ފީފާ ވޯލްޑްކަޕް ކޮލިފައިންގައި މިއަދު އަމިއްލަ ދަނޑުގައި ކޮލަމްބިއާގެ މައްޗަށް 1-0 އިން ހޯދީ މޮޅާއެކު އާޖެންޓީނާއިން ބަލިނުވުމުގެ ރެކޯޑް ދެމެހެއްޓިއިރު، ބްރެޒިލްގެ ދަނޑުގައި ޕެރަގުއޭ އަތުން އެ ޓީމު މޮޅުވީ 4-0 އިންނެވެ.

މިއީ އާޖެންޓީނާ އިން ބަލިނުވެ ހަމަކުރި 29 ވަނަ މެޗެވެ. އެ ޓީމުން އެންމެ ފަހުން ބަލިވީ 2019 ވަނަ އަހަރުގެ ޖުލައި މަހު ކުޅެވުނު ކޮޕާ އެމެރިކާގެ ސެމީ ފައިނަލްގައި 1-0 އިން ބްރެޒިލް އަތުންނެވެ.

ރޭގެ މެޗުތަކަށްފަހު ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިން ގްރޫޕުގެ އެންމެ ކުރީގައި އުޅޭ ބްރެޒިލަށް ލިބިފައިވަނީ 15 މެޗުން 39 ޕޮއިންޓެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އާޖެންޓީނާ އޮތްއިރު، ޕެރޫއާ 1-1 އިން އެއްވަރުކޮށް އެކުއޭޑޯ ވަނީ ތިންވަނައިގައި ހަމަޖެހިލާފައެވެ. އެ ޓީމަށް 16 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އޮތް ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްގެން ކޮލިފައިންގެ ޖާގައެއް ކަށަވަރުވާނެ އެވެ. ހަތަރުވަނައިގައި އޮތް އުރުގުއޭ އަށް 22 ޕޮއިންޓް ލިބިފައިވާއިރު، ޕެރޫ އޮތީ 21 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

އާޖެންޓީނާ އިން މި މެޗަށް ނިކުތްއިރު އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނުކުޅެއެވެ. އަދި އެ ޓީމުގެ މިޑްފީލްޑްގައި ފަހަކަށްއައިސް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ރޮޑްރިގޯ ޑެ ޕޯލް ވެސް ނުކުޅެއެވެ.

އެސްޓާޑިއޯ މާރިއޯ އަލްބާޓޯ ކެމްޕެސްގައި މިއަދު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 29 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒް އެވެ. މިއީ ކޮލަމްބިއާގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާނަގައި މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި އާޖެންޓީނާގެ އެޓޭކްތަކުގައި އިސް ދައުރެއް އަދާކުރި އެންހެލް ޑި މާރިއާ ވަނީ ކޮލަމްބިއާގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ. މުޅި މެޗުގައި ވެސް ކޮލަމްބިއާ އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ދާދިފަހުން ލިވަޕޫލަށް ބަދަލުވި ލުއިސް ޑިއާޒް ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކުޅުންތެރިން ސަލާމަތްކުރީ ގޯލްގެ ރޮނގުމަތީންނެވެ.

ބެލޯ ހޮރިޒޮންޓޭގައި ކުޅުނު މެޗުގައި ބްރެޒިލުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑުޖެހީ ފަހު ހަތަރު މިނެޓުގައެވެ. މި މެޗުގައި ބްރެޒިލުން ލީޑްނެގީ 28 ވަނަ މިނެޓުގައި، މާކީނޯސް ދިން ބޯލައަކުން ލީޑްސް ޔުނައިޓެޑަށް ކުޅެމުން އަންނަ ވިންގާ ރަފީނިއާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެކުރީން، މެޗު ފެށިގެން 93 ވަރަކަށް ސިކުންތުގެ ތެރޭގައި ރަފީނިއާ ކާމިޔާބުކުރި ގޯލް، ރެފްރީ ވަނީ ވީއޭއާރް އިން ބެލުމަށްފަހު ގަބޫލުނުކޮށްފައެވެ.

ބްރެޒިލްގެ ދެވަނަ ލަނޑު، 62 ވަނަ މިނެޓުގައި ފިލިއްޕޭ ކުޓީނިއޯ ކާމިޔާބުކޮށްދިންއިރު މެޗުގެ ފަހު ހަތަރު މިނެޓުގެ ތެރޭގައި އެ ޓީމުން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ އެންޓޮނީ އާއި ރޮޑްރީގޯ އެވެ. މީގެއިތުރުން، އެ ޓީމުގެ ވިނީޝަސް ޖޫނިއާ އާއި މަތެއުސް ކޫންހާ އަދި ލޫކަސް ޕަކޭޓާ އަށް ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މި މެޗުން ބަލިވުމާއެކު ޕެރަގުއޭ އިން ގަތަރުގައި މިއަހަރު އޮންނަ ފީފާ ވޯލްޑްކަޕްގައި ކުޅުމަށް ދެކެމުން އަންނަ ހުވަފެންތަކަށް ވަނީ ނިމުން އައިސްފައެވެ. އެ ޓީމު އޮތީ 13 ޕޮއިންޓާއެކު ނުވަވަނައިގައެވެ.

ބޮލީވިއާ އަތުން ރަށުން ބޭރުގައި ޗިލީ 3-2 އިން މޮޅުވިއިރު، އެ ޓީމުގެ ދެލަނޑުޖެހީ އިންޓަގެ ފޯވާޑް އަލެކްސިސް ސަންޗޭޒް އެވެ. އަމިއްލަ ދަނޑުގައި ވެނެޒުއޭލާ އަތުން އުރުގުއޭ މޮޅުވީ 4-1 އިންނެވެ.

ކޮލިފައިންގައި ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު، ގަތަރުގައި އޮންނަ ވޯލްޑްކަޕުން ޖާގަ ކަށަވަރުކޮށްފައިވަނީ ބްރެޒިލާއި އާޖެންޓީނާ އެކަންޏެވެ. މި ސަރަހައްދުން ވޯލްޑްކަޕްގެ ސީދާ ޖާގަ ލިބެނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށެވެ. ފަސްވަނަ އަށް ދާ ޓީމަށް ޖެހެނީ ޕްލޭއޮފް ކުޅޭށެވެ.