މުޅި ދުނިޔޭގެ ނިސްބަތުން އެންމެ ވަރި ގިނަ ޤައުމުގެ ރެކޯޑް 2014 ވަނަ އަހަރުން ފެށިގެން އޮތީ ދިވެހިރާއްޖެ އަށެވެ. ދުނިޔޭގެ ރެކޯޑު ފޮތުގައި ވާގޮތުން ރާއްޖޭގެ ވަރީގެ ނިސްބަތް އޮތީ 10.97 ރޭޝިއޯ ގައެވެ. އެއީ ކޮންމެ 1000 މީހަކަށް އަހަރަކު 10.97 ވަރިއެވެ. ދެވަނަ އަށް އެންމެ ވަރި ގިނަ ޤައުމަކީ ބެލަރޫސް އެވެ. އެ ޤައުމުގެ ވަރީގެ ރޭޓަކީ ކޮންމެ 1000 މީހަކަށް އަހަރަކު 4.63 ވަރިއެވެ. ލިސްޓުގެ 3 ވަނައިގައި އޮތީ އެމެރިކާ އެވެ. އެ ޤައުމުގެ ވަރީގެ ރޭޓަކީ ކޮންމެ 1000 މީހަކަށް އަހަރަކު 4.34 ވަރިއެވެ.
2011 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް މުޅި ރާއްޖޭގައި ކުރެވިފައިވާ ވަރީގެ ރެކޯޑްތަކަށް ބަލާއިރު، ވަރީގެ އަދަދު އެންމެ ދަށް ވެފައި އޮތީ 2020 ވަނަ އަހަރެވެ. އެ އަހަރު 2984 ވަރި ކޮށްފައި ވާއިރު، އޭގެ ކުރީގެ 9 އަހަރުގެ އަދަދުތައް ތިން ހާހަށް ވުރެ މައްޗެވެ. އަދި ފާއިތުވެ ދިޔަ 2021 ވަނަ އަހަރު ފެމިލީ ކޯޓުން 2399 ކައިވެނި ކޮށްދީފައި ވާއިރު، ފެމެލީ ކޯޓުގައި 1192 ވަރި ރަޖިސްޓްރީކޮށްފައި ވެއެވެ.
ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތަކާ ގުޅޭ ގޮތުން މިހާތަނަށް މާ ބޮޑު ދިރާސާއެއް ކުރެވިފައެއް ނެތެވެ. ނަމަވެސް ވަރި ގިނަވުމަށް މެދުވެރިވާ އާންމު ސަބަބުތައް ފާހަގަ ކުރެވިފައި ވެއެވެ. އެގޮތުން ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ކައިވެނިކުރުމާއި ވަރިކުރުމުގައި ކަޑައްތުކުރަންޖެހޭ މަރުހަލާތައް މާ ބޮޑަށް ލުއިފަސޭހަކޮށް އޮތުމަކީ ވަރީގެ ރޭޓު މަތިވާ ސަބަބެކެވެ. އަދި ކައިވެނިކުރުމަށް ފަހު ދެން ދިމާވާ މައްސަލަތައް ހައްލުކުރަން ނޭނގުމާއި، ކައިވެނީގެ ބޭރުން އެހެން މީހުންނާ ގުޅުން ބޭއްވުމާއި، ފައިސާގެ މައްސަލަތަކާ ގުޅިގެން ކައިވެނި ރޫޅުމަކީ ވެސް ވަރަށް އާންމު ކަމެކެވެ.
ރާއްޖޭގައި ކުރެވޭ ވަރީގެ ނިސްބަތް މިންކުރަނީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލައިގެންނެވެ. އެގޮތުން އިސްލާމީ ޤައުމުތަކާއި، އިސްލާމްދީން ފިޔަވައި އެހެނިހެން ދީންތައް އޮންނަ ޤައުމުތަކުގެ ވަރީގެ ރޭޓު ދިވެހިރާއްޖެއާ އަޅާކިޔާއިރު ރާއްޖެއަކީ އިސްލާމީ ޤައުމެއްކަން ކޮންމެހެން ހަނދާންކުރަން ޖެހެއެވެ. އެގޮތުން ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވާތީ، ކައިވެނި ނުކޮށް އެކުގައި ދިރިއުޅުމުގެ ހައްޤާއި އިޚުތިޔާރު ދިވެހިންނަކަށް ނުލިބެއެވެ. ދިވެހިންނަކީ މުސްލިމުންނަށް ވާތީ މި ދެންނެވި ހައްޤާއި އިޚުތިޔާރު ލިބޭކަށް ނުވެސްޖެހެއެވެ. ނަމަވެސް އަޅުގަނޑުމެން ދިވެހިން ނަމޫނާއަކަށް ބަލާ ގިނަ ޤައުމުތަކަކީ ކައިވެނި ނުކޮށް ދެމީހުން އެކުގައި، އެއްފުރާޅެއްގެ ދަށުގައި ދިރިއުޅެ، ދަރިން ހޯދުމުގެ ހުއްދަ އޮންނަ ޤައުމުތަކެވެ. އެކުގައި އުޅެނިކޮށް މައްސަލައެއް ޖެހިއްޖެނަމަ ދެ މީހުން ވަކިވަނީއެވެ. އެގޮތަށް ވަކިވުމަކަށް "ވަރި" އެކޭ ނުކިޔެއެވެ. ވަރީގެ ތަފާސްހިސާބުތަކުގައި އެ ފަދަ ވަކިވުންތަކެއް ނުހިމެނެއެވެ. އެހެންކަމުން އެފަދަ ޤައުމުތަކުގައި ވަރީގެ ނިސްބަތް އިތުރުވުމުގެ ފުރުޞަތެއް ނޯވެއެވެ.
ރާއްޖޭގައި ވަރީގެ ރޭޓު މަތިވާ އަނެއް ސަބަބަކީ އެއް އަނތްބަށްވުރެ ގިނަ އަނބިން ގެންގުޅުމުގެ ސަޤާފަތް ދިވެހިންގެ ތެރޭގައި ނެތުމެވެ. މިއީ ވަރަށް ގިނަ ބައެއްގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދޭ މައްސަލައެވެ. ވަރަށް ދިގުކޮށް ބަހުސްކުރެވިދާނެ މައުޟޫއެކެވެ. އެކަމަކު މި ތަނުގައި ފާހަގަކޮށްލަން ބޭނުން ވަނީ ދީނީ ގޮތުން ބަލާއިރު (ވަކި ޝަރުތަކެއް ފުރިހަމަ ވާނަމަ) ފިރިހެނަކަށް 4 އަނބިން ހުއްދަ ކަމެވެ. ޠަބީޢީ ގޮތުން ވެސް ފިރިހެނުންނަކީ ގިނަ އަންހެނުންނަށް ބޭނުންވާ ބައެކެވެ. ސައުދީ އަރަބިޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޤަތަރު، މެލޭޝިޔާ، ޕާކިސްތާނު އަދި ސިންގަޕޫރު ފަދަ ޤައުމުތަކަކީ އާންމު ގޮތެއްގައި މުސްލިމު ފިރިހެނުންގެ އެއް އަނތްބަށް ވުރެ ގިނަ އަނބިން ތިބޭ ޤައުމުތަކެވެ. ނަމަވެސް ރާއްޖޭގައި އެ ސަޤާފަތެއް ނޯވެއެވެ. ދިވެހިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ފިރިހެނަކު އިތުރު އަންހެނަކާ ކައިވެނި ކުރުމަކީ ވަރަށް ނުރަނގަޅު، ނޭދެވޭ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ކައިވެނިން ބޭރުގައި، ހިލޭ އަންހެނަކާ ގުޅުން ބޭއްވުމަކީ މާ ބޮޑު މައްސަލައަކަށް ނުވެއެވެ. އެހެންކަމުން ކައިވެނިން ބޭރުގައި ގުޅުން ބޭއްވުން އިތުރުވެ، ކޮންމެހެން އިތުރު ކައިވެންޏެއް ކުރަން ބޭނުންވާ ޙާލަތުގައި އަނބިމީހާ ވަރިކުރަން މަޖުބޫރުވެ، ކުރެވޭ ވަރީގެ ނިސްބަތް މަތިވެއެވެ.
މި ފާހަގަކުރެވުނު ދެ ސަބަބަކީ ވެސް ރާއްޖޭގައި ކުރެވޭ ވަރީގެ ނިސްބަތް ދުނިޔޭގެ އެހެނިހެން ޤައުމުތަކާ އަޅާކިޔާއިރު އިތުރުވާ ސަބަބުތަކެވެ. އެއް އަހަރުން އަނެއް އަހަރަށް ވަރީގެ ނިސްބަތް އިތުރުވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން "ވަރި"އަކީ މިހާރު ދިވެހިންނަށް މާ ބޮޑު މައްސަލައެއް ނޫނެވެ. ކުރެވޭ ކައިވެނިތައް އިތުރުވާ ވަރަކަށް ވަރި ވެސް ގިނަވާނެއެވެ. އެއީ ދުނިޔެވީ އުސޫލެވެ. އާދައިގެ ކުޑަކުޑަ ކަމެކެވެ. ގިނަ ދިވެހިންގެ ވިސްނުން ހުރީ މިފަދައިންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން