ކުންނާރަކީ ދިވެހި ރާއްޖޭގައިވެސް ވަރަށް އާންމުކޮށް ހެދޭ މޭވާއެކެވެ. ގިނަބަޔަކަށް ވަރަށް މީރުވެސް މޭވާއެކެވެ. ސައިންޓިފިކަލީ ކުންނާރަށް ދެވިފައިވާ ނަމަކީ ޒިޒިފުސް ޖުޖުބާ އެވެ. މިއީ އިހު ސީނުކަރައިން އުފެދިފައިވާ ބަހެކެވެ. ކުންނާރަކީ ސީނުކަރައިގެ މީހުން، ހަކީމީ ބޭސްވެރިކަމުގައި ވަރަށް ގިނައިން ބޭނުންކޮށް އުޅުނު މޭވާއެކެވެ. ބޭސްވެރިކަމުގައި ކުންނާރު ބޭނުންކޮށް އުޅުނީ ފާކުންނާރެވެ. އެ ކުންނާރުގެ ލޮނދި ނުވަތަ ދަވައެވެ. މި ލިޔުމުގައި މި ބަލައިލަނީ "ވެބްމެމްޑީ" ގެ ކާނާ އާއި ބެހޭ ބާބުގައި 2021ވަނަ އަހަރު ޑރ. ޝަރެލީން ތާން ލިޔުއްވާފައިވާ ލިޔުމެއްގެ މައްޗަށެވެ.

ކުންނާރަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިނާއި މިނަރަލް އެކުލެވިގެންވާ ކާނާއެކެވެ. ނުވަތަ މޭވާއެކެވެ. ކުންނާރުގައި ހުންނަ ކެލޮރީސްގެ މިންވަރަކީ ވަރަށް މަދު މިންވަރެކެވެ. އިސްވެ ބުނެވުނު ލިޔުމުގައި ވަނީ ކުންނާރުން ލިބޭ ފައިތާކުގެ އަދަދުތަކެއް ގެނެސްފައެވެ. އެގޮތުން އެ ލިޔުމުގައި ފާހަގަ ކުރަނީ ގާތްގަނޑަކަށް އެވްޖެރު ސައިޒުގެ ތިން ކުންނާރުން ލިއްބައިދޭ ފައިދާތަކަށެވެ. އެގޮތުން އެވްރެޖު ސައިޒުގެ ތިން ކުންނާރުގައި ފެޓުގެ ގޮތުގައި ހިމެނޭނީ 0.2 ގުރާމެވެ. ޕްރޮޓީންގެ މިންވަރަކީ 1.2 ގުރާމެވެ. ޕޮޓޭސިއަން އަކީ 250މިލިގުރާމެވެ. ދަގަނޑުގެ މިންވަރަކީ 0.48 މިލިގުރާމެވެ. އަދި ވިޓަމިން ސީ ގެ މިންވަރަކީ 69 މިލިގުރާމެވެ. އެ ލިޔުމުގައި ބުނާގޮތުން މިއީ 24ގަޑިއިރު ތެރޭގައި އިންސާނަކަށް ބޭނުންވާ ވިޓަމިން ސީ ގެ މިންވަރުގެ ގާތްގަނޑަކަށް 77 އިންސައްތައެވެ.

ކުންނާރުން ލިބޭ އެހެން ބައެއް ފައިދާތަކުގެ ތެރޭގައި ކުންނާރުގަައި ހުންނަ ފްލެވަނޮއިޑް، ޕޮލިސެކަރައިޑް އަދި ޓްރިޓަޕެނިކް އެސިޑަކީ އެންޓި އޮކްސިޑަންޓުގެ މުހިންމު މާއްދާތަކެކެވެ. މިއީ ހަށިގަނޑުން ވިހަ ބޭރުކުރުމަށް އެހީތެރިވެދޭ ވަރަށް މުހިންމު މާއްދާތަކެކެވެ. މި މިއީ ލޭ ސާފުކޮށްދިނުމަށްވެސް މުހިންމު މާއްދާތަކެކެވެ. އަދި މި މާއްދާތަކުގެ ސަބަބުން އަރާމުކޮށް ނިދުމަށް މަގުފަހިވެސް ވާނެއެވެ.

އިސްވެ ބުނެވުނު ފަދައިން ކޮންމެ ތިން ކުންނާރަކުން ލިބޭ އަނެއް މުހިންމު އެއް މާއްދާއަކީ ފައިބަރެވެ. އެގޮތުން ކޮންމެ ތިން ކުންނާރަކުން 6 ގުރާމަކީ ފައިބަރެވެ. މިއީ ހަޖަމުގެ ނިޒާމުގެ ތަރުތީބު ހިފެހެއްޓުމަށް މުހިންމު މާއްދާއެކެވެ. އިސްވެ ބުނެވުނު އަނެއް ނުކުތާއަކީ ވިޓަމިން ސީ އާއި ބެހޭގޮތުން ފާހަގަ ކުރެވުނު ނުކުތާއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ހޭވެރި ކުރުވާ ހަރުދަނާ ކުރުވާ އަދި ވަރުގަދަ ކޮށްދޭ މާއްދާއެކެވެ.

އާދޭހެވެ! މި ބަލައިލެވުނީ ކުރުގޮތަކަށް ކުންނާރާއި ބެހޭ ބައެއް ސިއްހީ ފައިދާތަކަށެވެ. އަދި މިނޫނަސް އެތައް ފައިދާއެއް ކުންނާރުން ލިބޭނޭކަން ޔަގީނެވެ. މިއީ ދިވެހި ރާއްޖޭގެ ކުދި ރަށްތަކުގެ ގެވަޅު ތެރޭގައްޔާއި މަގުފާރުތަކުގެ ކައިރީގައި އިންދާ ހެއްދިދާނޭ ގަހެކެވެ. ކުންނާރުގެ ފޮނި ކުންނާރާއި ހުތް ކުންނާރު ހުންނައިރު، ގިނަ ބަޔަކަށް ކަމުދަނީ ފޮނި ކުންނާރެވެ.