އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތަކާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މަންމަ ކޮށްލި ސަމާސާ މުޙައްމަދު އަފްރާހް އެހާ ސީރިއަސްކޮށް ނަގާނެ ކަމަށް އެއްވެސް މީހަކު ހިއެއްނުކުރެއެވެ. މަންމަ ބުނި ގޮތުން އަފްރާހް ފުރަތަމަ ފިޔަވަޅު ނެގީ ކާށްޓެއް ހިފައިގެން ހުރެ އެވެ. އެހެންކަމުން ދިރިއުޅުމަށްޓަކައި އަފްރާހް ކުރަންޖެހޭނެ މަސައްކަތަކީ ކާށިތެޔޮ ހަދައިގެން ވިއްކުމެވެ. މަންމަގެ މި ސަމާސާއަކީ "ހުވަނދު ފުވައްމުލައް" ވުޖޫދުވުމުގެ އަސްލެވެ. ޖެހިގެން އައި ދުވަހު މަންމަ އާއި ކޮއްކޮގެ އެހީއާ އެކު އަފްރާހް ކާށިތެޔޮ ތައްޔާރުކުރަން ފެށިއެވެ. ހަކީމީ ބޭސްވެރިކަމުގެ ދިގު ތާރީޚެއް އޮތް މި އާއިލާއަށް ކާށިތެޔޮ ތައްޔާރުކުރުމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. މަސައްކަތަށް ބޭނުންވާނެ ކާށި ހޯދީ ގޭ ބިތްދޮށުގައި ހެދިފައި ހުރި ރުއްތަކުންނެވެ. ކާށިތެޔޮ ބަންދުކުރީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ހުސްފުޅި ހޮވައިގެންނެވެ. ފުޅީގައި ޖަހާނެ ލޭބަލް ޑިޒައިންކޮށްދިނީ އަފްރާހްގެ ކޮއްކޮއެވެ. އެންމެ ފުރަތަމަ ތައްޔާރުކުރި ކާށިތެޔޮ ވިއްކަން ބެހެއްޓީ ރައްޓެއްސެއްގެ ފިހާރައިގައެވެ. ކާށިތެޔޮ އިޝްތިހާރު ކުރީ ރައްޓެހިންނާއި އާއިލާގެ މީހުންގެ މެދުގައެވެ. ފިހާރައަށްލީ ހުރިހާ ފުޅިއެއް ވިކި ހުސްވި ހިސާބުން އަފްރާހަށް އެނގިގެން ދިޔައީ އޭނާ ދިރިއުޅުމަށްޓަކައި ކުރާނެ މަސައްކަތަކީ މިއީ ކަމެވެ.

ތަމަނު އޮއިލް ވުޖޫދުވީ ކިހިނެއް؟

ފުވައްމުލަކަށް އުފަން އަފްރާހް އުފެއްދި ކާށިތެލަށް އެހާ ބޮޑު ތަރުހީބެއް ލިބުމުގެ އަސްލަކީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ޚިޔާލަށް އަފްރާހް ކުރި އިޚުތިރާމެވެ. ކަސްޓަމަރުން ބޭނުންވާނެ ގޮތަށް އުފެއްދުންތައް ތައްޔާރުކުރުމަށް ދިން ޚާއްޞަ ސަމާލުކަމެވެ. އެގޮތުން ކަސްޓަމަރުންގެ އެދުމުގެ މަތިން ތަފާތު ވައްތަރުތަކުގެ މީރުވަސް އެކުލެވޭ ގޮތަށް ވެސް ކާށިތެޔޮ އުފައްދަން ފެށިއެވެ. އަދި ހަމުގެ މައްސަލަތަކަށް ބޭނުންކުރާނެ ޕްރޮޑަކްޓެއް ކަސްޓަމަރުން ބޭނުންވާކަން އެނގުނު ހިސާބުން މި ވިޔަފާރި އިތުރަށް ފުޅާކުރެވިދާނެ މަގެއް އަފްރާހަށް ވިސްނުނެވެ. ހަމައެކަނި ކާށިތެޔޮ އުފެއްދުމުގެ ބަދަލުގައި ދިވެހި ބޭހުގެ ގޮތުގައި ބޭނުންކުރާ އެހެން ވައްތަރުތައް ވެސް ތައްޔާރުކޮށްގެން މާކެޓަށް ނެރުމުގެ މަސައްކަތް ފެށިއެވެ.

އެގޮތުން ގޭގައި ކުޑަކުޑަ ލެބެއް ހަދައިގެން ތަފާތު ވައްތަރުގެ ގަސްތަކުން ލިބޭ ބާވަތްތައް ތަހުލީލުކުރަން ފެށިއެވެ. ފުނަ ތެޔޮ ނުވަތަ ތަމަނު އޮއިލް އަކީ މި ތަހުލީލުތަކުގެ ފޮނި ނަތީޖާއެވެ. ތަމަނު އޮއިލް އަށް ލިބުނު ތަރުހީބާއި ތަމަނު އޮއިލްގެ ހަކީމީ އަދި ކޮސްމެޓިކްސް ޕްރޮޕަޓީތަކުގެ މުއްސަނދިކަމަށް ބަލައިގެން ހުވަނދު ފުވައްމުލަކުން "ތަމަނު" މަރުކާ ތަޢާރަފުކުރިއެވެ. އަފްރާހް ބުނި ގޮތުން ތަމަނު މަރުކާގެ ހުރިހާ އުފެއްދުމެއްގެ ބޭސް ނުވަތަ ކެރިއަރ އޮއިލް އަކީ ތަމަނު އޮއިލް އެވެ. ތަމަނު މަރުކާގެ ދަށުން މިއަދު ތަމަނު އޮއިލްގެ 3 ވައްތަރެއް ލިބެން އެބަހުއްޓެވެ. އޭގެތެރޭގައި ތަމަނު އޮއިލް، ތަމަނު ނިއުރޯޕަތީ އޮއިލް އަދި ތަމަނު ސިއޭޓިކަރ ހިމެނެއެވެ.

ތަމަނު އޮއިލް އަކީ އާންމުކޮށް ޖެހޭ ހަމުގެ ބަލިތަކަށް މީގެ އެތައް ގަރުނެއް ކުރީއްސުރެ ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ފުނަ އޮށުގެ މަދުން އުފައްދާ މި ތެލުގައި އެންޓި އިންފްލެމެންޓްރީ، އެންޓި ބެކްޓީރިއަލް އަދި އެންޓި އޮކްސިޑެންޓް ފަދަ މާއްދާތައް ހިމެނެއެވެ. ތަމަނު ނިއުރޯޕަތީ އޮއިލް ޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރަމުންދާ ނާރު ތެލެކެވެ. އެގޮތުން މި ތެލުން ނާރުގެ ގޮށް ރަނގަޅުކޮށް، ވާންވެފައިވާ ނާރުތައް ދޫކޮށް، އެކަންކަމާ ގުޅިގެން އުފެދޭ އައްސިވުންތައް ރަނގަޅުވެއެވެ. ތަމަނު ސިއޭޓިކަރ ތެލަކީ ބުރަކަށީގެ ތިރިން ފައިގެ ކޮޅަށް ހުންނަ މައި ނާރުގެ ވޭނަށް ޚާއްޞަ ތެލެކެވެ. "ހުވަނދު ފުވައްމުލައް" އިން އުފައްދާ ތަމަނު އޮއިލް އަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ މޮޅު އުފެއްދުމެކެވެ.

އަފްރާހް ޤަބޫލުކުރާ ގޮތުގައި ވަޒީފާއެއް ނުވަތަ މަސައްކަތެއް ވިޔަސް ކާމިޔާބު ކުރެވޭނީ އެކަމެއް ވަރަށް ކުރާހިތުން ކޮށްގެންނެވެ. "ހުވަނދު ފުވައްމުލައް"ގެ ކާމިޔާބީގެ ސިއްރަކީ ވެސް މިއެވެ. އަފްރާހްގެ ހިތުގައި މި މަސައްކަތަށް އޮތް ލޯތްބާއި ޝައުޤުވެރިކަމެވެ. ހަމައެހެންމެ އުފެއްދުންތަކުގެ ފެންވަރު ހިފަހައްޓައި، ކަސްޓަމަރުންގެ ފަރާތުން ލިބޭ ފީޑްބެކްތަކަށް އިޖާބަދިނުމެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ވިސްނައިގެން އުފެއްދުންތައް ތައްޔާރުކުރުމެވެ.

"ހުވަނދު ފުވައްމުލައް"ގެ އުފެއްދުންތައް މުޅި ދުނިޔެ ދަންނަ ބްރޭންޑަކަށް ވެގެންދާއިރު، އަފްރާހްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ފަރާތްތަކުން މި ބްރޭންޑްގެ ނަން ބޭނުންކޮށްގެން، އެ ފަރާތްތަކުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރެ ވިއްކަމުން ދިޔުމެވެ. މިފަދަ އަމަލުތަކުގެ ސަބަބުން "ހުވަނދު ފުވައްމުލައް"ގެ ކަސްޓަމަރުން "ތަމަނު" ބްރޭންޑަށް ކުރާ އިތުބާރު ގެއްލި، އަސްލާއި "ފޭކް" ގަޑުބަޑުވެގެން ދިޔުމެވެ.