އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫ ވައްދާލި ދެލަނޑާއެކު އޭސީ މިލާނުން ޑާބީގައި އިންޓަ މިލާން ބަލިކޮށްފިއެވެ. މި މެޗުން މިލާން މޮޅުވީ 2-1 އިންނެވެ.

މިއީ 2004 ވަނަ އަހަރުގެ ފަހުން މިލާން ޑާބީގައި އޭސީ މިލާނުން ފަހަތުންއަރައި އިންޓަ އަތުން މޮޅުވި ފުރަތަމަ ފަހަރެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ އިންޓަ އެވެ. އިންޓަ އަށް 23 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މިލާނަށް 24 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. ނަޕޯލީ ތިންވަނައިގައި އޮތީ 23 މެޗުން ހޯދީ 49 ޕޮއިންޓާއެކު އެވެ. ހަތަރުވަނައިގައި އޮތް އެޓަލާންޓާ އަށް 22 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

މިލާނުން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ސްވިޑެންގެ އަބަދަށްފެހި ފޯވާޑް ޒަލަޓާން އިބްރާހިމޮވިޗަށް ނުކުޅެވުނުއިރު، އޭނާގެ ބަދަލުގައި ރޭގެ މެޗުގައި ކުޅުނީ ޖިރޫ އެވެ.

އިންޓަ އިން ލީޑްނެގީ ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ކްރޮއޭޝިއާގެ ވިންގާ އިވާން ޕެރިސިޗް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ތުރުކީ މިޑްފީލްޑަރު ހަކާން ޗައަނޮގްލޫ ނެގި ކޯނަރަކުން ލިބުނު ބޯޅައެއް ޕެރިސިޗް އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، އިންޓަގެ ޑެންޒަލް ޑަމްފްރީސް ގޯލެއްޖެހި ނަމަވެސް އެޓޭކް ފެށުމުގެ ތެރޭގައި އެ ޓީމުގެ ކުޅުންތެރިއަކު އޮފްސައިޑްވެފައިވާތީ ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.

މެޗުގެ 75 ވަނަ މިނެޓުގައި މިލާނުން އެއްވަރުކުރި ލަނޑު، ޖިރޫ ޖެހީ އެ ޓީމުގެ ބްރާހިމް ޑިއާޒް ފޮނުވާލި ބޯޅައެއް އިންޓަގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ ގައިގަ ޖެހިފައި ބޭރުވާން ދަނިކޮށް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިލާނުން އެއްވަރުކުރިތާ ތިން މިނެޓުގެ ތެރޭގައި މޮޅުވި ލަނޑުވެސް ޖެހީ ޖިރޫ އެވެ. މިއީ އެ ޓީމުގެ ޑެވިޑޭ ކަލާބްރިއާ ދިން ޕާހަކުން ޖިރޫ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ފުލްބެކް ތިއޯ ހެނާންޑޭޒަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.