ށަވިޔަނި އަތޮޅުގެ އިރުމަތީ ބިތުގައި އޮންނަ ނޫމަރައަކީ ބިމުގެ ބޮޑު މިނުގައި 41.1 ހެކްޓަރު ހުރި ގާމަތީ ރަށެކެވެ. ކުކުޅުބިސްބުރަށް އޮންނަ މި ރަށުގެ ދިގު މިނުގައި 900 މީޓަރު އަދި ފުޅާ މިނުގައި 480 މީޓަރު ހުރެއެވެ. އެއްވެސް ވަރެއްގެ ޤުދުރަތީ ފަޅެއް ނޯންނަ މި ރަށް ގުޅިފައި އޮންނަނީ ނޫމަރާކަނޑުގެ ބިޔަ ރާޅުތަކާއެވެ. އެހެންކަމުން މި ރަށަށް އަރާފޭބުމަކީ ވަރަށް ދަތި، އުނދަގޫ ކަމެކެވެ. ނޫމަރާ ކަނޑަކީ އަބަދު ވެސް ވަރަށް ގަދަ، ރާޅުތައް ބޮޑެތި ކަނޑެކެވެ. ނޫމަރާ ކަނޑާ ގުޅިފައިވާ ހިތާމަވެރި ހާދިސާތައް ދިވެހި ތާރީޚުގައި ލިޔެވިފައި ވެއެވެ. އެގޮތުން އޮޑިދޯނި ފަހަރު ރަށުން ފުރުމުގެ ތެރޭގައި އަދި ރަށަށް ވަނުމުގެ ތެރޭގައި ވަރަށް ބޮޑެތި، ނުރައްކާތެރި ހާދިސާތައް ހިނގައި އާންމުންނާއި، މުދަލާއި، ތަކެއްޗާއި، އޮޑިދޯނި ފަހަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

އެހެންކަމުން މި ރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ދިވެހި ސަރުކާރުން 2012 ވަނަ އަހަރު ވަނީ މި ރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހައްދަވައިދެއްވާފައެވެ. އެގޮތުން އެއްގަމު ތޮށި ޝީޓްޕައިލްކޮށް، ބޭރު ތޮށީގައި ބޮޑު ހިލަ ޖަހައިގެން ތަރައްޤީކޮށްފައިވާ މި ބަނދަރަށް 27.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ރައީސް މައުމޫނުގެ ސަރުކާރުން ގެންގުޅުއްވި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގެ މަޝްރޫޢުތައް ވަރަށް ހަލުވިކަމާއެކު ހިނގަމުން ދަނިކޮށް 2004 ވަނަ އަހަރު ރާއްޖެއަށް ސުނާމީ ކާރިސާ ކުރިމަތިވިއެވެ. ސުނާމީގައި ގެއްލުން ލިބުނު ރަށްތަކުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުން ދިޔައިރު ވެސް އާބާދީ އެއްފަސްކުރުމުގެ ސިޔާސަތަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެގޮތުން ސުނާމީގައި ގެއްލުން ލިބުނު ރަށްތަކުގެ އިތުރުން އާބާދީ މަދު، ދިރިއުޅުމަށް ދަތި، ވަސީލަތްތައް ނެތް ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ވެސް އެހެން ރަށްތަކަށް ބަދަލުވުމުގެ ފުރުޞަތު ފަހިކޮށްދެއްވިއެވެ.

އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ށަވިޔަނި އަތޮޅުގެ ވެރިކަން ކުރާ ރަށް ފުނަދޫގައި 2006 ވަނަ އަހަރު ސަރުކާރުން އެޅި ގެތަކަށް ބަދަލުވުމުގެ ފުރުޞަތު ނޫމަރާ ރައްޔިތުންނަށް ލިބިގެންދިޔައެވެ. އެހެނީ އޭރު ވެސް ނޫމަރައަކީ ށަވިޔަނި އަތޮޅުގައި އޮތް އެންމެ އާބާދީ މަދު، ލަފާފުރުމަށް އެންމެ އުނދަގޫ އެއް ރަށެވެ. އޭރު ށ.ފިރުނބައިދޫ ރައްޔިތުންނާއި، ށ.މާކަނޑޫދޫގެ ބައެއް އާއިލާތައް ވަނީ ފުނަދުއަށް ބަދަލުވެ ނިމިފައެވެ. އެ ދެ ރަށުގެ މީހުންނެކޭ އެއްގޮތަށް ނޫމަރާ މީހުންނަށް ވެސް އެމީހުންގެ އަމިއްލަ ރަށުގައި ހުރި ގޯތިގެދޮރުގެ ބަދަލުކަމަށް ޝަރީއަތުން ޙުކުމްކޮށް ނިންމަވާފައިވާ ފައިސާއާއި، ރުއްގަހުގެ ބަދަލުކަމުގައި ކަނޑައަޅާފައިވާ އަދަދަށް ނަގުދު ފައިސާ ދިނެވެ. 2006 ވަނަ އަހަރު ފެށުނު އިރު ނޫމަރާގެ އާބާދީ އަކީ 665 އެވެ. އޭގެތެރެއިން 314 މީހުން ފުނަދުއަށް ބަދަލުވިއެވެ. ބާކީ ތިބި 351 މީހުން ނޫމަރާގައި ތިބީ އެވެ.

2008 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަން ބަދަލުވި ހިސާބުން އެއްފަސްކުރުމުގެ ސިޔާސަތު މުޅިން ހުއްޓުމަކަށް އައެވެ. ރައީސް ނަޝީދުގެ ސަރުކާރުން ބާރުއެޅުއްވީ ދިވެހިރާއްޖޭގެ ޖަޒީރާކަން ކަނޑާނުލައި، އެބައެއްގެ އަމިއްލަ ވަޒަނުގައި އެބަޔަކު ތިބެގެން ކުދި ރަށްތައް ތަރައްޤީކުރުމަށެވެ. އެގޮތުން ޒަމާނުއްސުރެ ނޫމަރަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ބަނދަރު ހައްދަވައިދެއްވާ، ފެރީގެ ނިޒާމުން އަތޮޅުގެ އެހެން ރަށްތަކާ ނޫމަރާ ގުޅާލައިދެއްވިއެވެ. އަދި ނޫމަރައިން ލިބެން ނެތް ބައެއް އަސާސީ ޚިދުމަތްތަކާއި، ވަސީލަތްތައް ޤާއިމުކޮށްދެއްވިއެވެ. އެގޮތުން 2008 ވަނަ އަހަރު ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފަށްޓަވައިދެއްވައި، ބޭސް ފިހާރައެއް ވެސް ހުޅުވިގެން ދިޔައެވެ.

2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ނޫމަރާގެ އާބާދީގައި ތިބީ 508 މީހުންނެވެ. ފުނަދުއަށް މީހުން ބަދަލުވިފަހުން ރަށުގެ އާބާދީއަށް އިތުރުވެފައި ވަނީ 157 މީހުންނެވެ. ރަށުގެ އާބާދީގައި ފަސްސަތޭކައެއްހާ މީހުން ތިބި ނަމަވެސް ރަށު ތެރެއިން ފެންނަނީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. ދުއްވާ އެއްޗެހި މަދު ހަމަހިމޭން މަގުތަކުގައި ކުދިން ދުވެ، ކުޅެ ހަދާ ތަން ފެންނަނީ ވަރަށް މަދުންނެވެ.

ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ ހަރަކާތެއް ނެތް، އަޑުބަޑު މަޑު މަންޒަރެވެ. ފުނަދުއަށް ބަދަލުވި އާއިލާތަކުގެ ގެތައް ހުރީ ވީރާނާވެ، ބިމާ ހަމަވެފައެވެ. މިހާރު މީހުން ދިރިއުޅޭ ގިނަ ގެތައް ވެސް ރާނާފައި ހުރީ ތެޅިގަލުންނެވެ. ސިމެންތި ނުވަތަ އުވަ ޖަހާފައި ހުރީ މަދު ގެއެއްގައެވެ. ރަށުތެރޭގައި ހިނގާލުމުން ހިތަށް ސިފަވެގެން ދަނީ ކުޑައިރުގެ ހަނދާންތަކެވެ. މީގެ ފަންސަވީހަކަށް އަހަރު ކުރިން ނުވަތަ އެއަށް ވުރެ ވެސް ކުރިން ދިވެހިން އުޅުނު "ޖަޒީރާވަންތަ" ދިރިއުޅުމެވެ.

ނޫމަރައަކީ ކިއްސަރު ވަޑާމަށް މަޝްހޫރު ރަށެކެވެ. މި ރަށުގެ ވަޑިން ބަނދެފައިވާ އޮޑިދޯނި ފަހަރު މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ގެންގުޅެއެވެ. މިއީ މި ރަށުގެ ރައްޔިތުންނަށް ލިބޭ ފަޚުރެކެވެ. މިހާރު ވެސް ރަށުގައި ކިއްސަރު ވަޑާމުގެ މަސައްކަތްތައް ކުރެވެމުން ދަނީ އިހުގެ ދިވެހިވަންތަ ގޮތަށެވެ. ވަޑާމުގެ މަސައްކަތަށް ލަކުޑީގެ ގޮތުގައި ބޭނުން ކުރަނީ ދިވެހި ރުކުގެ ނިރޮޅާއި، ބަނބުކެޔޮ ގަހުގެ ފިލައެވެ.

ރަށުގެ އަންހެންވެރިން އެންމެ އާންމުކޮށް ކުރާ މަސައްކަތަކީ ފަންގިވިނުމާއި، ރޯނުވެށުމާއި، ދަނޑުވެރިކަމެވެ. މި ރަށަކީ ބިންގަނޑު މޮޅު، ކޮންމެ ބާވަތެއް ވެސް ވަރަށް ފަސޭހައިން ހެދޭ ރަށެކެވެ. ޙާއްޞަކޮށް ދިވެހި ރުއް ވަރަށް ގިނަ ރަށެކެވެ. ރަށުގެ ބައެއް ސަރަހައްދުތަކުގައި އޮންނަ ޗަސްބިމުގައި ފަތްކޭލުގެ އެކި ވައްތަރުތައް ވެސް ވަރަށް ގިނައިން ހައްދާފައި ހުރެއެވެ.

ނޫމަރައިން ފެންނަމުންދާ އާދަޔާ ޚިލާފު ހަމަހިމޭންކަމާއި، ފަޅުކަމުގެ ހަޤީޤީ ސަބަބަކީ ރަށުގެ ދެބައިކުޅަ އެއްބައި މީހުން ފުނަދުއަށް ހިޖުރަކޮށްފައިވުން ކަމަށް ޤަބޫލުކުރެވުނެވެ. އެހެންކަމުން އޭރު ފުނަދޫއަށް ބަދަލުވުމަށް ލިބުނު ފުރުޞަތުގެ ބޭނުން ނުހިފައި، ރަށުގައި ޤާއިމުވެ ތިބި މީހުންގެ ޚިޔާލު ހޯދާލުމަކީ ކޮންމެހެން ބޭނުން ކަމެއްގެ ގޮތުގައި ފެނިގެން ރަށުގެ ބައެއް ފަރާތްތަކާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ޚިޔާލު ހުރި ގޮތެއް އޮޅުންފިލުވީމެވެ. އެގޮތުން މި ހިމަނާލަނީ އޭގެ ތެރެއިން 5 ފަރާތަކުން ދީފައިވާ ޖަވާބާއި، ފާޅުކޮށްފައިވާ ޚިޔާލެވެ. 

"އޭރު ދަރިން ޤަބޫލުނުވެގެން ބަދަލުނުވެވުނީ. އެކަމަކު ފަހުން އެ ކުދިން ވެސް އުޅުނު ދާން ބޭނުން ވެގެން. އޭރު ނެތް ފުރުޞަތެއް"

"އޭރު ފުނަދޫއަށް ބަދަލުވުމަށް ލިބުނީ ހަމަ ރަނުގެ ފުރުޞަތެއް. ސަރުކާރުގެ ޚަރަދުގައި ގެ އަޅައިދީ، މި ރަށުގައި ހުރި ރުއްގަހަށް ބަދަލު ވެސް ދިން. އެކަމަކު އޭރު ވެސް ފުނަދުއަކީ ތިން ރަށު (ބޮމަސްދޫ، ފިރުނބައިދޫ، މާކަނޑޫދޫ) މީހުން އުޅޭ ރަށެއް. އެހެންވެ ބަދަލުވާން ބޭނުން ނުވީ"

"މިހާރު އެފަދަ ފުރުޞަތެއް ލިބިއްޖެނަމަ އަހަރެމެން ބަދަލުވާނަން. ބޮޑަށް ބޭނުން ވަނީ މިލަންދުއަށް ބަދަލުވާން"

"ތެދެއް! މިއީ އާބާދީ މަދު، ވަސީލަތްތައް ނެތް ރަށެއް. އޭރު ވެސް ފުނަދޫގައި ވަރަށް ގިނަ ކަންކަން ފަހިވެފައި ހުރީ. މުސްތަޤުބަލަށް ބެލިޔަސް ފުނަދުއަކީ ދިރިއުޅެން ހަމަ އެންމެ ރަނގަޅު އެއް ރަށް. އެކަމަކު އަހަރެމެން ބަދަލު ނުވީ އަމިއްލަ ވަޒަން، އުފަން ބިން ދޫކޮށްފައި ބަދަލުވާން ބޭނުންނުވާތީ. އެހެން ގޮތަކަށް ބުނާނަމަ އަމިއްލަ ފަސްގަނޑަށް އޮތް ލޯތްބާއި ކުލުނުގެ ސަބަބުން."

"ފުނަދޫއަށް ބަދަލުނުވީ މި ރަށުން މި ލިބޭ ފަލަމަޑީގެ ބާވަތްތައް ފުނަދޫން ނުލިބޭނެތީ. މި ރަށަކީ ވަރަށް ބިންގަނޑު މޮޅު، ހުރިހާ ބާވަތްތަކެއް ވަރަށް ފަސޭހަކަމާ އެކު ހެދޭ ރަށެއް" އުމުރުން 80 އަހަރުގެ އިސްރައްވެއްސަކު ބުންޏެވެ.

މިއީ މިހާރު ރަށުގައި ދިރިއުޅޭ އާންމުންގެ ތެރެއިން ބައެއް މީހުންގެ ޚިޔާލު ހުރިގޮތެވެ. މީގެ އިތުރުން ރަށު ކައުންސިލްގެ ރައީސް ޢަލީ ރަބީޢު ވިދާޅުވި ގޮތުގައި މިހާރު ނޫމަރާގައި ތިބި މީހުންގެ ތެރެއިން އެއްވެސް ފަރާތަކުން އެހެން ރަށަކަށް ބަދަލުވުމުގެ ފުރުޞަތު ހޯދުމަށް ރަސްމީ ސިފައެއްގައި ކައުންސިލަށް ހުށަހަޅާފައެއް ނުވެއެވެ. ރައްޔިތުން އަބަދު ވެސް އެދެމުން ދަނީ އުނދަގޫކޮށް ހުންނަ ޒަރޫރީ ކަންކަން ފަސޭހަކަމާ އެކު ކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމަށެވެ.

ބުނެވޭ ގޮތުގައި ނޫމަރައަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ވަރަށް ދުވަސްވީ ރަށެކެވެ. މިހާރު ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަ ރަށްތަކުން ފެންނަނީ ތަހުޒީބާއި ތަމައްދުންގެ ކުލަވަރެވެ. އިހުގެ ދިވެހިން އުޅުނު "ދިވެހިވަންތަ" ދިރިއުޅުމުގެ އެއްވެސް ނިޝާނެއް ގިނަ ރަށްރަށުން ފެންނާކަށް ނެތެވެ. އެކަމަކު "ހަމަހިމޭން ނޫމަރައަށް" ޒިޔާރަތްކޮށްލެވިއްޖެނަމަ ކާބަފައިން އުޅުނު "ޖަޒީރާވަންތަ" ދިރިއުޅުން އަމިއްލަ ލޮލުން ދެކި، އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.