އެމިރޭޓްސް އެފްއޭކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން 8-7 އިން މިޑްލްސްބަރާ އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް އެ މުބާރާތުން ކަޓައިފިއެވެ.
މިއީ އެފްއޭކަޕްގައި ޕްރިމިއާ ލީގު ޓީމުތަކާ ދެކޮޅަށް މިޑްލްސްބަރާ އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ވަނީ 2015 ވަނަ އަހަރުގެ މުބާރާތުގައި މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ޖޭޑަން ސަންޗޯ އެވެ. މިއީ އެ ޓީމުގެ ޕޯޗުގީޒް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން ސަންޗޯ ކާމިޔާބުކުރި ގޯލެކެވެ.
އޭގެކުރީން، މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލަނޑުޖަހައިދޭން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާތެރެއިން ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް މިޑްލްސްބަރާގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލުމުން ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މިޑްލްސްބަރާ އިން އެއްވަރުކުރީ މެޗުގެ 64 ވަނަ މިނެޓުގައި މެޓް ކްރޫކްސް ކާމިޔާބުކުރި ލަނޑުންނެވެ. މައްސަލަ ބޮޑުވީ މި ގޯލް ޖެހުމުގެ ކުރީން، މިޑްލްސްބަރާގެ ޑަންކަން ވަޓްމޯގެ އަތުގައި ބޯޅައިން ޖެހުމުން ޔުނައިޓެޑްގެ ކުޅުންތެރިން އެޕީލްކުރިއެވެ. އެކަމަކު، ވިއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލުކުރިއެވެ.
އޭގެފަހުން، މެޗުގެ ފުރިހަމަވަގުތު ހަމަވުމުގެ ކުރީން ޔުނައިޓެޑް މޮޅުކޮށްދޭން ފެނާންޑޭސް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.
މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުމުން ދެން ކުޅެވުނު 15 މިނެޓުގެ އިތުރުވަގުތުގެ ދެ ހާފުގައި ވެސް ގޯލެއް ކާމިޔާބުކުރެވޭގޮތްނުވުމުން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. އޭގެކުރީން، އިތުރުވަގުތުގެ ތެރޭގައި ޔުނައިޓެޑްގެ ޒުވާން ވިންގާ އެންތަނީ އެލަންގާ ފޮނުވާލި ބޯޅައެއް މިޑްލްސްބަރާގެ ގޯލްކީޕަރު ޖޯ ލަމްލީ މަތަކުރިއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުން ފޮނުވާލި ޖުމްލަ 16 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ޔުނައިޓެޑްގެ އެލަންގާ ޖެހި ޕެނަލްޓީ އެވެ.
