އެސްޓީއޯ އިން މުޅިން އަލަށް ފަށަން އުޅޭ ޑިޖިޓަލް ބޭންކަށް "އިވޯލްވް"ގެ ނަމުން ނަން ދީފިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކަކުން ޑިޖިޓަލް ބޭންކިންގެ ޚިދުމަތުގެ ތެރެއަށް ވަންނަމުން ދާއިރު ރާއްޖޭގައި ވެސް އެ ޚިދުމަތް ފެށުމަށް އެސްޓީއޯ އިން ބޭނުންވާ ކަމަށެވެ. އަދި ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ފެށުމަށް ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަރަށް އަވަހަށް ހުއްދަ ދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަމްރު އިތުރަށް ވިދާޅުވި ގޮތުގައި ޑިޖިޓަލް ބޭންކެއްގައި ޚިދުމަތްތައް ވަރަށް އަވަސްކަމާ އެކު ފޯރުކޮށް ދެވޭނެއެވެ. އަދި އެކައުންޓު ހުޅުވުމާއި، އެހެނިހެން ކަންކަން ވެސް އިތުރު ތަނަކަށް ނުގޮސް އޮންލައިންކޮށް ކޮށްލެވޭނެއެވެ. އެންމެ 5 މިނެޓް ތެރޭގައި އެމީހަކު އަމިއްލައަށް އެކައުންޓް ހުޅުވާލެވޭނެއެވެ. އަދި ޑިޖިޓަލް ބޭންކިންގް މެދުވެރިކޮށް ލޯނަށް އެޕްލައިކޮށް، އެންމެ މިނެޓެއްގެ ތެރޭގައި އެ ފައިސާ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
އެސްޓީއޯ އިން ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ފެށުމަށްޓަކައި ލައިސަންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހަޅާފައި ވަނީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހު ހަތްވަނަ ދުވަހުއެވެ. ކުރިން އަމްރު ވިދާޅުވެފައިވާ ގޮތުގައި ހުއްދައަށް އެދި ހުށަހަޅާތާ 3 މަސްދުވަހުގެ ތެރޭގައި މަރުކަޒީ ބޭންކުން ހުއްދަ ލިބޭނެއެވެ. ނަމަވެސް ހުއްދަ ލިބުން ލަސްވަނީ އެކަމާ ގުޅޭ އުސޫލެއް ނެތުމުން ކަމަށް މައުލޫމާތު ލިބެއެވެ.
