވެސް އެއްޗެއް ފެނުމެވެ. ނަމަވެސް އެހުރިހާ ކަމެއް ބެލެނިވެރިން ކޮށްދޭން ތިބޭނެ ވަގުތެއް އެމީހުނަކަށް ވެސް ނެތެވެ. ހައްލަކީ ކޮބައިހެއްޔެވެ؟

ކުޑަކުދިންނަށް ރައްކާތެރި "ވެބް ބްރައުޒަރ"

މިއީ ހަމަ ގޫގްލް ކްރޯމް، ފަޔަރ ފޮކްސް ނުވަތަ ސަފަރީ ގޮތަށް ބޭނުން ކުރެވޭނެ ބްރައުޒަރ އެކެވެ. ހަމަ އެކަނި ތަފާތަކީ ކުޑަކުދިންނާ ނުގުޅޭ ލިޔުންތަކާއި ފޮޓޯ އަދި ވީޑިއޯތައް މި ބްރައުޒަރ ތަކުން ފުރާނާލާކަމެވެ. ނަމަވެސް އެކުދިންގެ ސްކޫލުގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯވެސް ފެންނާނެއެވެ. ދެމަފިރިން ވަޒީފާގައި އުޅޭ އިރު ދަރިންނަށް އެކަށީގެންވާ ވަގުތު ނުދެވޭ ނަމަވެސް މިފަދަ ބްރައުޒަރ އެއް ބޭނުން ކުރާ ނަމަ ވަރަށް ނުރައްކާތެރި އެއް ކަމަކުން ދަރިފުޅު ސަލާމަތް ކުރެވޭނެއެވެ. އެހެންކަމުން މިފަދަ ކުޑަކުދިންގެ ބައެއް ބްރައުޒަރ ތަކުގެ މައުލޫމާތުކޮޅެއް ހިމަނާލާނަމެވެ.

ކިޑްލް ވެބް ބްރައުޒަރ

ގޫގްލްގެ އުފެއްދުމެއް ކަމަށްވާ މި ބްރައުޒަރ އަކީ މިހާތަނަށް އެންމެ ގިނަ ބެލެނިވެރިން ޑައުންލޯޑްކޮށްފައިވާ ބްރައުޒަރއެވެ. މި އެޕްލިކޭޝަން ހުޅުވާލުމުން އެންމެ ފުރަތަމަ ފެންނަން ހުންނަ ސައިޓްތަކަކީވެސް ކުޑަކުދިންނަށް ޚާއްސަކޮށް އިޚްތިޔާރު ކުރެވިފައިވާ ސައިޓްތަކެކެވެ. މީގެ އިތުރުން ވެސް ބައެއް އިތުރު ކަންކަން މަނާކުރަން ބޭނުންނަމަ ބެލެނިވެރިންނަށް އެކަން ކުރުމުގެ ފުރުސަތު އޮވެއެވެ. ރީތި ގަދަ ކުލަތަކުން ފަރުމާ ކުރެވިފައިވާ މި އެޕްލިކޭޝަން އަކީ އޭގައި ހުންނަ މައުލޫމާތު ކިޔާލަން ވަރަށް ފަސޭހަ ގޮތަކަށް ހުންނަ ބްރައިޒަރއެކެވެ.

ޕިކްލުކް ވެބް ބްރައުޒަރ

މި ބްރައުޒަރ އިން ބަލަން އަދި ނުބަލަން ބޭނުންވާ މައުލޫމާތު އިޚްތިރާރު ކުރުމުގެ ފުރިހަމަ ބާރު ބެލެނިވެރިންނަށް ވަނީ ދީފައެވެ. އެގޮތުން މުޅި ސައިޓް، ބައެއް ޕޭޖް ނުވަތަ ބައެއް ވީޑިއޯ ކުދިންނަށް ނުބެލޭނެހެން ވެސް ހެދޭނެއެވެ. މި ބްރައުޒަރ ބޭނުންކޮށްގެން ކޮމްޕިއުޓަރ އަށް އިތުރު ބްރައުޒަރ އެއް ނޭޅޭނެހެން ކޮންޓްރޯލް ކުރުމުގެ ބާރުވެސް ބެލެނިވެރިންނަށް ވަނީ ލިބިދީފައެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. މި ބްރައުޒަރ ބޭނުން ކުރުމުގައި އުނދަގޫ ވެދާނެ އެއް ސިފައަކީ މި ބްރައުޒަރއިން ބަލަން ބޭނުންނުވާ ސައިޓްތައް ޖެހޭނީ ފަހަރަކު ސައިޓެއް ބަންދުކުރާށެވެ. އެހެންވިއްޔާ އެއީ ވަރަށް ދިގު ލިސްޓެކެވެ.

ކިޑޯޒް ވެބް ބްރައުޒަރ

މިއީ މޮބައިލް ފޯނަށް ޚާއްސަކޮށް ހެދިފައިވާ ބްރައުޒަރ އެކެވެ. މި ބްރައުޒަރ އިން ކުއްލިއަކަށް ސްކްރީނަށް އަންނަ އިޝްތިހާރުތަކެއް ނާންނާނެއެވެ. އަދި ކުޑަކުދިންނާއި ރައްޓެހި ކެމެރާއަކާއި ވަކި ގެލެރީއެއް އިންނާނެއެވެ. މި ބްރައުޒަރ އިން ވަކިން ހޮވާލާފައިވާ ކުޑަކުދިންނާ ގުޅޭ ބައެއް ވީޑިއޯވެސް ހުންނާނެއެވެ. އިތުރު ވެބްސައިޓްތައް ބޭނުން ކުރުމަށް ނުވަތަ ނުކުރުމަށް ބެލެނިވެރިންގެ ހުއްދަ ބޭނުންވާނެއެވެ.

ޒެކް ވެބް ބްރައުޒަރ

މިއީ އޮޓިސްޓިކް ކުދިންނަށް ޚާއްސަކޮށް ތައްޔާރު ކުރެވިފައިވާ ބްރައުޒަރއެކެވެ. މީގައި ހިމެނޭ ވެބްސައިޓްތަކާއި، ގޭމް، ވީޑިއޯ އަދި ފޮޓޯތަކަކީވެސް އޮޓިސްޓިކް ކުދިންނާ ގުޅޭހެން ފަރުމާ ކުރެވިފައިވާ ތަކެއްޗެވެ.