އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ފައިނަލްގައި ރޭ ޕެނަލްޓީ ޖަހައިގެން 4-2 އިން މިސްރު ބަލިކޮށް ސެނެގޯލުން ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

މިއީ ސެނެގޯލުން ފައިނަލްގައި ކުޅުނު ތިން ފަހަރުގެ ތެރެއިން މޮޅުވި ހަމައެކަނި ފަހަރެވެ. މީގެކުރީން، 2002 އާއި 2019 ވަނަ އަހަރުގެ ފައިނަލްގައި އެ ޓީމަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

ޔައުންޑޭގައި ހުންނަ އޮލެމްބޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން 7 ވަނަ މިނެޓުގައި ސެނެގޯލަށް ލަނޑުޖަހާނެ ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ސެނެގޯލްގެ ފުލްބެކް ސަލިއޫ ސީސް އަށް މިސްރުގެ މުހައްމަދު އަބްދުލްމުނެމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ސަޑިއޯ މާނޭ ފޮނުވާލުމުން މިސްރުގެ ގޯލްކީޕަރު މުހައްމަދު އަބޫ ގަބާލް (ގަބާސްކީ) މަތަކުރިއެވެ. މި ހާފުގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ފޮނުވާލި ހަމަލާ ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފައެވެ.

މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުމުން ދެން ކުޅެވުނު 15 މިނެޓުގެ އިތުރުވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ސެނެގޯލްގެ ބަމްބާ ޑިއެން ފޮނުވާލި ތިން ހަމަލާއެއް މިސްރުގެ ކީޕަރު ގަބާސްކީ ވަނީ ހުއްޓުވާފައެވެ. އިތުރުވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ އަށް ބަދަލެއްނައުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ސެނެގޯލްގެ ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ބުއަނާ ސާރ ގެ ޕެނަލްޓީ އެކަންޏެވެ. ސާރގެ ޕެނަލްޓީ މިސްރުގެ ކީޕަރު ގަބާސްކީ މަތަކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ކަލިދޫ ކުލިބާލީ، އަބްދޫ ޑިއާލޯ އާއި ޑިއެންގެ އިތުރުން މާނޭ އެވެ. މިސްރުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީ އެވެ. އެއީ އަހުމަދު ސާއެދު (ޒީޒޯ) އާއި މަންވަރު ހަމްދީ ފޮނުވާލި ޕެނަލްޓީ އެވެ. އެ ޓީމުގެ އަބްދުލްމޮނެމް ފޮނުވާލި ޕެނަލްޓީ ގޯލްގެ ދަނޑިއަށް އަމާޒުވިއިރު، މޮހަނާސް ލަޝީން ޖެހި ޕެނަލްޓީ ސެނެގޯލްގެ ކީޕަރު މެންޑީ ހުއްޓުވިއެވެ. ސެނެގޯލްގެ ފަހު ޕެނަލްޓީ ޖަހައިދީ މޮޅުކޮށްދިނުމުގެ ފުރުޞަތުގައި މާނޭ ވަނީ ފުރިހަމައަށް ބޭނުންހިފާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސެނެގޯލްގެ ތަރި މާނޭ ބުނީ މިއީ 60 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އެ ގައުމުގެ އެންމެންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.