އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ދެވަނަ ސެމީގައި ރޭ ޕެނަލްޓީ ޖަހައިގެން 3-1 އިން ކެމަރޫން ބަލިކޮށް މިސްރު، އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭގެ މެޗަކީ އެފްކޮންގެ ތާރީޚުގައި އެންމެ ގިނަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ދެ ޓީމުގެ މެދުގައި ކުޅެވުނު ވާދަވެރިކަން ބޮޑު މެޗެކެވެ. މި ދެ ޓީމު ވެސް އެފްރިކާގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާއިރު، 2017 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި މިސްރުގެ މައްޗަށް 2-1 އިން ކުރިހޯދައި ތަށި އުފުލާލީ ކެމަރޫން އެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ ފައިނަލްގައި މިސްރު ނިކުންނާނީ ސެނެގޯލާ ދެކޮޅަށެވެ. މި މެޗު ވެގެންދާނީ އިނގިރޭސި ކްލަބު ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު އާއި ސެނެގޯލްގެ ސަޑިއޯ މާނޭގެ ދެމެދު ހިނގާ ކުރިމަތިލުމެއްގެ ގޮތުގައެވެ.

ޔައުންޑޭގައި ހުންނަ އޮލެމްބޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 90 މިނެޓު ހަމަވުމުގެ ކުރީން ކެމަރޫން ޓީމަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން، އެ ޓީމުގެ މައިކަލް އެންގަޑެއު-އެންގަޖުއި ބޮލުން ފޮނުވާލި ބޯޅަ އާއި ސެމުއެލް ގުއެޓް ދުރު ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މި މެޗުގައި މިސްރުގެ ފޯވާޑް ސަލާހު އަށް ލިބުނު ގިނަ ބޯޅަތަކުގައި ކެމަރޫންގެ ޑިފެންޑަރުން ވަނީ އޭނާ ހުއްޓުވާފައެވެ. މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން ދެން ކުޅެވުނު 15 މިނެޓުގެ އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރުވުމުން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ގަދަ 16 ގެ ބުރުގައި އައިވަރީ ކޯސްޓް އަތުން މިސްރު މޮޅުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ގޯލްކީޕަރު މުހައްމަދު އަބޫގަބާލް (ގަބާސްކީ) ރޭގެ މެޗުގައި ވެސް ދެ ޕެނަލްޓީ މަތަކުރިއެވެ.

ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާރް ފިޔަވައި އެހެން ކުޅުންތެރިއަކަށް ޕެނަލްޓީ ކާމިޔާބުނުކުރެވުނެވެ. އެ ޓީމުގެ ދެވަނަ ޕެނަލްޓީ ހެރޯލްޑް މޮކޯޑީ ފޮނުވާލުމުން މިސްރުގެ ކީޕަރު ގަބާސްކީ މަތަކުރިއެވެ. އަދި ތިންވަނަ ޕެނަލްޓީ ޖޭމްސް ލެ ސިލީކީ ފޮނުވާލުމުން ވެސް ގަބާސްކީ ހުއްޓުވިއެވެ. ހަތަރުވަނަ ޕެނަލްޓީ ކްލިންޓަން އެންޖީ ފޮނުވާލުމުން ގޯލާއި ސީދާނުވެ ދިޔައީ ބޭރަށެވެ.

މިސްރުގެ ތިން ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ޒީޒޯ އާއި އަބްދުލްމޫނެމް އަދި މުހައްމަދު ލަޝީން އެވެ. މިސްރުގެ ފަހު ދެ ޕެނަލްޓީ ނުޖަހަނީސް އެ ޓީމުން ވަނީ މެޗު ކާމިޔާބުކޮށް ފައިނަލުން ފުރުޞަތު ހޯދާފައެވެ. މިސްރުގެ ފަސްވަނަ ޕެނަލްޓީޖެހުމަށް ހަމަޖެހިފައި އޮތީ ސަލާހު އެވެ.