އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ގަތަރުގެ ބޭފުޅެއް ކަމަށްވާ ޚާލިދު ޙަސަން އެމް.އޭ އަލް ހަމާދީ ޢައްޔަންކޮށްފިއެވެ.

ޚާލިދަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ޚާލިދު ވަނީ އުރީދޫގެ ބޯޑު މެމްބަރެއްގެ މަޤާމު އަދާކުރައްވާފައެވެ. އަދި އުރީދޫ ގަތަރުގެ ކޮންސިއުމާ ސޭލްސްގެ ސީނިއާ ޑިރެކްޓަރުގެ މަޤާމާއި، ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

ޓެލެކޮމިއުނިކޭޝަން ދާއިރާގެ އިތުރުން ޚާލިދު ވަނީ ތެލާއި ގޭހުގެ ސިނާއަތުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. އެގޮތުން އިޓަލީގެ ޖެނެރަލް އިލެކްޓްރިކް ފްލޮރެންސްގެ ހެޑް އޮފް ޕްލޭނިން އެންޑް ސްޓްރެޓެޖީގެ މަޤާމާއި، އެ ކުންފުނީގެ ސޭލްސް އެންޑް ސާވިސްގެ ރީއޮގަނައިޒޭޝަން އިނިޝިއޭޓިވްގައި ޚާލިދު ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ.

ޚާލިދަކީ މެނޭޖްމަންޓާއި، ކްރިއޭޓިވް އިނިޝިއޭޓިވް އާއި ދެމެހެއްޓެނިވި ކުރިއެރުމާއި، ޕްރޮސެސް ތަންފީޒު ކުރުމާއި، ތަފާސްހިސާބުތައް ދިރާސާ ކުރުމުގައި ތަޖުރިބާ ލިބިފައިވާ ސެޓިފައިޑް އޮޑިޓަރެއްގެ އިތުރުން ސެޓިފައިޑް ޓްރެއިނިން މެނޭޖަރެއް ވެސް މެއެވެ. ޚާލިދު ވަނީ ޔުނިވާސިޓީ އޮފް އެރިޒޯނާ އިން ބެޗެލާސް އޮފް ސައިންސް އިން ސިސްޓަމް އިންޖިނިއަރިން ހާސިލުކުރައްވާފައެވެ.

އުރީދޫ އިން ވަނީ އެ ކުންފުނީގެ އާ ސީއީއޯ ޚާލިދަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ޚާލިދުގެ ލީޑާޝިޕްގައި އެ ކުންފުންޏަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި، ކުންފުނި އާ އުސްމިންތަކަށް ވާޞިލުވުމަށް އެހީތެރިވެދޭނެ ކަމަށާއި،  އިޖާދީ އުފެއްދުންތަކާއި ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް އާންމުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް އެހީތެރިވެދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ ކުރިން އުރީދޫގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރަކަށް ހުންނެވީ އިންޑިޔާގެ ބޭފުޅެއް ކަމަށްވާ މިސްޓަރ ނަޖީބް ޚާނެވެ. ނަޖީބު ޚާން ވަނީ ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ރާއްޖެއާއި އުރީދޫ މޯލްޑިވްސް އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ނަޖީބް ޚާންގެ ލީޑަރޝިޕްގެ ދަށުން އުރީދޫ އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ކޯޕަރޭޓްތަކާއި، ސަރުކާރު މުއައްސަސާތައް އަދި ރިސޯޓް ބިޒްނަސްގެ ޕޯޓްފޯލިއޯ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އުރީދޫ މޯލްޑިވްސް އިން ވަނީ ދިވެހިރާއްޖޭގައި އަލަށް ޑޭޓާ ސެންޓަރެއް ޤާއިމުކޮށް، އެ ޑޭޓާ ސެންޓަރ މެދުވެރިކޮށް ބިޒްނަސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކަނެކްޝަން އިތުރަށް ވަރުގަދަ ކޮށްދީ ސްޓޯރޭޖްއާއި ސެކިއުރިޓީ އަދި އައި.ޓީ ޚިދުމަތްތައް ދެވޭނެ މަގުފަހިކޮށްދީފައެވެ.

މީގެ އިތުރުން ނަޖީބް ޚާންގެ ލީޑަރޝިޕްގެ ދަށުން އުރީދޫ އިން ވަނީ ތަފާތު ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ޑިޖިޓަލް ލައިފް ސްޓައިލް ކުރިއެރުވުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ"، ޑިޖިޓަލް ފައިނޭންޝަން ސަރވިސް "އެމް-ފައިސާ" އަދި އޮންލައިން ސްޓޯ "ކާރތީ ސްޓޯ" މެދުވެރިކޮށް މުނިފޫހި ފިލުމުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތުތައް ފަހިކޮށްދީފައިވެއެވެ. މި ހުރިހާ ޚިދުމަތަކަށްޓަކައި ނަޖީބް ޚާނަށް އުރީދޫ އިން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.