ސުޝާންތު ސިންގުގެ މަރުގެ ތަހުގީގު ކުރަމުން ދަނިކޮށް ކުރި ފަޅައިގެން އަދި މަސްތުވާތަކެތީގެ މައްސަލައިގައި ސުޝާންތުގެ މުވައްޒަފުންގެ އިތުރު ލޯބިވެރިޔާ ރިޔާ ޗަކްރަބަރްތީ ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ ހައްޔަރުކޮށްފައެވެ. ރިޔާ ހައްޔަރު ކުރުމުގެ ކުރިންވެސް އޭނާގެ ފޯނުން ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ދޭހަވާ ފަދަ މެސެޖްތަކެއް ފެނިފައެވެ. އަދި މި މުޢާމާލަތްތަކުގައި ބޮލީވުޑްގެ 25 އަށް ވުރެ ގިނަ މީހުންގެ ނަން ހިމެނިފައިވާ ކަމަށް ވެއެވެ.

ރިޔާ ހައްޔަރު ކުރެވި ތަހުގީގު ކުރިއަށް ދާވަރަކުން އޭނާ އަންނަނީ މިކަމުގައި އޭނާއާއި އެކު ޝާމިލުވާ މީހުންގެ ނަންތައް ތަހުގީގަށް ކިޔާ ދެމުންނެވެ. އެގޮތުން އިއްޔެ ރިޔާ ވަނީ ސާރާ އަލީ ޚާންގެ ނަން ހާމަ ކޮށްފައެވެ. ސާރާ އަކީ ސައިފް އަލީ ޚާން އަދި އަމްރީތާ ސިންގުގެ ދަރިއެކެވެ. ސާރާގެ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމު "ކޭދަރްނާތު"ގައި އޭނާވަނީ ސުޝާންތު އާ އެކު މަސައްކަތް ކޮށްފައެވެ. އަދި މި ފިލްމުގެ ޝޫޓިންގ ހިނގި ދުވަސްވަރު ސުޝާންތު އަދި ސާރާގެ މެދުގައި ލޯބީގެ ގުޅުމެއް ހިނގިކަމަށް މީޑިޔާތަކުން ބުނެއެވެ.

ދެން ރިޔާ ހާމަ ކުރި ނަން ތަކުގެ ތެރޭގައި ރަކުލް ޕްރީތު އަދި ސިމޯން ކަންބާޓާ ހިމެނެއެވެ. ދެ މީހުންނަކީވެސް އަރަމުން އަންނަ ފިލްމީ ފަންނާނުންނެވެ. އަދި ރިޔާ އާއި އެކުގައި ގިނަ ވަގުތު ހޭދަކުރާ ދެމީހުންނެވެ. މީގެ އިތުރުން މިއަދު ރިޔާ ހާމަ ކުރި ނަންތަކުގެ ތެރޭގައި ސުޝާންތުގެ ޕީ.އާރް މެނޭޖަރު ރޯހިނީ އައްޔަރު އަދި ބޮލީވުޑްގެ ކާސްޓިންގެ ޑިރެކްޓަރ އެއް ކަމަށްވާ މުކޭޝް ޗާޕްރާ ހިމެނެއެވެ.

މި މީހުންގެ ތެރެއިން މުކޭޝް ޗާޕްރާ ނޫން މީހަކު މިމީހުނަށް މި ކުރެވުނު ތުހުމަތު ދޮގުކޮށް ނުވަތަ ތެދުކޮށްވެސް މީޑިޔާގައި އެއްޗެއް ބުނެފައެއް ނެތެވެ. މުކޭޝް ވަނީ މި ތުހުމަތު ދޮގުކޮށްފައެވެ. އަދި މިއީ ރިޔާ އޭނާގެ ފަރާތުން ބަދަލު ހިފުމަށް ކުރި ކަމެއް ކަމަށާ ނަމަށް ލިބުނު ބަދުނާމްގެ ސަބަބުން ރިޔާގެ މައްޗަށް ދަޢުވާ ކުރާނެކަމަށްވެސް މުކޭޝް ހާމަ ކުރިއެވެ. މުކޭޝް ބުނި ގޮތުގައި އޭނާއަކީ ދުވަހަކުވެސް ދުންފަތުގެ އިސްތިޢުމާލު ކުރި މީހެއް ނޫން ކަމަށާ، މަސްތުވާ ތަކެއްޗަކީ އަދި މާ ދުރުގައިވާ ކަމެއް ކަމަށެވެ.

ރިޔާގެ ބަޔާނުގައި އޭނާ ބުނީ އޭނާގެ ޕާރޓީތަކުގައި ހުއްދަނޫން މަސްތުވާ ތަކެތި ބޭނުން ކުރެވޭ ކަމަށާ އަދި އެ ޕާރޓީތަކަށް ފިލްމީ ދާއިރާގެ ގިނަ ބަޔަކު ހާޟިރުވާ ކަމަށެވެ.