ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް ކުންފުނީގެ އެވޯޑް ދިރާގަށް  ލިބިއްޖެއެވެ.

ދިރާގަށް މި އެވޯޑް ދީފައި ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި ކަމަށްވާ  އޫކްލާ އިންނެވެ. އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓް ރިޕޯޓުން ދައްކާ ގޮތުން ރާއްޖޭގައި ޚިދުމަތްދޭ މޮބައިލް ނެޓްވޯކް ކުންފުނިތަކުގެ ތެރެއިން އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް އެންމެ ހަލުވި ކުންފުންޏަކީ ދިރާގެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓަލްސް ވިދާޅުވި ގޮތުގައި މި އެވޯޑް ލިބޭ ކުންފުނިތަކަކީ ނެޓްވޯކް އޮޕަރޭޓަރުންގެ ތެރެއިން ހޮވާލެވޭ ކާމިޔާބު އޮޕަރޭޓަރުން ކަމަށާއި، މި އޮޕަރޭޓަރުންނަކީ މާކެޓް ލީޑް ކުރާ ކުންފުނިތައް ކަމަށެވެ. އަދި ފާއިތުވި އަހަރުގެ އެންމެ ފަހު ދެ ކުއާޓަރގައި ދިރާގުން ދައްކާފައި ވަނީ ވަރަށް ވަރުގަދަ ޕާފޯމެންސެއް ކަމަށެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި އޫކްލާ އިން ދިން މި އެވޯޑް ދިރާގަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމުގައެވެ. އަދި މިއީ ދިރާގުގެ ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއް ކަމަށާއި، ދިރާގުގެ ހީވާގި މުވައްޒަފުންގެ ޚިދުމަތްތައް އެންމެ މަތީ ފެންވަރުގައި ބެހެއްޓުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި ކަސްޓަމަރުން ދިރާގަށް ކުރާ އިތުބާރާއި ދިރާގުގެ ޚިދުމަތްތަކަށް ދޭ ތަރުޙީބަށް ޝުކުރު އަދާކުރަމުން ސީއީއޯ އިތުރަށް ވިދާޅުވީ މި އެވޯޑަކީ އެ ކުންފުނިން ދިވެހި ރައްޔިތުންނަށް ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކޮށް، "ޑިޖިޓަލް ރާއްޖެ" އަކަށް ހެދުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމުގައެވެ.