ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ގްރަނާޑާ އަތުން 1-0 އިން ހޯދީ މޮޅާއެކު ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.
މި ނަތީޖާއާއެކު ރެއާލަށް ކުޅުނު 23 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. ރެއާލް ބެޓިސް ތިންވަނައިގައި 23 މެޗުން ހޯދީ 40 ޕޮއިންޓާއެކު އޮތްއިރު، ބާސެލޯނާ ވަނީ ރޭ 4-2ގެ ނަތީޖާއަކުން ކުރީން ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ބަލިކުރުމަށްފަހު ހަތަރަކަށް އަރާފައެވެ. ބާސެލޯނާ އަށް 22 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.
ރެއާލުން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ އާއި ކަސެމީރޯގެ އިތުރުން ފާލަން މެންޑީ އަދި ލޫކަސް ވަޒްކޭޒަށް ނުކުޅެވުނެވެ. މީގެއިތުރުން، ބްރެޒިލްގެ ހުނަރުވެރި ވިންގާ ވިނީޝަސް ޖޫނިއާ ވަނީ ފަސް ރީނދޫ ކާޑު ހަމަވުމުން ސަސްޕެންޑްވެފައެވެ.
ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގްރަނާޑާގެ ކާލޯސް ނޭވާ އަތުން ބައިކޮޅަށް ވަންނަން ދިޔަ ބޯޅައަކުން ރެއާލުން ވަނީ ލީޑްނެގުމާ ގާތަށް ޖެހިލާފައެވެ. ރެއާލްގެ ޖަރުމަނު މިޑްފީލްޑަރު ޓޮނީ ކްރޫސް ނަގައިދިން ހުރަހަކުން ޕެނަލްޓީއޭރިޔާތެރޭގައި ފެނުޖެހުނު ބޯޅަ ގްރަނާޑާގެ ނޭވާ ދިފާއުކުރަން ޖައްސާލުމުން ބޭރަށްދިޔައީ ހުރަސްދަނޑީގައި ޖެހިފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 74 ވަނަ މިނެޓުގައި ރެއާލަށް ކާމިޔާބުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު މާކޯ އަސެންސިއޯ އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން އަސެންސިއޯ ވާތުފައިން ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ.
ލީގުގައި ރޭ ކޭމްޕް ނޯގައި ކުޅުނު މެޗުގައި އެތުލެޓިކޯ އިން ކުރީން ލީޑްނަގާފައިވަނިކޮށް ބާސެލޯނާ އިން ވަނީ ފަހަތުންއަރައި ތިން ލަނޑުޖަހާފައެވެ. މެޗު ފެށިގެން 8 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑްނަގައިދިނީ ބެލްޖިއަމްގެ ވިންގާ ޔަނިކް ފެރޭރާ ކަރާސްކޯ އެވެ. އޭގެ ދެ މިނެޓުފަހުން، ބާސެލޯނާގެ ދެ ފަޅިން ކުޅެމުން އަންނަ ފުލްބެކުން ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުން ޑެނީ އަލްވެސް ދިން ބޯޅައަކުން ޖޯޑީ އަލްބާ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭގެފަހުން، މެޗުގެ 21 ވަނަ މިނެޓުގައި އެޑަމާ ޓްރައޯރޭ ނެގި ހުރަހަކުން ގަވީ ވަނީ ބާސެލޯނާ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ.
ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ބާސެލޯނާގެ ތިންވަނަ ލަނޑު، ރޮނާލްޑް އަރައުހޯ ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް ބޮލުން ފޮނުވާލި ބޯޅައެއް ހުރަސްދަނޑީގައި ޖެހިފައި ނިކުތުމުންނެވެ. އަދި އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަރަކަށް މިނެޓުގެ ތެރޭގައި ބާސެލޯނާ އިން ވަނީ އިތުރު ގޯލެއްޖަހައި ނަތީޖާ 4-1 އަށް ބަދަލުކޮށްލާފައެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ އަލްވެސް އެވެ. އެތުލެޓިކޯ އިން މެޗުގެ ތެރެއަށް ވަނުމަށް ކުރި މަސައްކަތުގެ ތެރެއިން ކުރީން ބާސެލޯނާ އަށް ކުޅުނު އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވަނީ 58 ވަނަ މިނެޓުގައި އެ ޓީމަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ބާސެލޯނާގެ އަލްވެސް އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ. އަލްވެސް އަށް ރަތް ކާޑު ދެއްކީ އެތުލެޓިކޯގެ ކަރާސްކޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ވިޔަރެއާލުން ރަށުން ބޭރުގައި 2-0 އިން ބެޓިސް ބަލިކުރިއިރު، ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
