ކަށީގެ އެކި އެކި ބަލިތަކަކީ ދިވެހިންގެ ތެރޭގައި އާންމު ބަލިތަކެކެވެ. ހުޅު ހުޅު ދުޅަވުމާއި، ހުޅުހުޅުގައި ރިއްސުމާއި ރާއްޖެބައްޔާއި ކަށީގެ އިންފެކްޝަނާއި އަދި ކަށިފީވުން ހިމެނެއެވެ. އެގޮތުން އޮސްޓިއޯޕޮރޯސިސް އޭ ކިޔާ ހާލަތަކީ ކަށި ފީވުމެވެ. މިއީ ވަރަށްގިނަ ދިވެހިންނަށް ކުރިމަތިވާ ހާލަތަކެވެ. މި ލިޔުމުގައި މި ބަލާލަނީ ކަށި ފީވުން ނުވަތަ އޮސްޓިއޯޕޮރޯސިސްއާ ބެހޭގޮތުންނެވެ.
ކައްޓަކީ އޭގެ ޠަބީއަތުގައި ދިރޭ ހަތައިތަކަކުން (ސެލްތަކަކުން) އުފެދިފައިވާ ގުނަވަނެކެވެ. މި ހަތައިތަކަކީ މަރުވެ ނެތިދާ އަދި އުފެދި ހެދެމުންދާ، ދައުރުވަމުން ހިނގާ ނިޒާމެއްގެ ތެރޭގައި ތަރުތީބުވެފައިވާ ހަތައިތަކެވެ. މިފަދައިން މަރުވެ ނެތިދާ ހަތައިތަކަކީ ދުވަސްވެ ނިކަމެތިވެފައިވާ ހަތައިތަކެވެ. އޮސްޓިއޯޕޮރޯސިސް ނުވަތަ ކަށި ފީވުން މެދުމަރިވަނީ މަރުވެ އުފެދޭ ހަތައިތަކުން، މަރުވާ ހަތައިތަކާ އެއްމިންވަރަކަށް އާ ހަތައިތައް ނޫފެދޭތީއެވެ. ނަތީޖާއަކަށްވަނީ ކަށީގެ އެތެރޭގައި ހުންނަ ހުސް ޖާގަތައް ގިނަވެ ބޮޑުވުމެވެ. މިހެން ވުމުން އެ ކަށިގަނޑެއްގެ ބާރު ކުޑަވެ، ފީވެއެވެ.
އޮސްޓިއޯޕޮރޯސިސްގެ އަލާމާތްތައް މި ހާލަތުގެ ކުރީކޮޅުގައި ނުފެނިދާނެއެވެ. ނަމަވެސް ކަށި ފީވެ، ދެރަވުމުން ފެނިދާނޭ އަލާމާތްތަކެއް ހުރެއެވެ. އޭގެތެރޭގައި އުނނަގަނޑުގައި ރިހުމާއި އުނނަގަނޑާއި މައިބަދާގެ ހުޅުތަކުގައި ރިހުމާއި ބަރުދަން ލުއިވުމާއި ކުރިމަށްޗަށް ގުދުލުމާއި ކުދިކުދި ހާދިސާ ނުވަތަ އަނިޔާތަކުގައި ފަސޭހަ ކަމާއި އެކު ކަށިގަނޑު ނުވަތަ ކަށިގަނޑެއް ބިންދައިގެން ދިއުން ހިމެނެއެވެ.
ކަށި ފީވުމަށް މެދުވެރިވާ ސަބަބު، މެދުވެރިކުރުވާ ވަކި ހާއްސަ ކަންތައްތަކެއް ނުހުރެއެވެ. ނަމަވެސް ކަށީގައި ހުންނަ މި ހަތައިތައް އުފެދުމުގެ މިންވަރު އިންސާނާގެ ޅަ އުމުރުގައި ގިނައެވެ. ނަމަވެސް އިންސާނާ ބޮޑުވަމުން އަންނަ ވަރަކަށް މި މިންވަރުދާނީ މަދުވަމުންނެވެ. އެހެންކަމުން ކަށިފީވުމުގެ ފުރިސަތު ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. މީގެ އިތުރުން ކަށި ފީވުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި އާއިލާގައި ކަށި ފީވުމުވެ ބަލި ހުންނަ މީހަކު ހުންނަނީ މީހާ ހިމެނެއެވެ. އެކިކަހަލަ ހޯމޯނުތަކުގެ ނަހަމަކަމުންވެސް މި ހާލަތަކަށް މަގުފަހިވެއެވެ. ތައިރޯޑުގެ މައްސަލަހުންނަ މީހުން މީގެ ތެރޭގައި ހިމެނެއެވެ. ކަށީގެ ހެދިބޮޑުވުމާއި ކަށީގެ ހަރުކަން ދެމިހުރުމަށް ބޭނުންވާ އެންމެ މައިގަނޑު އެއް މާއްދާއަކީ ކެލްސިއަމެވެ. އެހެންކަމުން ހަށިގަނޑުގައި ކެލްސިއަމުގެ މިންވަރު މަދު މީހުންނަކީވެސް ކަށި ފީވުން މެދުވެރިވުމުގެ ފުރުސަތު ބޮޑު ބައެކެވެ. ބައެއްކަހަލަ ބޭސްތަކަކީ އޭގެ ސަބަބުން ހަށި ހެދިބޮޑުވުން މަޑުޖައްސުވާ ބޭސްތަކެކެވެ. އޭގެތެރޭގައި ހިމެނެނީ ދިގުމުއްދަތަށް ބޭނުންކުރެވޭ ސްޓެރޮއިޑް ބޭސްތަކެވެ. ޑަކްޓަރުން ފާހަގަ ކުރާގޮތުގައި ދިގުމުއްދަތަކަށް މިފަދަ ބޭސް ބޭނުން ކުރާނަމަ ކަށި ފީވުން އަވަސްވެދާނެއެވެ. މީގެ އިތުރުން ބައެއް ބަލިތަކަކީވެސް މިކަމުގެ ފުރުސަތު ބޮޑު ކުރުވާ ބަލިތަކެވެ. އޭގެތެރޭގައި ހަކުރުބައްޔާއި ގުރުދާގެ ބަލިތަކާއި ފުރަމޭގެ ބަލިތަކާއި އެކި ކަހަލަ ކެންސަރުގެ ބަލިތަކާއި ހަޖަމުގެ ނިޒާމަށް ޖެހޭ ބަލިތަކާއި ކަށީގެ އިންފެކްޝަނާއި ރާއްޖެބަލިފަދަ ބަލިތައް ހިމެނެއެވެ. މީގެ އިތުރަށް ދިރިއުޅުމުގެ ބައެއް އާދަތަކުގެ ސަބަބުން ވެސް އޮސްޓިއޯޕޮރޯސިސް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އޭގެ ތެރޭގައި ކަންނެތްކަމާއި ހެލިފެލިވެ ނޫޅުން ހިމެނެއެވެ. އަދި ގިނައިރު އިށީނދެގެން އިނުން ނުވަތަ އޮށޯވެގެން އޮތުންވެސް ހިމެނެއެވެ. ބަރުދަން އިތުރުވުމަކީވެސް މިކަމަށް މަގުފަހި ކުރުވާނޭ ކަމެކެވެ. ބަނގުރާބުއިމާއި މަސްތުވާތަކެތި ބޭނުން ކުރަމާއި ދުންފަތުގެ އިސްތިއުމާލު ކުރުމަކީވެސް ކަށި ފީވުމަަށް މަގުފަހިވާނޭ ކަންތައްތަކެއް ކަމުގައި ބައެއް ޑަކްޓަރުން ފާހަގަ ކުރައްވައެވެ.
ކަށި ފީވުމުން ނުވަތަ އޮސްޓިއޯޕޮރޯސިސްގެ ސަބަބުން ދިމާވާ މައްސަލަ ތަކުގެ ތެރޭގައި ހުޅު ހުޅުގައި ރިހުމާއި މައިބަދައިގެ އެކި އެކި މައްސަލަތަށް ޖެހުން ހިމެނެއެވެ. އެގޮތުން ބަދަ ކަހައިގެން ދިއުމާއި ބަދަ އަރާރުން ވުމާއި، ބަދައިގެ އެތެރޭގެ ޖާގަ ކުޑަވެ ނާރު ފިތުން ހިމެނެއެވެ. އުނަގަނޑުގައި ރިހުމާއިއެކު އުނަގަނޑުގެ ކަށިތަކުގައި ރެނދުލުމަކީވެސް ވެދާނޭ ކަމެކެވެ. ކޮނޑުހުޅާއި ކަކުލު ހުޅުގައި ރިހި، ގޭނި، މަޑުކަށި ހުސްވުމާއިއެކު ހުޅުބަދަލު ކުރަން ޖެހުމަކީވެސް ކުރިމަތިވެދާނޭ ކަމެކެވެ. އަތުގެ ކުޑަހުޅުގެ ބާރު ކުޑަވެ، އިންފެކްޝަން ހެދި، ދުޅަވުކީވެސް ވެދާނޭ ކަމެކެވެ. ލިބުނު އަނިޔާއެއް ނެތި ކޮންމެވެސް ހުޅެއްގައި، ހާއްސަކޮށް ފައިގެ މެދުހުޅުގައި ރިހިފާނެއެވެ. އަދި އަނިޔާއެއް ލިބުމަކާއި ނުލާ އަތާއި ފައިގެ އިނގިލަތުގެ ހުޅެއްގައި ރިހި ދުޅަވެދާނެއެވެ. ލިބޭ ކުދި އަނިޔާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ. ގުދުއަޅައިގެން ގިނަ އިރު ނޫޅެވުމާއި، އިންނަ އެއް ގޮތަކަށް ގިނައިރު ނީނދެވުންވެސް ހިމެނެއެވެ.
އޮސްޓިއޯޕޮރޯސިސް ނުވަތަ ކަށި ފީވުމުން ރައްކާތެރިވުމަށްޓަކައި ކެއުމުގައި ކެލްސިއަމްގެ މާއްދާ ބޭނުން ކުރެވޭ މިންވަރު އިތުރުކުރަންވާނެއެވެ. ކެލްސިއަމަކީ ހަމަ އެކަނި ކެލްސިއަމްގެ މާއްދާއަކުން ހަށިގަނޑަށް ރާހަތެއް ކުރާނޭ މާއްދާއެއް ނޫނެވެ. ކެލްސިއަމުން ހަށިގަނޑަށް އެކަށީގެންވާ ފައިދާއެއް ކުރާނީ ކެލްސިއަމާއި އެކު ވިޓަމިން ޑީ ވެސް ބޭނުން ކޮށްގެންނެވެ. އެހެންކަމުން ކެއުމުގައި ކެލްސިއަމާއި ވިޓަމިން ޑީ އެކުލެވޭ ކާނާތައް ގިނައިން ކެއުމަށް ސަމާލުކަން ދޭންވާނެވެ. މީގެ އިތުރަށް މި ބައްޔަށް އޮތް ރައްކާތެރިކަމުގެ އަނެެއް ފިޔަވަޅަކީ ގަވައިދުން ކަސްރަތު ކުރުމެވެ.
ކަން މިހެން ހުރުމާއި އެކު ކޮންމެ މީހަކީވެސް އޮސްޓިއޯޕޮރޯސިސް ނުވަތަ ކަށި ފީވުމާއި މެދު ހޭލުންތެރި، ބަޔަކަށް ވަމާ ހިނގާށެވެ. ކޮންމެ މީހަކީވެސް މިކަން މެދުވެރިވުމުގެ ފުރުސަތު އޮތް މީހެކެވެ. އެހެންކަމުން ރައްކާތެރިކަން އިސްކޮށް މިކަމާއިމެދު ފަރުވާތެރިވާ ބަޔަކަށް އަހަރެމެން އެންމެން ވަމާ ހިނގާށެވެ!
